ނުރައްކާތެރި ޓްރާންސްފޯމަރުތައް އައްޑު އާއި ފުވައްމުލަކުގައި އެބަހުރި: އައްޑޫ ކައުންސިލް

ނުރައްކާތެރި ކެމިކަލް އެކުލެވޭ ކަރަންޓު ޓްރާންސްފޯމަރުތައް އައްޑު އާއި ފުވައްމުލަކުގައި އެބަހުރި ކަމަށާއި އެތަކެތި ނައްތައިލަން ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.


ކައުންސިލން ބުނި އިއްޔެ ބުނީ ތިމާވެއްޓަށާއި އިންސާނުންނަށް ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ޕޮލީކްލޮރިނޭޓެޑް ބައިފީނައިލްސް (ޕީސީބީ) އެކުލެވޭ ޓްރާންސްފޯމަރުތައް ނައްތާލުމަށްޓަކައި އެންވަޔަރުމެންޓް މިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަންސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް އޮގަނައިޒޭޝަން (ޔުނީޑޯ) ގުޅިގެން ނޭޝަނަލް މެނޭޖްމެންޓް ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށެވެ.

އެ އެކުލަވައިލުމުގައި ކައުންސިލާ ބޭއްވި ބައްދަލުވުމުގައި، 1989 ވަނަ އަހަރުގެ ކުރިން ތައްޔާރު ކޮށްފައިވާ ޓްރާންސްފޯމަރުތައް އައްޑު އާއި ފުވައްމުލަކުގައި އެބަހުރި ކަމަށާއި އެ ތަކެތީގައި ޕީސީބީ އެކުލެވޭ ކަމަށް އެންވަޔަރުމެންޓް މިނިސްޓްރީގެ ޓީމުން ބުނެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އެގޮތުން ޕީސީބީ އެކުލެވޭ ކަމަށް ބެލެވޭ ހަ ޓްރާންސްފޯމަރު އައްޑޫގައި ހުރި އިރު އޭގެ ތެރެއިން ތިނެތި މިހާރު ވެސް ދަނީ ބޭނުން ކުރަމުންނެވެ.

ކައުންސިލުން ބުނިގޮތުގައި، ޕްލޭނުގެ ބޭނުމަކީ އެ ތަކެތި ރާއްޖޭން ބޭރަށް ގެންގޮސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ނައްތާލާނެ ގޮތުގެ އުސޫލުތަކެއް އެކުލަވައިލުމެވެ. އެހެންވެ، އެ ތަކެތި ނަގައި، ބަދަލުގައި ބޭނުން ކުރާނެ ޓްރާންސްފޯމަރުތައް ހޯދުމަށް އައްޑު އާއި ފުވައްމުލަކަށް ކަރަންޓުގެ ހިދުމަތްދޭ ފެނަކައާ ހިއްސާ ކޮށްފައިވެ އެވެ.

ޕީސީބީ އަކީ ކެންސަރާއި އެ ނޫން ވެސް ނުރައްކާތެރި ބަލިތަކަށް މަގުފަހި ކުރުވާ އެއްޗެކެވެ. އަދި އެ ކެމިކަލަކީ އޭގެ އަސަރު ޒަމާންތަކަށް ދެމިހުންނަ އެއްޗެކެވެ.