ހުޅުމާލެ ފަޅުގައި އޮތް ލޯންޗެއްގެ ބެޓަރީ ގޮވައި، ތިން މީހަކު ޒަހަމްވެއްޖެ

ހުޅުމާލެ ފަޅުގައި އޮތް އެމްޓީސީސީ ލޯންޗެއްގެ ބެޓަރީ ގޮވައި، ތިން މީހަކު މިއަދު ޒަހަމް ވެއްޖެ އެވެ.


ފުލުހުން ބުނީ މި ހާދިސާ ހިނގީ "އެކްސްޕްރެސް 1" ލޯންޗުގެ ޕެޓްރޯލް ޕަމްޕް ސްވިޗު ބަދަލުކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. ބެޓެރީ ގޮވީ ވަރަށް ބާރު އަޑަކާ އެކު އެވެ.

މި ހާދިސާގައި ޒަހަމްވި ތިން މީހުންނަށް ފަރުވާ ދެމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގަ އެވެ. އޭގެ ތެރެއިން ދެ މީހެއްގެ މޫނާއި އަތް ފިހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދައިގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލަށް ގެނައި މީހުންނަށް ލިބުނު އަނިޔާ ފެތެނީ ފަސްޓް ޑިގްރީ ބާންސް އަށް ކަމަށެވެ. މި ހާލަތުގައި އާންމުކޮށް ފޮޅެއް ވެސް ނުނަގާނެ އެވެ.