ހިސާން: އޭނާ ވިދާޅުވަނީ ކޯޓުތަކުގައި ވަކާލާތު ނުކުރައްވާނެ ކަމަށް. --ފޮޓޯ/މިހާރު
09 ޖޫން 2019 - 13:10
ގާނޫނީ ވަކީލުކަމުގެ ޕްރޮފެޝަން ދޫކޮށް ނުލައްވާނެ ކަމަށާއި އެކަމަކު ދެން ކޯޓުތަކަށް ވަޑައިގެން ވަކާލާތު ނުކުރައްވާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި ހިސާން ހުސއިން ވިދާޅުވެއްޖެ އެވެ.
ދައުލަތުން ބަދަލު ދޭން ޖެހޭ ބައެއް މައްސަލަތަކުގައި ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ވަކީލެއްގެ ގޮތުން ހިސާން މަސައްކަތް ކުރައްވާތީ ބައެއް މީހުން ސުވާލު އުފައްދަ އެވެ. ސުނާމީ ގެތައް އެޅުމުން ވިމްލާ ކޮންސްޓްރަކްޝަނަށް 78 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން އެ މައްސަލަ ކޯޓުން ބޭރުގައި ނިންމުމަށްޓަކައި އެ ކުންފުނީގެ ފަރާތުން ސަރުކާރާ އެކު މަޝްވަރާ ކުރުމަށް މިދިޔަ ހަފުތާގައި އެޓާނީ ޖެނެރަލްގެ އޮފީހުގައި ބޭއްވި ކޮމިޓީ ބައްދަލުވުމަށް ވަޑައިގަތީ ހިސާނެވެ. އޭނާ އަކީ ވިމްލާގެ ވަކީލެވެ.
މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީ ގައި ކުރިން ތަމްސީލް ކުރެއްވީ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެވެ. އެ ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ދިފާއީ ވަކީލެއްގެ ގޮތުން ކޯޓުތަކަށް ވަޑައިގަންނަވާތީ ރިޒާ އަށް އޭރުގެ އިދިކޮޅު ފަރާތްތަކުން [މިހާރު ސަރުކާރުގައި ތިބި މީހުން] ވަރަށް ބޮޑަށް ފާޑުކިޔާފައި ވެ އެވެ. ރިޒާ ޖޭއެސްސީން ބޭރުކުރީ ރައްޔިތުންގެ މަޖިލިހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ.
ހިސާން "މިހާރު" އަށް ވިދާޅުވީ ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ކޯޓުތަކުގައި ވަކާލާތު ކުރެއްވުމަކީ ގާނޫނީ ހުރަހެއް އޮތް ކަމެއް ނޫން ކަމަށެވެ. ނަމަވެސް އޭނާގެ ނިންމެވުމަކީ ކޯޓުތަކުގައި ވަކާލާތު ނުކުރެއްވުން ކަމަށް ވިދާޅުވި އެވެ.
"ގާނޫނީ ހުރަހެއް އޮތް ކަމަކަށް އަޅުގަނޑަކަށެއް ނުފެނޭ. އެހެން ވިޔަސް އުސޫލީ ގޮތުން އެންމެ ރަނގަޅު ގޮތަކަށް ނުވާނެތީ އަޅުގަނޑު ނިންމީ ވަކާލާތު ނުކުރަން. އޭގެ މާނަ އަކީ ޕްރޮފެޝަން ދޫކޮށްލީއެއް ނޫން،" ހިސާން ވިދާޅުވި އެވެ.
ޖޭއެސްސީގެ މެންޑޭޓަކީ ފަނޑިޔާރުންގެ މައްސަލަތައް ބެލުމެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ފަރާތުން ޖޭއެސްސީގައި ހުންނަވާނީ ހިސާން ކަމަށް ފާސްކުރީ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ޖަލްސާގައި 80 މެމްބަރުންގެ އިއްތިފާގުންނެވެ.
ހިސާން އެންމެ ފުރަތަމަ އުޅުއްވީ ބަންޑާރަ ނައިބު އޮފީހުގައި ދައުލަތުގެ ވަކީލެއްގެ ގޮތުގަ އެވެ. ހިސާން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެސިސްޓެންޓް ސްޓޭޓް އެޓާނީ ކަމާއި ސްޓޭޓް އެޓާނީކަން ކުރައްވައިފަ އެވެ. ބަންޑާރަ ނައިބުގެ އޮފީހުން ވަކިވެވަޑައިގެން އޭނާ ގުޅިވަޑައިގަތީ އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީއާ އެވެ. ގާނޫނީ ދާއިރާ އިން ފަސްޓް ޑިގްރީ އާއި މާސްޓާސް ހާސިލްކުރައްވާފައިިވާ ހިސާން ވަނީ އެމްޑީޕީގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީގެ މަގާމު ފުރުއްވައިފަ އެވެ. އޭނާ ފާހަގަކުރެވެނީ އިންސާނީ ހައްގުތައް ހިމާޔަތްކުރައްވަން އެންމެ ބޮޑަށް މަސައްކަތްކުރައްވާ ވަކީލުންގެ ތެރޭގަ އެވެ.
ހިސާން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް ފަދަ ސިޔާސީ ބޭފުޅުންގެ ވަކީލެއްގެ ގޮތުން މަސައްކަތް ކުރައްވައިފަ އެވެ. އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ދިފާއުގައި ވެސް ކޯޓުތަކުގައި ވަކާލާތު ކުރެއްވި އެވެ.
ޖޭއެސްސީގައި 10 މެމްބަރަކު ހިމެނޭއިރު، މަގާމުގެ ހައިސިއްޔަތުން އެ ކޮމިޝަންގައި ތިއްބަވަނީ ތިން ބޭފުޅެކެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމެވެ.
ދެން ތިއްބަވާނީ ހިސާންގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފަރާތުން އިންތިޚާބު ކޮށްފައިވާ އަބްދުﷲ އަރީފާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ފަރާތުން އިންތިޚާބު ކޮށްފައިވާ މުހައްމަދު އީސާފުޅާއި ހައި ކޯޓުގެ ފަނޑިޔާރުންގެ ފަރާތުން އިންތިޚާބު ކޮށްފައިވާ އަބްދުލް ރައޫފު އިބްރާހީމާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި އަބްދުލް ހަންނާން އަހުމަދާއި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު މަސްތޫރު ހުސްނީ އަދި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބު ކޮށްފައިވާ ލަތީފާ ގާސިމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Moosa
10 June 2019
ހިސާން ވަކާލާތު ނުކުރިޔަސް، ހިސާން އެންޑް ސަފާ ލޯފާމް ކޮބާ؟ އެ ލޯ ފާމުގައި ހިސާނުގެ ހިއްސާ އޮންނަންޏާ މިހާރެކޭ ކޮބާ ތަފާތެއް؟ އަނެއްކާ ސަފާއަކީ އާބިޓްރޭޝަން ސެންޓަރުގެ މެންބަރެއް.. ހުރިހާ ތަނެއް ގުޅި ލާމެހިފައި.
ވަކީލް2
10 June 2019
ދައުލަތާއި ސަރުކާރުގެ ވަޒީފާގައި ތިބޭ ވަކީލުން ދައުލަތާއި ދެކޮޅަށް ވަކާލާތު ކުރުމަކީ ހަމަޖެހޭ ކަމެއްބާ ؟ ޖިނާޢީ ބޮޑެތި ކުށްވެރިންގެ ހިމާޔަތުގައި ވެސް އެބަ ވަކާލާތުކުރޭ.
ސަަަސަ
09 June 2019
ކަމަކުނުދާނެ
އަލީ
09 June 2019
ވަރަށް ރަނގަޅު ވާހަކައެއް
ނަޒުމާ
09 June 2019
ކޯޓަށް ނުދިޔައިމަ ވޭތަ؟ ދެން ޑޮކިތުމެންޓުތައް ހަދައިދީ ހުރިހާ ކަމެއް ކުރެވޭނެ ދޯ.. ސަޅި..
އިބާދު
09 June 2019
ކޯރޓް ގައި ވަކާލާތު ނުކުރަނީ އަމިއްލަ އަށް ކުންފުނީގެ ފަރާތުންވަކާލާތު ކުރާނެ..ކޯރޓް ތަކައް ނުފޫޒް ފޯރުވާނ %100 ޔަގީން ކަމެއް..މިހާރު ނަޝީދު ދަނީ ކޯރޓްތަކައް ނުފޫޒް ފޯރުވަމުން..
ރަދުން1
09 June 2019
އޭގެ ބަދަލުގައި ކައިރީގަ އުޅޭކުދިން ދޯދާނީ؟ ޖޭއެސްސީ އަށް އައްޔަންކުރަންޖެހެނީ ރިޓަޔާޑް މީހުން. ދިރިއުޅުމުގެ މައިގަޑު ޒިންމާތައް ފުރިހަމަކޮށްފައިވާ ނަޒާ ހަތްތެރިން. ލޯފާމް ހިންގާ މީހުންނެއްނޫން. ނޫނީ ކޯޓްތަކުގައި މަސައްކަތްކުރާ ފަނޑިޔާރުނެއްވެސްނޫން. ޕޮލިޓީޝަނުންނެއްވެސް ނޫން.
ސާބަސް22
09 June 2019
މިއީ ވަރަށް ދެރަކަމެއް ރާއްޖެއަށް ހަގީގީ ޑިމޮކްރަސީ އައިސް މިނުވަން ޖުޑީޝަރީއެއް ލިބޭނީ އިންސާފުވެރި މީހުން ޖޭއެސްސީ ފަދަ މުއައއސަސާތަކަށް ލައިގެން ރާއްޖޭގެ ސިޔާސީ މަޝްރަހު އެންމެ ގާތްކުރަނީ ޕާކިސްތާން އާ، އެެއީ ހުސް ވަކި ކްލާސްއެއްގެ ވަކި އާއިލާއެއް މުޅި ދައުލަތާއި ސިޔާސީ މަގާމްތަކުގަ ތިބޭނީ
ރިފްޢަތު
09 June 2019
ދެން އަޑިން ކުޅޭ..
ސިޔާސީމީހުން
09 June 2019
ސިޔާސީ މީހުން ދޮގެއް ނޫނީ އަނގައިން ނުނިކުންނާނެ. ސިޔާސީ ކޭސްތަކާ މުޅިން ޙަވާލުވެފައި ހުރީ މަޝްހޫރުކަން ހޯދަން. ތާރީޚުން ހެކިދެނީ ސިޔާސީ ކޭސްތައް ވިން ވުމުގައި ޓެލެންޓަށްވުރެ ބޮޑުރޯލެއް ކުޅެނީ އެއިރެއްގައި ބާރުގައި ތިބި ބައެއް.