އޮޑިޓް ރިޕޯޓު ހުށަނާޅާތީ އަދާލަތާއި ޑީއާރުޕީ 50،000ރ. އިން ޖޫރިމަނާކޮށްފި

އަދާލަތު ޕާޓީ އާއި ޑީއާރުޕީގެ އޮޑިޓު ރިޕޯޓު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައި ނުވާތީ، އެ ދެ ޕާޓީ 50،000ރ. އިން ޖޫރިމަނާ ކުރަން އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.


ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، އޮޑިޓް ރިޕޯޓު ހުށަނާޅައިގެން އަދާލަތާއި ޑީއާރުޕީ ޖޫރިމަނާ ކުރިއިރު ޕީޕީއެމްގެ އޮޑިޓް ރިޕޯޓާ ގުޅިގެން އެ ޕާޓީ ވެސް ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށެވެ.

އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ޕީޕީއެމުން ފައިސާ ޚަރަދު ކުރިކަން ބަޔާން ކޮށްފައިވާތީ އެ ޕާޓީ 20،000ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ޕީޕީއެމްގެ ފައިސާ ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހާ 5،000ރ. އިން ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުން މިދިޔަ އަހަރު ހިންގި ހަރަކާތްތަކާއި ލިބުނު ފައިސާ އާއި ޚަރަދު ކުރި ގޮތުގެ ރިޕޯޓު، ޖެހިގެން އަންނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި އީސީ އަށް ހުށަހަޅަން ޖެހޭނެ އެވެ. ނަމަވެސް އެ މުއްދަތުގެ ފަހުން އަހަރީ ރިޕޯޓު ހުށަހަޅާފައިވާތީ އެމްޑީޕީ އާއި އަދާލަތާއި ޕީޕީއެމަށް ކޮމިޝަނުން ވަނީ އެ ގޮތަށް އަމަލު ނުކުރުމަށް އަންގައި އިންޒާރުދީފަ އެވެ.