ހައްޖަށް ދާން ޕެންޝަން ފައިސާ ދޫކުރުމާ ބެހޭ ގަވައިދަށް އަމަލު ކުރަން ފަށައިފި

ޕެންޝަން ފައިސާ އިން ހައްޖުގެ އަޅުކަން އަދާކުރެވޭ ގޮތަށް ކަނޑައަޅައި ޕެންޝަން އޮފީހުން އެކުލަވައިލި ގަވައިދަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.


ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި "ފަރުޟު ހައްޖުވުމަށް ޕެންޝަން ފައިސާ އިން ފައިސާ ދޫކުރުމާ ބެހޭ ގަވައިދު" ގައި ބުނެފައި ވަނީ ޕެންޝަން ސްކީމްގައި ބައިވެރިވެފައި ތިބި މީހުންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކުރަން ރިޓަޔަމަންޓް ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނީ އަލަށް ހައްޖަށް ދާ މީހުންނަށް ކަމަށެވެ.

ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ޝަރުތުތަކުގެ ތެރޭގައި، ހައްޖަށް ދާން ފައިސާ ދޫކުރުމަށް އެދި ހުށަހަޅާ އިރު ރިޓަޔަމަންޓް ސޭވިން އެކައުންޓުގައި 336،000ރ. ހުރުން ހިމެނެ އެވެ. އެއީ ޕެންޝަން ލިބޭ އުމުރަށް ދިއުމުން މަހަކު 2000ރ. ދިނުމަށް ބޭނުންވާ އެންމެ މަދު މިންވަރެވެ.

އަދި ގެދޮރު ގަތުމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލެޓަރައިޒް ކުރުމާ ބެހޭ ގަވައިދުގެ ދަށުން ކޮލެޓަރައިޒްކޮށްފައިވާ ބައިވެރިއެއް ނަމަ، ކޮލެޓަރައިޒްކޮށްފައިވާ އަދަދު ނުހިމަނައި ގަވައިދުގައި ބުނާ އެންމެ މަދު މިންވަރުގެ ފައިސާ ރިޓަޔަމަންޓް ސޭވިން އެކައުންޓްގައި ޖަމާވެފައި ހުރި ބައިވެރިއަކަށް ވާން ޖެހޭނެ ކަމަށް ވެސް ގަވައިދުގައި ވަނީ ބުނެފަ އެވެ.

އަލަށް ހައްޖަށް ދިއުމަށް ހުށަހަޅާ އިރު، އެމީހަކީ ހައްޖަށް ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން ހައްޖަށް ގެންދިއުމަށް ނިންމާފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށް ގަވައިދުގައިވެ އެވެ.

ގަވައިދުގައިވާ ގޮތުން، ޕެންޝަން ސްކީމްގެ ބައިވެރިއަކަށް ފަރުޟު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދޫކުރެވޭނީ ހައްޖަށް ގެންދިއުމުގެ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން އެ އަހަރަކަށް ކަނޑައަޅާފައިވާ އަދަދުގެ 50 ޕަސަންޓަށް ވުރެ އިތުރު ނުވާ މިންވަރު ކަމަށެވެ.

ޕެންޝަން ސްކީމުން ފަރުޟު ހައްޖުވުމަށް ދޫކުރާ ފައިސާ ލިބުމަށް އެދި ކޮންމެ އަހަރަކު ހުށަހަޅާ ބައިވެރިންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފައިސާ ދޫކުރެވޭނެ ކަމަށް ގަވައިދުގައިވެ އެވެ.

އޭގައިވާ ގޮތުން، ހައްޖުވުމަށް ފައިސާ ލިބުނު ބައިވެރިއަކު އެއްވެސް ސަބަބަކާ ހުރެ އެ އަހަރަކު ހައްޖަށް ނުދެވިއްޖެ ނަމަ، އެ އަހަރެއްގެ ހައްޖު ދުވަހުގެ ފަހުން ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެ ބައިވެރިއަކު ހައްޖަށް ދާން ލިބުނު ފައިސާ އަނބުރާ ޕެންޝަން އޮފީހަށް ރައްދު ކުރަން ވާނެ އެވެ.

އަދި ޕެންޝަން އޮފީހަށް ފައިސާ ލިބޭތާ 15 ދުވަސް ތެރޭގައި އެ ބައިވެރިއެއްގެ އެކައުންޓަށް ޖަމާކުރަން ވާނެ ކަމަށް ބުނެފައިވެ އެވެ.

ޕެންޝަން ސްކީމްގައި ބައިވެރިވާ މީހުންނަށް ހައްޖަށް ދެވޭނެ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ރައްޔިތުންގެ މަޖިލިހުން ފާސް ކުރީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ.