މިދިއަ އަހަރުގެ 1،000 ހައްޖު ކޯޓާ އޮތީ ޕީޕީއެމްގެ އިސް މީހުންނަށް ބަހާލާފައި

ސައުދީ ސަރުކާރުން މިދިޔަ އަހަރު ރާއްޖެ އަށް އިތުރުކުރި 1،000 ހައްޖު ކޯޓާގެ ތެރެއިން ގިނަ ޖާގަތަކެއް އޭރު ސަރުކާރު ހިންގި ޕީޕީއެމްގެ އިސް މީހުންނަށް ބަހާލިކަން "މިހާރު"އަށް ލިބުނު ލިއުންތަކުން ހާމަވެއްޖެ އެވެ.


އެ ޖާގަތައް ދިނީ، ލިއުންތަކުން ފެންނަ ގޮތުގައި، ކުރީގެ ސަރުކާރުގެ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ސިޔާސީ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންނަށެވެ. އޭގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ބައެއް މުވައްޒަފުންނަށް ވެސް ޖާގަ ދިނެވެ.

ސައުދީ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅާފައިވާ ރަސްމީ ކޯޓާ އަކީ 1،000 އެވެ. އެކަމަކު ކޮންމެ އަހަރަކު ވެސް އިތުރު 1،000 ކޯޓާއާ އެކު ޖުމްލަ 2،000 މީހުންނަށް ހައްޖުގެ އަޅުކަން ކުރުމުގެ ފުރުސަތު އެ ގައުމުން ރާއްޖެއަށް ދޭތާ ހަތަރު އަހަރު ވެއްޖެ އެވެ.

މިދިޔަ އަހަރު، ސައުދީ ސަރުކާރުން އިތުރު 1،000 ކޯޓާ ދިނީ ވަރަށް ލަސްވި ފަހުންނެވެ. އޭރު، ފުރަތަމަ ކޯޓާ އިން ޖާގަ ލިބުނު މީހުން ތިބީ މައްކާގަ އެވެ.

ފަހުން ލިބުނު 1،000 ކޯޓާ ބެހި ގޮތުގެ ތަފްސީލު އޭރު އިސްލާމިކް މިނިސްޓްރީ އާއި ހައްޖު ކޯޕަރޭޝަނުން ވެސް ނުދެ އެވެ.

ކޯޓާ ބެހި ގޮތާ ގުޅޭ ގޮތުން "މިހާރު" އަށް ލިބިފައިވާ ލިއުންތަކުގައިވާ ގޮތުން، އެ ކޯޓާ އިން ހައްޖަށް ގެންދަން އަމިއްލަ ކުންފުނިތަކަށް ދަތިތަކެއް ކުރިމަތިވުމުން އިސްލާމިކް މިނިސްޓްރީން ނިންމީ 900 ޖާގަ ހައްޖު ކޯޕަރޭޝަނަށް ދިނުމަށެވެ. ބާކީ 100 ޖާގަ ދިނީ އަމިއްލަ ދެ ކުންފުންޏަކަށެވެ.

ހައްޖު ކޯޕަރޭޝަނަށް ދިން 900 ޖާގަ އިން ހައްޖަށް ގެންދާނެ މީހުން ވެސް ކަނޑައެޅީ އިސްލާމިކް މިނިސްޓްރީންނެވެ. އެ ކޯޕަރޭޝަނަށް ފައިސާ ދައްކައި ހައްޖަށް ދިއުމުގެ އިންތިޒާރުގައި ތިބި މީހުންނަށް ބެލުމެއް ނެތެވެ.

އޮގަސްޓު، 9، 2018 ގައި އިސްލާމިކް މިނިސްޓަރު ޒިޔާދު ބާގިރު ސޮއިކުރައްވައި ހައްޖު ކޯޕަރޭޝަނަށް ފޮނުވި ލިސްޓުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންނަށް އެކަނި 143 ޖާގަ ދީފައިވެ އެވެ. އޭގެ އިތުރުން، މިނިސްޓަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ކުންފުނިތަކުގެ އިސް ބައެއް ބޭފުޅުންގެ ނަމުގައި ވެސް ޖާގަތައް ރިޒާވްކޮށްފައިވެ އެވެ.

މީގެތެރެއިން ބައެއް ބޭފުޅުންގެ ނަމުގައި 10-15 ޖާގަ ވެސް ރިޒާވްކޮށްދިނެވެ.

ޒިޔާދު ފުރަތަމަ ފޮނުއްވި ލިސްޓުގައި 900 މީހުން ހައްޖަށް ގެންދިއުމުގެ އިންތިޒާމް ހަމަޖައްސައިދޭން އެދިފައި އޮތަސް، ވަގުތު ކުޑަތަންވެފައި އޮތުމުން އެކަން ކުރެވެން ނެތިގެން، ހައްޖު ކޯޕަރޭޝަނުން ނިންމީ އެ ކޯޓާ އިން 400 މީހުން ހައްޖަށް ގެންދާށެވެ.

މި އަދަދަށް، އިޝާރާތްކުރައްވައި، އޮގަސްޓު، 12، 2018 ގައި ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިދުރީސް އިސްމާއީލަށް ޒިޔާދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެ ކޯޕަރޭޝަނުން އެދިފައިވާ ގޮތުގެ މަތިން 259 މީހުންގެ ލިސްޓަކާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލިސްޓެއް އެ ސިޓީއާ އެކު ހިމަނާފައިވާނެ ކަމަށެވެ.

ޒިޔާދު އެދިވަޑައިގެންފައި ވަނީ، އެ މީހުންނަށް ހައްޖަށް ގެންދިއުމުގެ އިންތިޒާމްތައް ކޯޕަރޭޝަނުން ހަމަޖައްސައި ދިނުމަށެވެ.

މި ލިސްޓުތަކާ ގުޅޭ ގޮތުން ހައްޖު ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދާ "މިހާރު" އިން ސުވާލު ދެންނެވުމުން ވިދާޅުވީ، ހައްޖު ކޯޕަރޭޝަނުން މިދިޔަ އަހަރު ހައްޖަށް ގެންގޮސްފައި ވަނީ ގާތްގަނޑަކަށް 960 މީހުން ކަމަށެވެ. އެއީ، ރަސްމީ ކޯޓާ އާއި ފަހުން ލިބުނު ކޯޓާ ހިމަނައިގެން ޖުމްލަ އަދަދެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ބެލިބެލުމުގައި ކޯޓާތަކުގެ ގާތްގަނޑަކަށް 50 ޕަސެންޓް ދޫކޮށްފައި ވަނީ ސިޔާސީ އެކި މަގާމްތަކަށް ކަން އޭނާ އަށް ލިބިވަޑައިގެންފައިވާ މައުލޫމާތުތަކުން ވެސް އެނގެ އެވެ. ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލް މިހާރު އޮތީ އެގޮތަށް އެކަން ކުރުމުގެ ފުރުސަތު ފަހިވާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޯޓާތައް ވަރަށް ބޮޑަށް، ނަހަމަ ގޮތުގައި ބޭނުންކޮށްފައި އޮތީ،" ހަމީދު ވިދާޅުވި އެވެ.

މިހާރު އޮތް އުސޫލު ކޮރަޕްޝަނަށް މަގުފަހިވޭ!

ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލްގައި، ރާއްޖެ އަށް ލިބޭ ކޯޓާގެ އަދަދު ބަހާނެ ގޮތް އޮތީ އިސްލާމިކް މިނިސްޓަރުގެ އަތް މައްޗަށް ދޫކޮށްލައިފަ އެވެ. މިއީ، މައްސަލައެއް ކަން، ހައްޖުގެ އިންތިޒާމްތަކާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ ހަފުތާގައި ނެރުނު ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވެ އެވެ.

އެ މައްސަލަ އޭސީސީން ފާހަގަކުރިއިރު، މިދިއަ އަހަރު ފަހުން ލިބުނު ކޯޓާގެ ތެރެއިން ޖާގަތަކެއް އޭސީސީގެ މެމްބަރަކަށް ވެސް ޚާއްސަކުރި އެވެ.

އޭސީސީގެ ރިޕޯޓުގައި ބުނެފައި ވަނީ، ހައްޖު އުސޫލަށް ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް އިސްލާމިކް މިނިސްޓްރީން ބަދަލު ގެނެ އެވެ. ރާއްޖެ އަށް ލިބޭ ކޯޓާގެ މަދުވެގެން 50 ޕަސެންޓް ކޮންމެ އަހަރަކު ވެސް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދޭންވާނެ ކަމަށް 2015 ވަނަ އަހަރުގެ ހައްޖު އުސޫލްގައި ބަޔާންކޮށްފައިވެ އެވެ. އެކަމަކު 2017 ގައި އަމަލުކުރަން ފެށި އުސޫލްގައި އޮންނަނީ، ހައްޖު ކޯޓާގެ ތެރެއިން ކޯޕަރޭޝަނަށް ދޭނެ މިންވަރު ކަނޑައަޅާނީ މިނިސްޓަރު ކަމަށެވެ.

ހައްޖު ކޯޕަރޭޝަނަށް ދޫކުރާ ޖާގައިގެ ތެރެއިން މިނިސްޓްރީން ބޭނުންވާ މިންވަރަކަށް ޖާގަ ރިޒާވްކޮށްދޭން ޖެހޭނެ ކަަމަށް ވެސް އުސޫލްގައި ކަނޑައަޅާފައިވެ އެވެ.

އޭސީސީން ބުނިގޮތުގައި ރިޒާވްކުރާ އަދަދުގައި ހިމަނައިގެން މިނިސްޓްރީން ހައްޖަށް ފޮނުވަނީ ކޮން ބައެއް ކަމާއި އެ ޖާގަ ދޭނެ ފަރާތްތައް ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލެއް އެކުލަވާލައިފައެއް ނުވެ އެވެ.

"މިގޮތަށް އުސޫލެއް ނެތި މިނިސްޓްރީން ބޭނުންވާ ފަރާތްތަކަކަށް ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ދެވުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމަކަށް ވާތީ، މިފަދަ ކަންކަމުން ހަމަހަމަކަމާއި އިންސާފުވެރިކަން ގާއިމްކުރުމަށް ހުރަސްއެޅުމުގެ ފުރުސަތު އޮވެ އެވެ،" ރިޕޯޓުގައިވެ އެވެ.

އެއީ، ކޯޕަރޭޝަނަށް ފައިސާ ދައްކައިގެން ހައްޖަށް ދިއުމުގެ އިންތިޒާރުގައި ތިބޭ ފަރާތްތަކަށް ލިބޭ ފުރުސަތު މަދުވެ ހައްޖަށް ނުދެވި ދިގު މުއްދަތަކަށް މަޑުކުރަން ޖެހިދާނެ ކަމެއް ކަން ވެސް އޭސީސީން ފާހަގަކޮށްފައިވެ އެވެ.