ޚިދުމަތް ހޯދާ މީހުންނާ އޮންނަ ގުޅުން ބަދަހިކުރަން އިމިގްރޭޝަނުން އީދު ހަދިޔާ ބަހައިފި

މިއަދު ފާހަަގަކުރާ މި އަހަރުގެ ފިތުރު އީދާ ދިމާކޮށް، މޯލްޑިވްސް އިމިގްރޭޝަނުން އީދު ހަދިޔާ ބަހައިފި އެވެ.


ދިވެހިންނާއި ބިދޭސީންނަށް އީދު ހަދިޔާ ދިނުމުގެ ހަރަކާތް ފައްޓަވައި ދެއްވީ ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެވެ. މި ހަރަކާތުގައި ގިނަ ބަޔަކަށް އީދު ހަދިޔާ ދީފައިވާ ކަމަށް އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

އިމިގްރޭޝަން ކޮންޓްރޯލާ (ވ) ކުއްޖަކަށް ހަދިޔާއެއް ދެއްވަނީ. --- ފޮޓޯ: އިމިގްރޭޝަން

އޭނާ ވިދާޅުވި ގޮތުގައި މާލޭގެ އުސްފަސްގަނޑު ސަރަހައްދުގަ އާއި އާޓިފިޝަލް ބީޗުގައި ކުޑަކުދިންނަށް އިއްޔެ ހަދިޔާ ބެހި އިރު، މިއަދު ހެނދުނުން ފެށިގެން ހަދިޔާ ދެމުން އަންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިމިގްރޭޝަންގެ ހިދުމަތް ހޯދާ ދިވެހިންނާއި ޓޫރިސްޓުންނަށެވެ.

"ޕާސްޕޯޓު ހިދުމަތް ހޯދަން އިއްޔެ އިމިގްރޭޝަނަށް އައި ކޮންމެ މީހަކަށް ހަދިޔާ ދިނިން. އަދި އެކިއެކި ސެކްޝަންތަކުން އީދު ހަދިޔާ ބެހުން ކުރިއަށް ގެންދިޔަ،" އޮފިޝަލް ވިދާޅުވި އެވެ.

އިމިގްރޭޝަން ކޮންޓްރޯލާ މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން ކުއްޖަކަށް ހަދިޔާ ދެއްވަނީ. --- ފޮޓޯ: އިމިގްރޭޝަން

އޭނާ ވިދާޅުވީ، މި ހަރަކާތުގެ ބޭނުމަކީ ރައްޔިތުންނާއި އިމިގްރޭޝަންގެ މުވައްޒަފުންގެ މެދުގައި ގާތް ގުޅުމެއް ބޭއްވުން ކަމަށެވެ. އަދި ލޯތްބާއި އިހްތިރާމާ އެކު، މަސައްކަތް ކުރުމުގެ ރޫހު އާލާކޮށް، އެއްބައިވަންތަ މުޖުތަމައެއް ބިނާ ކުރުމަކީ މި ހަރަކާތުގެ މަގްސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިމިގްރޭޝަންގެ ޓުވީޓު

"އެބަ ރާވަން މުނާސަބަތަކާ ނުގުޅުނަސް މިކަހަލަ ކަންކަން ކުރިއަށް ގެންދަން،" އޮފިޝަލް ވިދާޅުވި އެވެ.

އިމިގްރޭޝަނުން އީދު ހަދިޔާ ބެހި އިރު، އީދު ދުވަހުގެ މުނާސަބަތުގައި، މާލޭގެ އިތުރުން އެހެނިހެން ރަށްރަށުގައި އުޅޭ ކުޑަކުދިންނަށް ދިރާގުން ވަނީ އީދު ހަދިޔާ ބަހައިފަ އެވެ. މިއީ، އެ ކުންފުނިން ކޮންމެ އަހަރެއްގެ އީދާ ގުޅިގެން ކުރަމުން އަންނަ ކަމެކެވެ.