ނަޝީދާއި އިމްރާނަކީ މިހާރު ޕާޓީގެ ރައީސުންނެއް ނޫން: އިލެކްޝަންސް

އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީ އާއި އަދާލަތު ޕާޓީގައި މިވަގުތު ރައީސަކު ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.


އިލެކްޝަންސް ކޮމިޝަނުން މި ގޮތަށް ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ލިސްޓެއް ފޮނުވައިދޭން އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ފޮނުވި ސިޓީއެއްގެ ޖަވާބުގަ އެވެ.

އެމްޑީޕީ އާއި އަދާލަތު ޕާޓީގެ ރައީސްގެ މަގާމު ހުސްވީ، އިލެކްޝަނުން ބުނެފައިވާ ގޮތުގައި، ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހާ އެކު އެވެ.

"ގާނޫނަށް ގެންނަ އިސްލާހުތަކާ އެއްގޮތަށް ކޮމިޝަނުން އަމަލުކުރަމުން އަންނަނީ،" ކޮމިޝަންގެ މެމްބަރަކު "މިހާރަ"ށް ވިދާޅުވި އެވެ.

އެ އިސްލާހުގެ 64 ވަނަ މާއްދާގައި ބުނެފައި ވަނީ "ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާއްމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެނެއް ނުވެ އެވެ."

ނަޝީދުގެ މައްޗަށް 13 އަހަރުގެ ހުކުމެއް އިއްވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގަ އެވެ. މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރެއްވުމަށް ފަހު ބޭސްފަރުވާ އަށް މިދިޔަ ޖެނުއަރީ މަހު އިނގިރޭސިވިލާތަށް ވަޑައިގެން އެ މަނިކުފާނު ވަނީ ހިމާޔަތް ހޯއްދަވައިފަ އެވެ.

އިމްރާނަށް 12 އަހަރުގެ ހުކުމެއް އިއްވީ މެއި 1، 2015 ގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި ކަން ސާބިތުވުމުންނެވެ. ހިންމަފުށީ އައްސޭރި ޖަލުގައި ހުކުމް ތަންފީޒުކުރެއްވި އިމްރާން މިހާރު ގޭބަންދަށް ބަދަލުކޮށްފައި ވަނީ އެ ތަން މަރާމާތުކުރުމަށެވެ.

ގާނޫނަށް އިސްލާހު ގެނައީ ނަޝީދާއި އިމްރާންގެ މަގާމް ގެއްލުވާލަން ކަަމާއި އެ އިސްލާހު ފާސްކުރިއަސް އެ ދެ ބޭފުޅުންގެ މަގާމު ގެއްލިފައިވާ ކަމަށް ގަބޫލުނުކުރާ ކަމަށް އެމްޑީޕީ އާއި އަދާލަތުން ވަނީ ބުނެފަ އެވެ.