އެކްސިޑެންޓެއްގައި ޓެކްސީއަކަށް ބޮޑެތި ގެއްލުންތަކެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޓެކްސީއަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.


އެ އެކްސިޑެންޓް ހިނގީ އެއާޕޯޓަށް ޓެކްސީގައި ދާ މީހުން ބޭއްލުމަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ޓެކްސީއެއް މަޑުކޮށްގެން އޮއްވައި އެމްއޭސީއެލްގެ ތެޔޮ ބައުޒަރެއް ފަހަތުން އައިސް ޖެހިގެންނެވެ.

އެ އެކްސިޑެންޓުގައި މީހަކަށް އަނިޔާއެއް ނުލިބެ އެވެ.

ނަމަވެސް ޓެކްސީ ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ޓެކްސީގެ ޑިކީ މަތިގަނޑާއި ބަފަރުގެ އިތުރުން ފަހަތު ވިންގު ވަނީ ވަރަށް ބޮޑަށް ގޮނބިވެފަ އެވެ. އެއީ ކުލީ ދުވެލީގެ ޓެކްސީއެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި ރޯދަ މަހު ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓުތައް އާއްމުވެފަ އެވެ. ހުޅުމާލޭގައި އެމްޓީސީސީން ދުއްވާ ބަހަކުން ޖެހި ޓޫރިސްޓަކު ވެސް މަރުވެފައިވެ އެވެ. އަދި ބައެއް އެކްސިޑެންޓްތަކުގައި މީހުންނާއި ތަކެއްޗަށް ވަނީ އެކި ވަރުގެ ގެއްލުންތައް ވެފަ އެވެ.