ލަންކާ އިން އިއްޔެ ފުރާވަޑައިގަތުމުގެ ކުރިން ނަޝީދު ލަންކާ އެއާޕޯޓުގައި.-- ފޮޓޯ: ޓުވިޓާ
06 ސެޕްޓެމްބަރ 2016 - 10:44
ވަރަށް އަވަހަށް އަނެއްކާވެސް ސްރީ ލަންކާ އަށް ވަޑައިގަންނަވާނެ ކަމަށާއި އެ ދަތުރުފުޅުގައި އެނބުރި ރާއްޖެ އަށް ވެސް ވަޑައިގެންނެވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ރާއްޖެއާ ގުޅޭ މުހިއްމު ބައްދަލުވުންތަކަކަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ލަންކާ އަށް ވަޑައިގެންނެވި ނަޝީދު އެނބުރި އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމުގެ ކުރިން އިންޑިއަން އެކްސްޕްރެސް ނޫހަށް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަށް އިތުރަށް ދެން ވެރިކަން ދިފާއުނުކުރެއްވޭނެކަން ވަނީ ސާފުވެފަ އެވެ. އެހެންވެ 2018 ގެ އިންތިހާބު ބާއްވަން އިންތިގާލީ ސަރުކާރެއް ގާއިމްކުރަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެކަމަކު ވެރިކަން ބަދަލުކުރަން އިދިކޮޅު ފަރާތްތަކުން ރާވާ ގޮތުގެ ތަފްސީލެއް ނަޝީދު ނުދެއްވަ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ރައީސް އަޒުލުކުރުމަކީ "ވަރަށް އުދަނގޫ" ކަމެއް ކަމަށް އެ މަނިކުފާނު އެއްބަސްވެވަޑައިގެންނެވި އެވެ. ރައީސް ޔާމީން ހައްޔަރުކޮށްގެން ވެރިކަން ބަދަލުކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކައާ ގުޅޭ ގޮތުން ކުރި ސުވާލަށް އެމަނިކުފާނު ސީދާ ޖަވާބު ނުދެއްވައި ވިދާޅުވީ ސަރުކާރު ބަދަލުކުރާނެ ގޮތުގެ މަޝްވަރާތައް ކުރިއަށް ދާ ކަމަށެވެ.
"ސުލްހަވެރި ސިޔާސީ ހަރަކާތްތަކާ ދުރަށް ދާކަށް އަޅުގަނޑުމެން ބޭނުމެއް ނުވާނެ... އެކަމަކު، ހުރިހާ ފަހަރަކު ވެރިކަން ބަދަލުކޮށްފައި ވަނީ ވޯޓަކުން ނޫން،" ލަންކާގައި ހުންނަވައިގެން ނަޝީދު ދެއްވި ހަމައެކަނި އިންޓަވިއުގައި ވިދާޅުވި އެވެ.
"ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި" އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއިރު، ރައީސް ޔާމީންގެ ސަރުކާރު ބަދަލުކޮށް، އިންތިގާލީ ވެރިކަމެއް ރާއްޖޭގައި ގާއިމްކުރުމަށް ފަހު ނޫނީ އެނބުރި ރާއްޖެ ނުދާނެ ކަމަށް އެ މަނިކުފާނު ވަނީ ކުރިން ވިދާޅުވެފަ އެވެ.
ނަޝީދާ އެކު އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވެސް ވަނީ އިއްޔެ އެނބުރި އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ. ކުރިން އަޑުއަރާފައި އޮތީ ލަންކާ ގައި އޮތް ބައްދަލުވުންތަކުގައި އެ ދެ ބޭފުޅުންނާ އެކު އިދިކޮޅު އިއްތިހާދުގެ ލީޑަރު، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެކަމަކު ޖަމީލް ލަންކާ އަށް ވަޑައެއްނުގަންނަވަ އެވެ.
ލަންކާ ސަރުކާރުން ބުނެފައި ވަނީ ނަޝީދު އެ ގައުމުގައި ހުންނެވިޔަސް ކަންބޮޑު ނުވާ ކަމަށެވެ. އެމަނިކުފާނު ކުރައްވަނީ ޑިމޮކްރެސީގެ މަސައްކަތްޕުޅު ކަމަށާއި އެއީ ދިވެހި ސަރުކާރު ވައްޓާލަން ރާވާ ރޭވުމެއް ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް ލަންކާ އިން ވަނީ ބުނެފަ އެވެ.
އިންޑިއަން އެކްސްޕްރެސްގެ އިންޓަވިއުގައި ވެސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ލަންކާ އަށް ވަޑައިގަތީ ސައްހަ ޕާސްޕޯޓަކާއި ވިސާގައި ކަމަށެވެ. "އެއްވެސް ގޯސް ކަމެއް" ލަންކާގައި ނުކުރައްވާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ލަންކާ ސަރުކާރާއި ރައްޔިތުން އެމަނިކުފާނަށް އަދާކުރާ މެހެމާންދާރީ ފާހަގަކުރައްވާފަ އެވެ.
"ލަންކާ ސަރުކާރު ރުޅިއަރުވާކަށް ބޭނުމެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.
ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ފަހު އެ ގައުމުގެ ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ނަޝީދު ލަންކާ އަށް ވަޑައިގަތީ ހިމާޔަތް ދީފައި ތިބޭ މީހުންނަށް ދޫކުރާ ހާއްސަ ޕާސްޕޯޓެއްގަ އެވެ. އެކަމަކު ލަންކާގައި ހުންނަވަނިކޮށް ނަޝީދު ހައްޔަރުކުރަން ރާއްޖޭން ކޯޓު އަމުރެއް ވެސް ނެރުނެވެ. އެ އަމުރު ނެރުނު ބޭފުޅުންގެ ތެރޭގައި ނަޝީދާއި ޖަމީލުގެ އިތުރުން، އެ ދެ ބެފުޅުންނާ އެކު ލަންޑަނުގައި ދިރިއުޅުއްވާ އެމްޑީޕީގެ އިސް ބޭފުޅެއް ކަމަށްވާ އަކުރަމް ކަމާލުއްދީން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އިދިކޮޅު ލީޑަރުން ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކުރަން މަސައްކަތް ކުރައްވާއިރު މަދު ހަފުތާތަކެއްގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ސަރުކާރަށް ފާޑުކިޔާ ބޭރުގެ މީޑިއާތަކުގައި ވަނީ ގިނަ ލިއުންތަކެއް ޝާއިއުކުރަން ފަށާފަ އެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވެނީ ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން މާދަމާ ދައްކާ ތަހުގީގީ ޑޮކިއުމެންޓްރީ އެވެ.
ނަމަވެސް ސަރުކާރު ނުވެއްޓޭނެ ކަމަށާއި ސަލާމަތީ ބާރުތަކުގެ އިތުރަށް މުޅި ސަރުކާރު ވެސް އޮތީ ވަރުގަދަކޮށް ކަމަށް ސަރުކާރުގެ އެކި ފެންވަރުގެ ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނު
09 September 2016
މާތްﷲގެ އިރާދަފުޅުން ނަޝީދަށްވެސް އަދި ނަޝީދުފަދަ ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރާމީހަކަށް މިްައުމުގެ ވެރިކަން ނުދެއްވާށި. އާމީން
ފައްޗޭރު
07 September 2016
އަވަހަށް ވަޑައިގަންނަވާ. ކުރީގައިވެސް ހުންނެވި ޖަލުގެ ގޮޅި އެހެރީ މަނިކުފާނުގެ އިން ތިޒާރުގައި. އެކަމަކުބުނަން. ތިޔައީ ގުނބޯތައް މިހާރު ނުނަށާތީ ޕާޓީގެ ގުނބޯތައް ނަށުވަން ދައްކާވާހަކަ. ހަމަހިލާ މިވެރިކަމެއްގާ ނާންނާނެ. ދޮގުހަދާގެން ޕާޓީކުދިންކޮޅު ހައްލާލެވިދާނެ. އެހެންކަމެއްނުވާނެ. މައުމޫނޭ ކިޔާގެންވެސް ތިދައްކަނީ ހުސްދޮގުވާހަކަ. ހަމަ ގުނބޯނަށުވަން.
ޓެރާ
06 September 2016
ޔަގީން އެހެންވީރު، އަވަހަކަށް ނުދާނެ!
ސްޓަންޓް ރައީސް
06 September 2016
ތީނަ ތީ ސްޓަންޓް ބޭ..... ހެ ހޭ
ސުވާދީބު ކަލޯ
06 September 2016
ހަހަހާަ މޮޔަނުވޭ ތިކަމެއް ނުވާނެ މިދިވެހި ގައުމުގެ ވެރިކަމެއް ދެނެއް ލާހިކު ކުޅަދާނައެއް ނޫން ލިބޭކަށެއް
މަ
06 September 2016
އަވާ ޕްރެޒިޑެންޓް ކަމް ބެކް..ވަރަށް އުފާ ވެއްޖެ..
ބޭނުމީ މިނިވަންނަން / އައްޑޫ ސިޓީ
06 September 2016
އަދިވެސް އެދުވަހުގެ ''އެވަގުތު ކޮޅު'' ހަދާން އެބަހުރި. ދިވެހި ޒުވާނުން ތަކެއް ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރި މަސައްކަތުގެ ކުރީ ދުވަސް ކޮޅަކީ ''އަހަރުމެންނަށް މިކަން ކުރެވިދާނެ'' ކަމަށް ގިނަމީހުނަށް ޤަބޫލު ކުރަން ދަތިވި ދުވަސްކޮޅެއް. . . . . ހަމައިން ނެއްޓިފައިވާ ވެރިކަމުގެ ނިޒާމާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް ޖެހިލުން ވެފައި ތިބި ދިވެހިންނާއި ވާހަކަ ދެއްކުމަށް ގ ކެނެރީގޭ މުހައްމަދު ނަޝީދު (ފަހުން ރާއްޖޭގެ އެންމެ ފުރަތަމަ ރައްޔިތުންގެ އިންތިހާބީ ރައީސް) West Park Restaurant ގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ Maldivian Democratic Party އިން ދިވެހި ރައްޔިތުންނަށް ކޮށްދޭނެ އެންމެ ބޮޑު މަސައްކަތަކީ ''މިސަރުކާރު ވައްޓާލުން'' ކަމަށް. . . .. . . ޖަލްސާ އަޑުއަހާން ތިއްބެވި ''މަދުބަޔަކު ހިތްވަރު ލިބިގެން ތާއީދުކޮށް އަތް ޖެހި'' ކަމުގައި ވިޔަސް މިއަޑުއިވިގެން ''ބިރުން ސިހިގެން'' ދިޔަމީހުން ވަރަށް ގިނަ. އަދި ރެސްޓޮރާންޓް ބޭރުގައި ޖަލްސާ އަޑުއަހާން ތިބި އެތައްބަޔަކު ''ކުށްވެރިވެދާނެ ކަމުގެ ބިރައްޓަކާ'' ވަގުތުން އެތަނުން ނައްޓާލި. . . . . މަނިކުފާނަކީ ''އަހަރުމެން ރައްޔިތުން'' މިދެންނެވި ހާލުން'' ސަލާމަތް ކޮށްދެއްވުމަށް ނުހަނު ބުރަ މަސައްކަތް ކޮށްދެއްވެވި ''ލީޑަރެއް'' ކަމުގައިވާތީ ''އަދިވެސް ތިބޭފުޅާއަށް ޤައުމަތް ކޮށްދެވޭނެ ކިތަންމެ ކަމެއް'' ހުންނާނެ ކަން އިގޭތީ އެބުރި އައުމަކީ ''ހަމަ އަހަރުމެން ދިވެހިން'' އެދޭ އެދުމެއް. / މިނިވަންކަން ، އައްޑޫ ސިޓީ
ބީރުބަލް
07 September 2016
ދެން ތިބުނާ ސަރުކާރު ވައްތާނެވުނުތަ؟ ނުލެވޭ.އެހެންކަމުން ތިޔަ ދައްކާވާހަކަތަކުގައި އެއްވެސް އުރައްޕެއްނެތް ތިކަހަލަ ކޮހުން އޭނާގެ ވާހަކަތަކުން ހައްލާލާނެ.
ކާސިމު
06 September 2016
ނުކުރޭނެ އަންނާކަށް އެއަށްވުރެން ބޮޑު ފިނޑިއެއް ތީ
އަހުމަދު ނިޔާޒު
06 September 2016
އަވަހަށް ވަޑައިގެން ބޯޑުން ފައިބާ ބިމުގަ ނުޖެހެނީސް މާފުސީ ގަ ހުރި ލަގްޒަރީ އެޕާރޓްމަނޓަށް ގެންދަން ތާއިދު
ޢަބުރެހިމް
06 September 2016
ކޯނީރިޕޯޓު ދުވަސްވަރު މަތިންނިކަން ހަދާންވޭ