އަދީބު: ޚިޔާނާތުގެ ކުށުގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން އެންގި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ވަނީ ނިންމާފައި
02 ޖޫން 2019 - 15:02
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޚިޔާނާތުގެ ކުށުގައި އިއްވި ޖަލު ހުކުމް ބާތިލްކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ދައުލަތުން ނިންމައިފި އެވެ.
ޚިޔާނާތުގެ ކުށުގައި އަދީބު އަށް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2016 ގައި ހުކުމްކުރީ ޅ. މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް ދައުލަތަށް ނުލިބުނު މައްސަލާގަ އެވެ. އެކަމަކު މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އަމުރުކޮށްފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވީ ހައި ކޯޓުގެ އެ ހުކުމް އިސްތިއުނާފް ކުރަން ނިންމަވާފައިވާ ކަމަށާއި އެ މައްސަލަ މާދަމާ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
ޚިޔާނާތުގެ މައްސަލަ އަލުން ބަލަން އެންގި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމިއިރު، ކްރިމިނަލް ކޯޓުން މިހާރު ވަނީ ހައި ކޯޓުުން އަލުން ބަލަން އެންގި އެ މައްސަލަ ނުބަލަން ނިންމައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަނބުރާ ފޮނުވާލަން ވެސް ނިންމައިފަ އެވެ. އަދި އަދީބަށް ދައުވާކުރާ އެހެން ބައެއް މައްސަލަތައް ވެސް އަނބުރާ ފޮނުވާލަން ވަނީ ނިންމައިފަ އެވެ.
ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމެއް އަދީބަށް އިއްވިޔަސް، އޭގެ ތެރެއިން ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އިއްވި 10 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ކުރިން އޮތީ ބާތިލްކޮށްފަ އެވެ. އަދި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އިއްވި 15 އަހަރުގެ ޖަލު ހުކުމާއި ޚިޔާނާތުގެ މައްސަލާގައި އިއްވި އަށް އަހަރުގެ ޖަލު ހުކުމް ވެސް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އޮތީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރަންޖީ ހާޖީ
02 June 2019
33 ތިންއަހަރު އަދީބަށް މަދު.