ޖީއެމްއާރުގެ ޓީމެއް އެއާޕޯޓުގައި؟!

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ހަވާލުކުރި އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ ޓީމެއް، އެ އެއާޕޯޓުގައި ހަރަކާތްތެރިވާ ފޮޓޯތަކެއް މިއަދު އާންމުވެއްޖެ އެވެ. އެކަމަކު، އެއީ ކޮން އިރެއްގެ ފޮޓޯތަކެއް ކަމެއް އަދި ނޭނގެ އެވެ.


ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޓީމުގެ މީހުން ލައިގެން ތިބި ގަމީހުގައި ޖީއެމްއާރުގެ ލޯގޯ ޖަހާފައި ވެ އެވެ. އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ދޫކުރާ "ވިޒިޓާސް" ފާސް އެ މީހުންގެ ގަމީހުގައި ޖަގާފައިވާއިރު، މަޑުކޮށްލައިގެން ތިބީ ފޮޓޯތަކުން ފެންނަ ގޮތުގައި އެއާޕޯޓުން ފަސިންޖަރުން ކާރަށް އަރަން ބޭނުންކުރާ ސަރަހައްދުގަ އެވެ.

އެކަމާ ގުޅޭގޮތުން އެމްއޭސީއެލްގެ މީޑިއާ އޮފިޝަލާ ސުވާލު ކުރުމުން ވިދާޅުވީ ޖީއެމްއާރުގެ ބަޔަކު އެއާޕޯޓުގައި ހަރަކާތްތެރި ނުވާ ކަމަށެވެ.

ޖީއެމްއާރުގެ ބަޔަކު އެއާޕޯޓުގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯ.---ފޮޓޯ: ސޯޝަލް މީޑިއާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުން ޖީއެމްއާރާ ހަވާލުކޮށްފައި ވަނީ ޖޫން 28، 2010 ވަނަ އަހަރު އެވެ. އަދި ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު، ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ގައި ޖީއެމްއާރުގެ އެއްބަސްވުން އުވާލާފައިވެ އެވެ. އޭގެ ފަހުން އެއާޕޯޓް ހިންގަމުން އަންނަނީ އެމްއޭސީއެލުންނެވެ.

ޖީއެމްއާރުގެ އަތުން އެއާޕޯޓް ހިންގުން އަތުލީ އެކަމަށް ގޮވާލައި ގިނަ އެއްވުންތަކެއް މާލޭގައި ބޭއްވި ފަހުންނެވެ. މުޒާހަރާ ކުރި މީހުން ސިފަ ކުރިގޮތުގައި ޖީއެމްއާރަށް އެއާޕޯޓް ދިނުމަކީ އެއާޕޯޓް "ވިއްކާލުމެވެ."

ޖީއެމްއާރުގެ އެއްބަސްވުން ބާތިލްކުރި މައްސަލާގައި އެ ކުންފުންޏަށް 271 މިލިއަން ޑޮލަރު ދައުލަތުން ދޭން ޖެހޭނެ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމިމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެ ފައިސާ ދައްކައި ޚަލާސްކޮށްފަ އެވެ.