މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުވާކުރި 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރާއްޖެ އިން ބޭރުގެ ފަރާތަކާ އެކު ކުރިއަށް ގެންދެވި ފުރަތަމަ ބައްދަލުވުން، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރުއާ އެކު މިއަދު ބާއްވައިފި އެވެ.
މަޖިލިހުގެ އާ ރައީސް ނަޝީދުގެ ފުރަތަމަ ބައްދަލުވުން އިންޑިއާގެ ސަފީރާ އެކު ބޭއްވެވިއިރު، މަޖިލިހުގެ ފުރަތަމަ ޖަލްސާގެ އެޖެންޑާގެ ފުރަތަމަ ބަހުސް ވެސް ހާއްސަ ކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ އަންނަ މަހު ރާއްޖެ ވަޑައިގެން މަޖިލިހުގައި ބަހުސް ކުރައްވާތީ އެކަމާ ގުޅޭ ގޮތުންނެވެ. އިއްޔެ ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ޖަލްސާގައި ވަނީ އަންނަ މަހުގެ 7،8 ގައި މޮދީ ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މަޖިލިހުގައި ތަގުރީރު ކުރެއްވުމުގެ ދައުވަތު އަރުވަން ފާސްކޮށްފަ އެވެ.
ގާނޫނުއަސާސީ އާއި މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ބޭރުގެ ވެރިންނަށް މަޖިލީހުގައި ތަގުރީރު ކުރެއްވޭނީ މެންބަރުންގެ ރުހުން ލިބިގެންނެވެ.
ރައްޔިތުންގެ މަޖިލީހުން ކުރި ޓުވީޓެއްގައި މިއަދު ބުނީ ނަޝީދުގެ އަރިހަށް ސަންޖޭ ސުދީރު ކުރެއްވި އިހްތިރާމްގެ ޒިޔާރަތެއް ކަމަށެވެ.
އިންޑިއާގެ އާންމު އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި މޯދީ، ހުވާކުރެއްވުމަށް ފަހު ރާއްޖެ އިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރާއްޖެ ވަޑައިގަންނަވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ އިންޑިއާ އަށެވެ.
ކުރީގެ ސަރުކާރުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ހުވާ ކުރެއްވުމާ އެކު ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. އެކި ދާއިރާތަކުން މަޝްރޫއުތައް ހިންގަން ރާއްޖެ އަށް ގިނަ އެހީތަކެއް ވެސް އަންނަނީ ވަމުންނެވެ.
ރާއްޖެ އާއި އިންޑިއާގެ ގުޅުން ގާތްވުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާނެ ކަމެއް ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ކުރެ އެވެ.