ދިއްފުށީގައި ވަގަކު ހޯދަން ނުކުމެ ހިންގި ހަމަނުޖެހުމުގައި ޒަޚަމްވި މީހެއްގެ ހާލު ސީރިއަސް

ކ. ދިއްފުށީގައި ރޭ ހިނގި ވައްކަމަކާ ގުޅިގެން އެ ރަށުގެ ރައްޔިތުން ވަގުން ހޯދަން ނިކުމެ އުޅެނިކޮށް ހިނގި ހަމަނުޖެހުމެއްގައި ދެ މީހެއްގެ ގަޔަށް މިރޭ ވަޅި ހަރައިފި އެވެ.


ރޭ ހާރުދަން ވަގުތު ދިއްފުށީ ލަވްލީގާޑް ކިޔާ ފިހާރައެއް ފަޅާލައި 180،000 ރުފިޔާ ވަނީ ވަގަށް ނަގައިފަ އެވެ. އަދި އެ މީހުން ހޯދަން އެ ރަށުގެ ގިނަ ބަޔަކު މިރޭ ވަނީ ނިކުމެފަ އެވެ.

ކައުންސިލް މެމްބަރު އިބްރާހިމް ސާޖިދު ވިދާޅުވީ އޭނާގެ ގޭގެ ފިހާރަ އިން ވައްކަން ކުރި މީހުން ހޯދަން ނުކުމެ އުޅެނިކޮށް، ޖެހިގެން ހުރިގެއިން ބައެއް ފައިސާތައް ފެނިފައިވާ ކަމަށެވެ. އަދި އެ ފައިސާ ވަގަށް ނެގިކަމަށް ތުހުމަތު ކުރެވޭ މީހާ ހޯދަމުން ދަނިކޮށް، މީހުންގަނޑުގެ ތެރެއަށް އޭނާާ ވަޅިއެއް ހިފައިގެން ނުކުމެ ދެ މީހަކަށް ހަމަލާ ދީފައިވާ ކަމަށް ވިދާޅުވި އެވެ.

"އެކަކުގެ އަތަށް ވަޅި ހެރުމުން އޭނާގެ އަތުގެ ނާރު ވެސް ވަނީ ބުރިވެފައި. އޭނާގެ ހާލު ސީރިއަސް،" ސާޖިދު ވިދާޅުވި އެވެ.

ޒަހަމްވި އެ މީހާ މާލެ ގެނެސް، އައިޖީއެމްއެޗުގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

ވަޅި ހެރި މީހާ ހުއްޓުވަން އުޅެނިކޮށް އެހެން މީހަކު ވެސް ވަނީ ޒަހަމްވެފަ އެވެ. އެކަމަކު އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.

ސާޖިދު ވިދާޅުވީ ވަޅިހެރުމާ އެކު މީހުންތައް އެ މީހާގެ ގަޔަށް އަރައިގަތް ކަމަށާއި އެހެންވެ، ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް އޭނާއަށް ލިބުނު ކަމަށެވެ. އަދި އެ ވަގުތު އެ ސަރަހައްދަށް ފުލުހުން ގޮސް އެ މީހާއަށް ހިމާޔަތްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުންގެ ހިމާޔަތުގައި މިހާރު އޭނާއަށް އަންނަނީ ސިއްހީމަރުކަޒުގައި ފަރުވާ ދެމުން،" ސާޖިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ބޮޑު ގުރޫޕެއް އެ ރަށުގައި އޮންނަ ކަމަށާއި ކުރިއްސުރެ ތަކުރާރުކޮށް އެ މީހުންގެ އުނދަގޫ ރައްޔިތުންނަށް ބޮޑު ކަމަށެވެ. އަދި ރޭ ހިނގި ވައްކަމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓު ނުކުރީ މިހާތަނަށް އެ މީހުން ހޯދައި ފިޔަވަޅެއް އެޅިފައި ނުވާތީ ކަމަށް ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑުމެން ނިންމީ ރައްޔިތުން ނުކުމެ ވަގުން ހޯދަން. އަންހެނުންނާއި ފިރިހެނުން ވެސް ހިމެނޭ ގޮތަށް ގިނަ ބަޔަކު ނުކުތް،" ސާޖިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރޭ އެގޭ ފިހާރަ ފަޅާލައިގެން، ތިޖޫރީގައި ހުރި ނަގުދު ފައިސާގެ އިތުރުން ގިނަ އަދަދެއްގެ ފޯނު ކާޑު ވެސް ވަނީ ވަގަށް ގެންގޮސްފަ އެވެ. އަދި މިއީ އެ ގެއިން ވައްކަން ކުރި ތިން ވަނަ ފަހަރު ކަމަށާއި މީގެ ކުރިން ދެ ލައްކަ ރުފިޔާ ވެސް ވަގަށް ނަގާފައިވާ ކަމަށް ސާޖިދު ވިދާޅުވި އެވެ.