އާ މަޖިލީހަށް ރިލްވާނާއި ޔާމީންގެ އާއިލާގެ ހުށަހެޅުން: އަވަހަށް ބިލް ފާސްކޮށްދީ!

އާއިލާތަކަށް އިންސާފު ގާއިމްކުރުމުގެ ހުރަސްތައް ނައްތާލުމުގެ ފިޔަވަޅެއްގެ ގޮތުން، ރިޔާސީ ކޮމިޝަނަށް ބާރު ދިނުމުގެ ބިލް ވީ އެންމެ އަވަހަކަށް ފާސްކޮށްދޭން، ގެއްލުވާލި ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ރަހުމްކުޑަކޮށް މަރާލި ޔާމީން ރަޝީދުގެ އާއިލާ އިން އާ މަޖިލީހަށް މިއަދު ގޮވާލައިފި އެވެ.


ނުހައްގުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ. އެ ވައުދު ފުއްދެވުމަށް އެމަނިކުފާނު ރިޔާސީ ކޮމިޝަނެއް އުފައްދަވާފައިވީ ނަމަވެސް އެ ކޮމިޝަނަށް ބާރު ދޭ ބިލް ނިމިގެންދިޔަ މަޖިލީހުން ފާސްކޮށެއް ނުދިނެވެ. އެކަމުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތެއްގައި މަސައްކަތްތައް ކުރިއަށް ނުގެންދެވޭ ކަމަށް ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.

ރިލްވާނާއި ޔާމީންގެ އާއިލާ އިން ނެރުނު ބަޔާނުގައި ބުނީ އެ އާއިލާތަކުން އަދިވެސް ތިބީ އިންސާފު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށެވެ. ހަމަ އެގޮތަށް އެ ނޫން އެތައް އާއިލާތަކުން ވެސް އެ ވޭނުގައި ތިބިކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އާއިލާތަކަށް އިންސާފު ނުލިބި ލަސްވަނީ އެތައް މައްސަލަތަކެއް ކުރިމަތިވެގެން ކަމަށާއި އޭގެ ތެރޭގައި މައްސަލަތަކުގެ ތަހުގީގު ފުރިހަމަ ނުކުރެވުމާއި ކުށްކުރުމުގައި ދައުލަތުގެ އެކި މުއައްސަސާތަކާއި ވެރިންނާއި މުވައްޒަފުންގެ ކޮންމެވެސް ކަހަލަ ބައިވެރިވުމެއް އޮތުމާއި ކޯޓުތަކުގައި މައްސަލަ ލަސްވުމާއި ކޯޓުތަކުގައި މައްސަލަ ބަލާ ފަނޑިޔާރުން ބަދަލުވުމާއި ފަނޑިޔާރުންނަށް އިތުބާރު ގެއްލިފައިވުން ފަދަ މައްސަލަތަކުން ކަމަށް ބަޔާނުގައިވެ އެވެ.

އިންތިޚާބުގައި ވައުދުވީ ގޮތަށް، އާއިލާތަކަށް އިންސާފު ހޯދައިދިނުމަކީ މިހާރުގެ ސަރުކާރުން އިސްކުރަން ޖެހޭ ކަމެއް ކަން އާއިލާތަކުން ފާހަގަކޮށްފައިވެ އެވެ.

ނިމިގެން ދިޔަ މަޖިލީހުން ބިލް ފާސްކޮށްދީފައި ނުވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ރިލްވާނާއި ޔާމީންގެ އާއިލާގެ ބަޔާނުގައި ވަނީ އަދި ޝަރުއީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކޯޓުތަކާއި، ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ފަސްނުޖެހި ކުރިއަށް ގެންދިއުމަށް ވެސް ގޮވާލައިފަ އެވެ.

ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލުގެ މަސައްކަތް ކޮމެޓީ މަރުހަލާ އިން ނިންމިޔަސް، ނިމގެން ދިޔަ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ބޭއްވި އެންމެ ފަހު ޖަލްސާގައި އެ ބިލަށް ވޯޓަށް އެހޭނެ ގޮތެއް ނުވި އެވެ. ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުންތަކެއް ޖަލްސާއަށް ހާޒިރު ނުވުމުން އެންމެ ފަހުން ޖެހުނީ އެ ބިލް ފާސްނުކޮށް، މަޖިލިސް ޗުއްޓީއަށް ދާށެވެ. އެއީ، ގަސްތުގައި ބިލް ފާސްކުރަން ބޭނުން ނުވެގެން ކަމަށް ވެސް ބައެއް މެމްބަރުން ތުހުމަތު ކުރެ އެވެ. މަރު ކޮމިޝަނާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަނުން ކުރަމުން އަންނަނީ ކިތަންމެ މުހިންމު މަސައްކަތްތަކެއް ކަމަށް ވިޔަސް، އެ ދެ ކޮމިޝަނަށް މިވަގުތު އޮތް ހަމައެކަނި ގާނޫނީ ހައިސިއްޔަތަކީ ގާނޫނު އަސާސީގެ ދަށުން ރައީސަށް ލިބިގެންވާ ބާރުގެ ދަށުން އެ ދެ ކޮމިޝަން އުފައްދަވައި، ނެރުއްވި ގަރާރެވެ.