ސަރުކާރާއި އެކު އޮންލައިންކޮށް ހިންގާ ފައިސާގެ މުއާމަލާތްތަކަކީ ގާނޫނީ ބާރު ލިބިގެންވާ އަދި ރާއްޖޭގެ ކޯޓުތަކުން ބަލައިގަންނަ ކަމަކަށް ހަދަން ގާނޫނެއް ހަދަން މަސައްކަތްކުރަމުން އަންނަ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވެއްޖެ އެވެ.
"ޑިޖިޓަލް ޓްރާންސެކްޝަން" ނަމުގައި ޑްރާފްޓުކުރަމުން އަންނަ މި ބިލް ގާނޫނަކަށް ވެއްޖެ ނަމަ އޮފީސްތަކާ އެކު ހިންގާ ހުރިހާ މުއާމަލާތެއް ވެސް ކޯޓުން ގަބޫލުކުރާނެ ކަމަށް މިނިސްޓަރު މަލީހު "މިހާރު" އަށް ވިދާޅުވި އެވެ.
"ހަމައެކަނި ފައިސާގެ މުއާމަލާތްތަކެއް ނޫން، އެކަމަކު ސަރުކާރުގެ އޮފީސްތަކާ އެކު ކުރަމުން އަންނަ އީމެއިލްތައް ވެސް ކޯޓުން ގަބޫލުކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ ކޮންސަލްޓަންސީގެ އެހީގައި ޑްރާފްޓްކުރަމުން އަންނަ މި ބިލް އެކުލަވައިލުމުގެ މަސައްކަތް ނިމެން ގާތްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އިކޮނޮމިކް މިނިސްޓްރީ އާ ގުޅިގެން ހަދާ މި ގާނޫނު ތަންފީޒުކުރާނީ ކޮމިއުނިކޭޝަން މިނިސްޓްރީންނެވެ.
އަޅުގަނޑުމެން މި މަސައްކަތްކުރަނީ މި ބިލް ވީހާ ވެސް އަވަހަކަށް މަޖިލީހަށް ފޮނުވާލަން: މިނިސްޓަރު މަލީހު
ސަރުކާރުގެ މަސައްކަތް ޑިޖިޓަލް ކުރަން ކުރަމުން އަންނަ މަސައްކަތަށް އެ ގާނޫނު ތަންފީޒު ކުރުމުން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާ ފާހަގަކުރެއްވި ގޮތުގައި އެއީ އީ-ގަވަނަންސް ވަރުގަދަ ވާނެ ކަމެކެވެ.
މީގެ އިތުރުން މި ގާނޫނު ތައާރަފްކުރުމުން ސަރުކާރުގެ އެކި ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ ގޮތް ހަމަޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މާލެއަށް ނައިސް އޮންލައިން ފޯމް މެދުވެރިކޮށް އެ ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީއާ ގުޅޭ އިތުރު ހަތަރު ގާނޫނެއް ހަދަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ސަރުކާރު ޑިޖިޓަލް ކުރުމުގައި މުހިއްމު ރޯލެއް މި ހަތަރު ގާނޫނު އަދާކުރާނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެއީ ސޯޝަލް މީޑިއާ ގާނޫނަކާއި ޑިޖިޓަލް ސިގްނެޗާ ގާނޫނަކާއި ޑޭޓާ ޕްރައިވެސީ ގާނޫނުގެ އިތުރުން ސައިބާ ގާނޫނު ކަމަށެވެ.