މާލޭގެ މަގުމަތީ ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރަން ފާސްކޮށްފި

މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރަން މާލޭ ސިޓީ ކައުންސިލުން މިރޭ ފާސްކޮށްފި އެވެ.


ސިޓީ ކައުންސިލުން ބުނީ އެ އުސޫލަށް އަމަލުކުރަން ފަށާނީ ހަ މަސް ފަހުން ކަމަށެވެ.

"އެކަމާ ގުޅޭ ގަވައިދެއް ހަދައި، އެ ގަވައިދަށް އަމަލުކުރަން ފަށާނީ ހަ މަސް ފަހުން. މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވާނީ އޭގެ ފަހުން،" އެ މައްސަލަ ސިޓީ ކައުންސިލްގެ މިރޭގެ ބައްދަލުވުމަށް ހުށަހެޅުއްވި ކައުންސިލަރު ހުސައިން ޝަރީފު ވިދާޅުވި އެވެ.

"އެ ގަވައިދު ހަދާއިރު، ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތަކާ އަޅުގަނޑުމެން ބައްދަލުކޮށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރާނަން."

މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ފާސްކުރުމަށް ހުސައިން ހުށަހެޅުއްވިއިރު އެކަމަށް ތާއީދު ކުރެއްވީ ކައުންސިލަރު އަހުމަދު ޒަމީރެވެ. އެކަން ފާސްކުރީ މިރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެމްބަރުންގެ އިއްތިފާގުންނެވެ.

މާލޭގެ މޭޔަރު ޝިފާ މުހައްމަދަށް މިރޭގެ ބައްދަލުވުމަށް ވަޑައިގެންނެވޭ ގޮތް ނުވުމުން އަދި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް މިވަގުތު މާލޭގައި ވަޑައިގެން ނޫޅުއްވާތީ ރިޔާސަތު ބެލެހެއްޓެވީ ކައުންސިލް މެމްބަރު މުއްމަދު ރަޝީދު (ބޯދިގު) އެވެ.

މިހާރު ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައި ވަނީ ސަރުކާރުގެ އިދާރާތައް ފަދަ ތަންތަނުގެ ކައިރީގަ އެވެ. އަދި ކެފޭ/ރެސްޓޯރަންޓުތަކުގެ ތެރެއިން ސިނގިރޭޓު ބޮވޭނީ ސަރުކާރުން ހުއްދަ ދީފައިވާ ތަންތަނުގައި އެކަންޏެވެ.