ޓެރަރިޒަމް ހުއްޓުވަން ރާއްޖެ-އިންޑިއާ ވޯކިން ގްރޫޕެއް ހަދަނީ

ހައްދުފަހަނައެޅުމާއި ޓެރަރިޒަމް ހުއްޓުވުމާއި އެފަަދަ ވިސްނުންތައް ގެންގުޅޭ މީހުންގެ ވިސްނުން ބަދަލުކުރުމަށް އިންޑިއާ އާއި ރާއްްޖޭން ގުޅިގެން މަސައްކަތްކުރަން ޖޮއިންޓް ވޯކިން ގްރޫޕެއް އުފައްދަން މަޝްވަރާކޮށްފި އެވެ.


އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ރާއްޖެ އަށް ވަޑައިގެން ދެ ގައުމުން އިއްޔެ ބޭއްވި ރަސްމީ ވާހަކަތަކަށް ފަހުނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ބުނީ ވޯކިން ގްރޫޕެއް އުފައްދަނީ ދެ ގައުމުން ވެސް ކަންބޮޑުވާ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރަން ކުރި މަޝްވަރާތަކަށް ފަހު ކަމަށެވެ.

ރާއްޖެ އާއި އިންޑިއާއިން ކަންބޮޑުވާ ކަންތައްތަކަކީ، ބަޔާނުގައި ބުނި ގޮތުން ކަނޑުފޭރުމާއި ޓެރަރިޒަމާއި ރާވައިގެން ހިންގާ ޖަރީމާތަކާއި ހިއުމަން ޓްރެފިކިން އެވެ.

އެ ދާއިރާއިން އެއްބާރުލުން އިތުރު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ކުރެއްވި މަޝްވަރާގައި އެއްބަސްވެ ވަޑައިގެންނެވި ގޮތުގައި ދެ ގައުމު ގުޅިގެން އިންޑިއާ ކަނޑުގެ މި ސަރަހައްދު ބަލަހައްޓާނެ އެވެ. އެގޮތުން ދެ ގައުމު ގުޅިގެން ކަނޑުމަގުންނާއި ވައިގެ މަގުން ސަރަހައްދު ބެލެހެއްޓުމާއި މައުލޫމާތު ބަދަލުކުރުމުގެ ތެރެއިން ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށް އެއްބަސްވެވަޑައިގެންނެވި އެވެ.

މޯދީއާ އެކު އިއްޔެ ދެއްވި ގުޅިފައިވާ ޕްރެސް ކޮންފަރެންސްގައި ރައީސް ވިދާޅުވީ ޓެރަރިޒަމްގެ ހުރިހާ އަމަލުތަކެއް، ދިވެހި ސަރުކާރުން ހަރުކަށި ބަހުން ކުށްވެރިކުރާ ކަމަށާއި ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގަދައަޅައި މަސައްކަތް ކުރުމަށް މި ސަރުކާރު ތައްޔާރަށް އޮތްކަމަށް ބޮޑޮވަޒީރަށް ދެންނެވި ކަމަށެވެ. ދެ ބޭފުޅުން އިއްޔެ އިފްތިތާހު ކުރެއްވި ކޯސްޓަލް ސަވައިލެންސް ރާޑާ ސިސްޓަމަކީ އެ އަމާޒަށް ވާސިލު ވުމަށް ލިބުނު ކުރިއެރުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

މޯދީ ރާއްޖެ އަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ހަ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ. އެއީ އެކި ދާއިރާތަކުން އިންޑިއާއިން ރާއްޖެ އަށް ދޭ އެކިއެކި އެހީތަކެވެ. ބޭރުގެ އިއްޒަތްތެރިންނަށް، ދައުލަތުން މިހާރު ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، އިއްޔެ ވަނީ މޯދީ އަށް ރައީސް އަރުވާފަ އެވެ.