އެމްޕީއެލްއަށް ހޯދި ލޭންޑިން ކްރާފްޓެއްގެ މައްސަލާގައި ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ގަތް ލޭންޑިން ކްރާފްޓެއްގެ މައްސަލާގައި ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.


އެމްޕީއެލް އަށް ހޯދި ލޭންޑިން ކްރާފްޓްގެ މައްސަލާގައި ދައުވާކުރަން ފޮނުވީ އެ މުއާމަލާތް ހިނގިއިރު އެ ކުންފުނީގެ އިސްވެރިއަކަށް ހުންނެވި ފަރާތުގެ މައްޗަށެވެ. އެކަމަކު އެއީ ކޮން އިރަކު ހޯދި ލޭންޑިން ކްރާފްޓެއް ކަމެއް އޭސީސީން ހާމައެއް ނުކުރެ އެވެ.

އޭސީސީން ނެރުނު ބަޔާނުގައި ވަނީ އެ ލޭންޑިން ކްރާފްޓް ގަތުމަށް ހަދަންޖެހޭ އިންސްޕެކްޝަންތައް ހެދުމަށް އެމްޕީއެލް އިން އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމެންޓް އިސްވެރިޔާއާ ހަވާލު ކުރުމުން އިންޑޮނީޝިއާ އަށް އޭނާ ދަތުރުކޮށް، އިންސްޕެކްޝަން ހެދި ކަމަށެވެ. އެކަމަކު އެ އިންސްޕެކްޝަންގައި ސާވޭ ކޮށްފައިވަނީ އެމްޕީއެލް އަށް ލިބުނު އިންވޮއިސްގައި ބުނެފައިވާ އުޅަނދު ނޫން ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އޭރު އެ ކުންފުނިން ހަދަމުން އައި އެއްބަސްވުންތަކުގައި ހިމަނަންޖެހޭ ބައެއް މާއްދާތައް އެ އުޅަނދު ގަތުމުގެ އެއްބަސްވުމުގައި ހިމަނާފައި ނެތްކަން އޭސީސީން ފާހަގަކޮށްފައިވެ އެވެ. ބަޔާނުގައިވާ ގޮތުން، އެ އުޅަނދަށް ފައިސާ ދައްކާނީ ތިން ބަޔަކަށް ބަހާލައިގެން ފުރަތަމަ ޕޭމަންޓުގައި 30 ޕަސެންޓް ފައިސާ ދައްކާ ގޮތަށް ކަމަށް އެ އެއްބަސްވުމުގައި އޮތްއިރު، އެމްޕީއެލްގެ ޕްރޮކިއުމެންޓް އުސޫލުތައް އޮންނަ ގޮތުން އެޑްވާންސަށް އެންމެ ގިނަވެގެން ދޫކުރެވެނީ އަގުގެ 15 ޕަސެންޓެވެ.

އޭސީސީން ބުނީ އެ އުޅަނދު އިންސްޕެކްޓް ކުރިއިރު، އޭގައި އަޅާފައި އޮތީ އެމްޕީއެލް އަށް ލިބިފައިވާ އިންވޮއިސްގައި ބަޔާންކުރާ ބާވަތުގެ އިންޖީނެއް ނޫން ކަން އެނގިހުރެ ވެސް، ޕްރޮކިއުމަންޓްގެ އިސްވެރިޔާ އެ އުޅަނދު ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރި ކަމަށެވެ. އަދި އެ އުޅަނދު ގަތުމަށް އެޑްވާންސްގެ ގޮތުގައި 3.6 މިލިއަން ރުފިޔާ އެމްޕީއެލް އިން ދޫކުރީ ވެސް އޭނާ ސޮއިކޮށް ފޮނުވި މެމޯއަކާ ގުޅިގެން ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.

އޭސީސީން ބުނީ އެ މުއާމަލާތުގައި އޭރުގެ ޕްރޮކިއުމެންޓް އިސްވެރިޔާ އަމަލުކުރި ގޮތުން ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމަށް އޭނާ މަސައްކަތްކުރި ކަން އެނގޭ ކަމަށެވެ. އެހެންވެ، ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ ދަށުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމުގެ ދައުވާ އާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާ އޭނާގެ މައްޗަށް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އޭސީސީން ވަނީ ފޮނުވައިފަ އެވެ.