ހުޅުމާލޭގައި ވެހިކަލް ރަޖިސްޓްރީކޮށްދިނުން މަޑުޖައްސާލައިފި

ހުޅުމާލޭގައި ވެހިކަލް ރަޖިސްޓްރީ ކުރާ ސަރަހައްދުން ޖާގަ ހުސްވެފައިވާތީ، ވެހިކަލް ރަޖިސްޓްރީކޮށްދިނުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަނެއްކާވެސް މަޑުޖައްސާލައިފި އެވެ.


އެޗްޑީސީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނީ، ވެހިކަލް ރަޖިސްޓްރީ ކުރުން މަޑުޖައްސާލީ އިތުރު ޕާކިން ސަރަހައްދުތަކެއް ކަނޑައެޅެންދެން ކަމަށެވެ. މިހާރު ވެހިކަލް ރަޖިސްޓްރީ ކުރެވޭނީ ގަރާޖު ހަދާފައިވާ ތަންތަނުގައި އެކަނި ކަމަށް އެޗްޑީސީން ބުންޏެވެ.

ގަރާޖެއް ނެތަސް ހުޅުމާލޭގެ ކޮންމެތަނެއްގައި ޕާކު ކުރެވޭ ގޮތަށް އުޅަނދު ރަޖިސްޓްރީކުރަމުން އައި އުސޫލަށް އަމަލުކުރުން މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި ވެސް މަޑުޖައްސާލި އެވެ. މިދިޔަ މާޗު މަހުގެ ތެރޭގައި އެ އުސޫލު މުރާޖާއާކޮށް، ފްލެޓުތަކާއި ރޯ ހައުސް ނުވަތަ ބިންތަކުގެ ވެރިފަރާތަށް އެކަނި އުޅަނދު ރަޖިސްޓަރީ ކުރެވޭ ގޮތަށް ބަދަލުކުރި އެވެ.

ހުޅުމާލެ އަށް ވެހިކަލް އެތެރެކުރަން ބޭނުންވާ މީހުންގެ އަދަދު ދެނަގަތުމުގެ ސާވޭއެއް ވެސް އެޗްޑީސީން ވަނީ ފަށައިފަ އެވެ. މިއީ، އުޅަނދު ޕާކު ކުރާނެ އާ ޖާގަ ހުޅުމާލޭގައި ކަނޑައެޅުމުގެ ކުރިން، އުޅަނދު އެތެރެކުރަން ބޭނުންވާ މިންވަރު ހޯދަން ކުރާ ސާވޭއެކެވެ.

އެ ސާވޭ ފުރިހަމަކުރަން ބޭނުންވާ ފޯމު މިއަދުން ފެށިގެން ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ކުރިން އެ ފޯމުތައް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެތަނުން ބުންޏެވެ.

ހުޅުމާލޭ ޕާކިން ޖާގަތައް ހުސްވީ ސިނަމާލެ ބްރިޖް ހުޅުވުމާ އެކު ހުޅުމާލޭގައި ރަޖިސްޓްރީކުރަން އެތެރެކުރި އުޅަނދުތައް ގިނަވެގެންނެވެ.