މަޝްހޫރު ހިސާބު ޓީޗަރު މަނިކު ނިޔާވެއްޖެ

ތައުލީމީ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި، އަދި ކުރީގެ މަޝްހޫރު ހިސާބު ޓީޗަރު އަހުމަދު މަނިކު މިރޭ އިރާކޮޅު ނިޔާވެއްޖެ އެވެ.


އުމުރުން 61 އަހަރުގައި މަނިކު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ވެ އެވެ. އޭނާ ވަނީ އަމީނިއްޔާ ސްކޫލާއި އެމްއީއެސް ގައި ވެސް 1980 ން 2000 ގެ ކުރީކޮޅާ ހަމައަށް ކިޔަވައި ދެއްވައިފަ އެވެ. އަދި ފަހުން މަސައްކަތް ކުރެއްވީ މުގައްރަރާއި ފޮތް ތައްޔާރު ކުރުމުގެ މަސައްކަތްތަކުގަ އެވެ. މަނިކު އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައި ވަނީ އެމްއީއެސްގެ ހިސާބު ޓީޗަރުގެ ގޮތުގަ އެވެ. އަދި އޭނާ އަކީ ވަރަށް ގިނަ ދަރިވަރުންގެ އެންމެ މަގުބޫލު ޓީޗަރަށް ވެސް ވެގެން ދިޔަ އެވެ.

އެމްއީއެސްގައި މަނިކު ކިޔަވައިދެއްވި ދަރިވަރުންގެ ތެރޭގައި ހިމެނޭ މިހާރުގެ އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން "މިހާރު" އަށް މިރޭ ވިދާޅުވީ މަނިކަކީ ދަރިވަރުންނާ ވަރަށް ގާތް ގުޅުމެއް ބޭއްވި ބޭފުޅެއް ކަމަށެވެ. މަނިކަކީ، އިޖުތިމާއީ މަސައްކަތުގައި ވެސް ނަމޫނާ ބޭފުޅެއްކަން ހުސައިން ފާހަގަކުރެއްވި އެވެ.

"ވަރަށް ހަރުދަނާ، ހިސާބުގައި ނޭނގޭ އެއްޗެހި ވަރަށް ރަނގަޅަށް ދަސްކޮށްދެއްވި ޓީޗަރެއް. ބޮޑަށް އިހްސާސް ކުރެވެނީ ވެސް އެއީ އާއިލާ ބޭފުޅެއްގެ ގޮތުގައި،" އާސަހަރާގައި ހުންނަވައި ހުސައިން "މިހާރު" އަށް ވިދާޅުވި އެވެ.

މަނިކު ނިޔާވުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިޔާގައި ތައުޒިޔާ ކިޔަމުންނެވެ. އޭގެ ތެރޭގައި ދައުލަތުގެ ބައެއް އިސް ބޭފުޅުންނާއި އޭނާގެ ކުރީގެ ދަރިވަރުން ވެސް ހިމެނެ އެވެ.

މަނިކުގެ ޖަނާޒާ ބާއްވަން ހަމަޖައްސާފައި ވަނީ މިރޭ ފަތިސް ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.