މަޖިލީހުގެ ރައީސަކަށް އެންމެ އެކަށީގެން ވަނީ އަފީފް: ރައީސް

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެންމެ އެކަށީގެން ވަނީ ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން އަފީފް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.


ރައީސް މިގޮތަށް ވިދާޅުވީ މި ހިނގާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މި މަހުގެ 28 ގައި ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ އެކު ރައްޔިތުންގެ މަޖިލީހުގައި މިރޭ އޮތް ތަރާވީހަކަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މަޖިލީހުގެ ރައީސަކަށް ތާއީދު ކުރައްވަނީ ކޮން ބޭފުޅަކަށްތޯ ނޫސްވެރިއަކު ދެންނެވުމުން، ރައީސް ވިދާޅުވީ އެމަނިކުފާނުގެ މަގާމުގެ ހައިސިއްޔަތުން ވަކި ބޭފުޅެއްގެ ނަން ވިދާޅުވުން އެހާ ރަނގަޅެއް ނޫން ކަމަށެވެ.

އެކަމަކު، ފަހުން އެމަނިކުފާނު ވަނީ އަފީފްގެ އިތުރުން މަޖިލިހުގެ ރައީސް ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމްގެ ނަން ފާހަގަ ކުރައްވައިފަ އެވެ. އެކަމަކު، އެމަނިކުފާނުގެ ވާހަކަފުޅުގައި ބޮޑަށް ތައުރީފް ކުރެއްވީ ވެސް އަފީފަށެވެ.

"އަފީފްގެ މަސައްކަތް މީގެ ކުރިން ފެނިފައި އެބަހުރި. އަސްލަމާ އެކު މަސައްކަތް ކުރެވިފައި އެބަހުރި. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަފީފަކީ މިކަމަށް އެންމެ އެކަށީގެންވާ ބޭފުޅާ،" ރައީސް ވިދާޅުވި އެވެ.

ހަސަން އަފީފް "މިހާރަ"ށް އިންޓަވިއު ދެއްވަނީ. --ފައިލް ފޮޓޯ

އަފީފަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ރައީސް ވިދާޅުވީ އަފީފްގެ އިތުރުން މަޖިލިހުގެ ރައީސް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ފަދަ ބޭފުޅުންނަކީ ވަރަށް ތަޖުރިބާ ލިބިވަޑައިގެންފައި ތިއްބެވި މެމްބަރުން ކަމަށާއި އެބޭފުޅުން ދައްކަވާ މަގުން ކުރިއަށް ވަޑައިގެންފި ނަމަ، ކުރިއަށް އޮތް މަޖިލިސް އެންމެ ރަނގަޅު މަޖިލިހަށް ވެގެންދާނެ ކަމަށެވެ.

"ވަރަށް ތަޖުރިބާކާރު މެމްބަރުން މަޖިލިހުގައި އެބަ ތިއްބެވި. ގާސިމާއި އަނެއްކާ ވެސް ވިލުފުއްޓަށް ހޮވިވަޑައިގެންނެވި އަފީފް ފަދަ ބޭފުޅުންނަކީ ދިގު ޒަމާނެއްގައި ވަރަށް ތަފާތު ތަޖުރިބާތަކެއް ކުރައްވާފައި ތިއްބެވި ބޭފުޅުން. އެ ބޭފުޅުން ދައްކަވާ މަގުން ކުރިއަށް ވަޑައިގެންފި ނަމަ، 19 ވަނަ މަޖިލިސް ވެގެން ދާނީ އަޅުގަނޑުމެން މިހާތަނަށް ދެކޭނެ އެންމެ ރަނގަޅު މަޖިލިހަށް،" ރައީސް ވިދާޅުވި އެވެ.

މިދިޔަ މަހު ބޭއްވި އާންމު އިންތިޚާބުގައި 19 ވަނަ ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވި ބައެއް ބޭފުޅުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ސަލާމް ކުރައްވަނީ.---ފޮޓޯ: މަޖިލިސް

ރައީސް ވަކި ބޭފުޅެއްގެ ނަން މި ވިދާޅުވީ އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އަސްލަމާއި އެމްޑީޕީގެ އެހެން ބައެއް މެމްބަރުން ވެސް ތިއްބެވި ވަގުތެއްގަ އެވެ.

އަފީފާއި އަސްލަމްގެ އިތުރުން މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީން ޝައުގުވެރިކަން ފާޅުކުރެއްވީ މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމާއި މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފް (މަވޯޓާ)ގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. މި ބޭފުޅުންގެ ތެރެއިން މަޖިލިހުގެ ރައީސް ކަމުގެ ގޮނޑި އަށް އެންމެ ބޮޑަށް ވާދަކުރައްވާ ދެ ބޭފުޅުންނަކީ ވެސް އަފީފާއި އަސްލަމެވެ.

މަޖިލީހުގެ ރައީސަކަށް އެންމެ އެކަށީގެން ވަނީ އަފީފް ކަމަށް ރައީސް ވިދާޅުވި އިރު، ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ އިންތިޚާބީ މެމްބަރު މުހައްމަދު ނަޝީދު ބޭނުންފުޅު ވަނީ މަޖިލިހުގެ ރައީސް ކަމަށް އަސްލަމް ގެނައުމަށެވެ. އަސްލަމަކީ ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ.

ރައީސް ވިދާޅުވި ގޮތުގައި އަލަށް ފަށާ މަޖިލިހަކީ ކުރިއަށް ވުރެ ރަނގަޅަށް މަސައްކަތް ކުރާ ތަނަކަށް ވެގެން ދިއުމަކީ އެމަނިކުފާނުގެ އެދިވަޑައިގަތުމެކެވެ. އަދި މަޖިލިހަކީ ގަވައިދާ އެއްގޮތަށް ޑިމޮކްރަސީ ހަމަތަކުގެ މަތިން އުސޫލުތައް ދަމަހައްޓައި ތަނަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލިހަށް ވެގެންދާ ތަން ފެނުން އެއީ އަޅުގަނޑުގެ އެދުމަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަޖިލިހުގެ މެމްބަރުން އިސް ކުރައްވަންވާނީ އަމިއްލަ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު ކަމަށެވެ. މަޖިލިހުގެ ތެރޭގައި ތަފާތު އޮއިވަރުތައް އެނބުރެމުން ދާއިރު، އެކަމުން ސަލާމަތްވެ، ރައްޔިތުން އިސްކޮށްގެން ކުރިއަށް ދިއުމަށް ވެސް އެމަނިކުފާނު ނަސޭހަތްތެރި ވެވަޑައިގެންނެވި އެވެ.

މަޖިލިހުގެ ސުޕަ މެޖޯރިޓީ ވަކި ޕާޓީއަކަށް ލިބުމަކީ އޭގެ ޒާތުގައި ރަނގަޅު ކަމަކަށް ނުވެ ހިނގައިދާނެ ކަމަށާއި އެކަން ބިނާވާނީ މެޖޯރިޓީން އަމަލު ކުރާ ގޮތަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި މިރޭ އޮތް ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އަދި މަޖިލިހުގެ ނައިބު ރައީސް މޫސަ މަޝްވަރާއެއްގައި.---ފޮޓޯ: މަޖިލިސް

މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް ހޮވުން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެ އެވެ. އޭގެ ކުރިން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބޭފުޅުންގެ މެދުގައި ވޯޓެއް ނަގައިގެން މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް ކަނޑައަޅާ ގޮތަށް އެ ޕާޓީން ވަނީ ހަމަޖައްސައިފަ އެވެ.

މަޖިލިހުގެ ރައީސާއި ނައިބު ރައީސަކު ހޮވުމުގެ ވޯޓު ނަގާނެ ގޮތަކާ މެދު އެމްޑީޕީގެ ތެރޭގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފަ އެވެ. ބައެއް މެމްބަރުން ގަބޫލު ކުރައްވާ ގޮތުގައި މަޖިލިހުގެ ރައީސާއި ނައިބު ރައީސަކު ކަނޑައަޅަން ވާނީ ސިއްރު ވޯޓެއް ނަގައިގެންނެވެ. އެކަމަކު، އެކަމާ ދެކޮޅު ހައްދަވާ މެމްބަރުން ވިދާޅުވީ ޑިމޮކްރަސީގެ ރިވެތި އުސޫލަކީ ހާމަކަން ބޮޑު ވޯޓަކަށް ދިއުން ކަމަށެވެ.

އާ މަޖިލީހުގެ ސާފު މެޖޯރިޓީ ލިބިފައި ވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށެވެ. އެ ޕާޓީން ވަނީ މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއީ ސިޔާސީ ޕާޓީ އަކަށް ރައްޔިތުންގެ މަޖިލިހުން މިހާ ގިނަ އަދަދެއްގެ ގޮނޑި ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.