ދެކޮޅަށް ވޯޓު ދިނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިދާނެތީ: ފޮރިން މިނިސްޓްރީ

ރާއްޖޭގެ ދެކުނުން އޮންނަ އޮތް ޗާގޯޒް އައިލެންޑްސް، މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމާ ދެކޮޅަށް ރާއްޖެ އިން ވޯޓު ދިނީ، ރާއްޖޭގެ ސަރަހައްދީ އިން ވަކި ކުރުމާ ގުޅޭ މައްސަލައިގައި ވަކި ގޮތަކަށް ނުނިމެނީސް މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދީފި ނަމަ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިދާނެތީ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.


އދ.ގެ އާއްމު މަޖިލީހުގައި ބުރާސްފަތިދުވަހު ނެގި ވޯޓުގައި، ރާއްޖެ އިން ވޯޓު ދިނީ، ޗާގޯޒް އައިލެންޑްސް، އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި ބާއްވަން ތާއީދުކޮށެވެ.

ރާއްޖެއާ އެކު ހަ ގައުމަކުން އިނގިރޭސި ވިލާތާ އެއްކޮޅަށް ވޯޓު ދިން އިރު، 116 ގައުމަކުން ތާއީދުކުރީ ޗާގޯޒް މޮރިޝަސްގެ ތަނެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. ފަންސާސް ހަ ގައުމަކުން ވަކި ކޮޅަކަށް ވޯޓެއް ނުދެ އެވެ. އޭގެ ތެރޭގައި ފްރާންސާއި ޖަރުމަން ވެސް ހިމެނެ އެވެ. ގަރާރާ ދެކޮޅަށް ރާއްޖޭގެ އިތުރުން ދެން ވޯޓު ދިނީ އިނގިރޭސި ވިލާތް، އެމެރިކާ، އޮސްޓްރޭލިއާ، ހަންގޭރީ އަދި އިޒްރޭލެވެ.

ދެކޮޅަށް ވޯޓު ދިނީ ބަޔަކު ރުއްސާކަށް ނޫން، މިއީ ދިވެހިރާއްޖޭގެ ސަރަހައްދުން އެންމެ ތަންފުކެއްވެސް ދޫކޮށްނުލަން ދިން ވޯޓެއް. --ފޮރިން މިނިސްޓްރީ

އދ.ގެ އާއްމު މަޖިލީހަށް ގަރާރެއް ހުށަހަޅާފައި މިވަނީ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ޗާގޯޒް މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ލަފައެއް ނެރެފައި ވަނިކޮށެވެ. އދ.ގެ އާއްމު މަޖިލީހަށް ގަރާރެއް މި ހުށަހެޅީ، އެ ކޯޓުގެ ލަފާ ތަންފީޒުކުރަން މެމްބަރު ގައުމުތަކަށް ގޮވާލުމަށެވެ.

ބައިނަލްއަގުވާމީ ކަނޑުތަކާ ބެހޭ ގާނޫނު (ލޯ އޮފް ދަ ސީސް)ގެ ދަށުން ރާއްޖޭގެ ސަރަހައްދީ އިން ވަކި ކުރުމުގެ މައްސަލަ އޮތީ އދ. އަށް ހުށަހަޅައިފަ އެވެ.

ޗާގޯޒް މައްސަލައިގައި މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިން އަނެއް ސަބަބަކީ، ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވި ގޮތުގައި އައިސީޖޭ އިން ދީފައި ވާ ލަފައަކީ އަމަލުކުރުން ލާޒިމް ލަފައަކަށް ނުވުމުވެ. މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ހިމާޔަތްކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުން ލިބޭ ސަރަހައްދު ކަށަވަރު ކުރާށެވެ. އދ. އަދި ޕްލެޓްފޯމެއްގައި ވެސް ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް އުނިކަމެއް އަތުވެދާނެ ގޮތަކަށް ސަރުކާރުން ވޯޓު ނުދޭނެ ކަމަށް މިއުވާން ވިދާޅުވި އެވެ.

"މިއީ، އިނގިރޭސިން ނުވަތަ އެމެރިކާ ރުއްސަން ނުވަތަ އިސްރާއީލް އާއި އެއްކޮޅަށް ދިން ވޯޓެއް ނޫން. ނުވަތަ މޮރިޝަސް އާއި ދުނިޔޭގެ އެހެން ގައުމުތަކާއި ދެކޮޅަށް ދިން ވޯޓެއް ނޫން. މިއީ ދިވެހިރާއްޖޭގެ ސަރަހައްދުން އެންމެ ތަންފުކެއް ވެސް ދޫކޮށް ނުލުމަށް ދިން ވޯޓެއް،" އޭނާ ވިދާޅުވި އެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ޗާގޯޒް އައިލެންޑްސްއާ ސަރަހައްދީ ރޮނގު ހިއްސާކުރާ ގައުމުތަކުގެ ތެރެއިން ސަރަހައްދީ ރޮނގު ފުށުއަރަނީ ހަމައެކަނި ރާއްޖެއާ އެވެ. މި މައްސަލައިގައި ރާއްޖޭގެ މަސްލަހަތު ބޮޑުވަނީ އެހެންވެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޗާގޯޒް، މޮރިޝަސްގެ ބާރުގެ ދަށަށް ދިޔުމުން ކޮންމެ ގައުމަކަށް ލިބޭ 200 މޭލުގެ ސަރަހައްދުގެ ތެރެއިން ރާއްޖެ އަށް ލިބޭ 200 މޭލުގެ ސަރަހައްދުގެ ތެރެއަށް މޮރިޝަސްގެ ސަރަހައްދު ވަދެ، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލިގެން ހިނގައިދާނެ އެވެ. ފޮރިން މިނިސްޓްރީގެ ވިސްނުމަކީ އެކަން ވިޔަ ނުދިނުމެވެ.

"ހަމައެކަނި ގައުމުގެ ގޮތުގައި އޮވެ، އެކަނިމާއެކަނި މިމައްސަލައިގައި މަސައްކަތްކުރަން ޖެހުނަސް އެންމެ ފަހު ގައުމާ ޖެހެންދެން ވެސް ރާއްޖެ އިން ދަމަހައްޓާނީ މި ސްޓޭންޑް،" މިއުވާން ވިދާޅުވި އެވެ.

މީގެކުރިން ރާއްޖެ އިން ގަބޫލްކުރީ، ޗާގޯޒް މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދުގައިވާ މައްސަލައެއްގެ ގޮތުގަ އެވެ. ނަމަވެސް 2010 ގައި "ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް" ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދޭން އެދުމުން މޮރިޝަސް އިން ވަނީ އެކަމަށް އިއުތިރާޒްކޮށް އެކަން އދ.ގެ ސެކްރެޓަރީ ޖެނެރަލަށް ހުށަހަޅައިފަ އެވެ.

މޮރިޝަސް އިން އިއުތިރާޒްކޮށްފައި ވަނީ ރާއްޖޭގެ ހުށަހެޅުމުގައި ޗާގޯޒްގެ ހާއްސަ އިގްތިސާދީ ސަރަހައްދު ފާހަގަކޮށްފައި ނުވާތީ އާއި ރާއްޖެ އިން ހުށަހެޅި ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަަމަށް ބުނެ އެވެ. އެއަށް ފަހު، އައްޑު އަތޮޅާއި ޗާގޯޒްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވުމަކަށް އައުމަށް މޮރިޝަސް އިން ވަނީ ރާއްޖެ އަށް ގޮވާލައިފަ އެވެ.

ޗާގޯސް އައިލެންޑްސް މޮރިޝަސް އަތުން އިނގިރޭސިން ވަނީ 1965 ވަނަ އަހަރު ތިން މިލިއަން ޕައުންޑަށް ގަނެފަ އެވެ. އެމެރިކާއާ އެކު ޗާގޯޒްގެ ޑިއެގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ގާއިމްކުރުމަށް އިނގިރޭސިން ވަނީ 1967 އާއި 1973 އާ ދެމެދު އެ ރަށްތަކުން މީހުން ހުސްކޮށްފަ އެވެ. ޑިއެގޯ ގާސިއާ އެމެރިކާ އަށް ދޫކޮށްފައިވާ މުއްދަތު 2016 ގައި ވަނީ 2036 ވަނަ އަހަރާ ހަމައަށް އިތުރުކޮށްފަ އެވެ.

އިންޑިއާ ކަނޑުގައި ރާއްޖޭގެ ދެކުނުން 500 ކިލޯ މީޓަރު ދުރުގައި އޮންނަ ޗާގޯޒް އައިލެންޑްސްގައި ހަތް އަތޮޅު ހިމެނެ އެވެ. މި އަތޮޅުތަކުގައި 60 ރަށް އެކުލެވެ އެވެ.