އަދީބު ބޭރަށް ފޮނުވަނީ ފަރުވާދޭނެ އިތުރު ގޮތެއް ނުފެނިގެން: ހޯމް މިނިސްޓްރީ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވަން ނިންމީ އެމަނިކުފާނުގެ ބަލިހާލަތު ހުރި ގޮތުން ރާއްޖޭގައި ފަރުވާދެވޭނެ އިތުރު ގޮތެއް ނެތިގެން ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.


ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލުމާއި ދައުލަތުގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތްތެރި ވުމުގައި އިސްކޮށް އުޅުއްވި ކަމުގެ އިތުރުން ވެސް ގިނަ ކުށްތަކެއްގެ ތުހުމަތު ކުރެވޭ އަދީބު ބޭސްފަރުވާ އަށް ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ވަނީ ދީފަ އެވެ. އެއީ، މެޑިކަލް ބޯޑުގެ ނިންމުމެކެވެ.

އެ ނިންމުން ތަފްސީލްކޮށްދޭން ހޯމް މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ އިން ލިބެން ނެތް ފަރުވާއެއް އަދީބަށް ދިނުމަށް ޑޮކްޓަރުން ވަނީ ތަކުރާރުކޮށް ލަފާ ދީފަ އެވެ. ރާއްޖެ އިން ބޭރުން މާހިރަކު ގެނެސްގެން ވެސް ފަރުވާދެވޭތޯ މަސައްކަތް ކުރި ކަމަށާއި އެކަމަކު ބޭރަށް ފޮނުވުން ނޫން އިތުރު ގޮތެއް ނުފެނުނު ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

އަދީބުގެ ލޮލަށް ދިމާވެފައިވާ މައްސަލަތަކަށް ފަރުވާ ދޭން މި ސަރުކާރުން ގެނައީ ގްލޮކޯމާ ސްޕެޝަލިސްޓެކެވެ.

ހޯމް މިނިސްޓްރީން ބުނިގޮތުގައި އަދީބު ބޭރަށް ފޮނުވުމަށް މެޑިކަލް ބޯޑުން ނިންމުމާ އެކު ސަލާމަތީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ. އެމަނިކުފާނާ އެކު ކަރެކްޝަންސާއި ފުލުހުންގެ އޮފިސަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި އަސާސީ އަދި އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށް އަދީބު ބޭރަށް ފޮނުވި ނަމަވެސް އެކަމުގެ ސަބަބުން އަދުލު އިންސާފު ގާއިމްކުރަން ހުރަހެއް ނޭޅޭނެ އެވެ.

އަދީބުގެ މައްސަލައާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީން ނެރުނު ބަޔާން

"އިންސާފު ކުރިމައްޗަށް އޭނާ ހާޒިރު ކުރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ވިޔަނުދިނުމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅާނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި ދެމެވެ،" ބަޔާނުގައި ވެ އެވެ.

ބޭސްފަރުވާ އަށް ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ އަށް މީގެ ކުރިން ވެސް އަދީބު އެކި ފަހަރުމަތިން އެދިވަޑައިގަތެވެ. އެކަމަކު ތަފާތު ސަބަބުތައް ދައްކައި އެ ހުއްދައެއް ނުދެ އެވެ.

ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފަ އެވެ. އަދި ޚިޔާނާތުގެ މައްސަލަ ވެސް ހިމެނޭ ގޮތުން، އޭގެ ތެރެއިން ދެ މައްސަލައެއް އަލުން ބަލަން ހައި ކޯޓުން އެންގިޔަސް ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަތައް މިހާރު ހުރި ގޮތަށް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި އެ މައްސަލަތައް އަނބުރާ ފޮނުވާލައިފަ އެވެ.

އެކަމަކު ޚިޔާނާތުގެ ކުށުގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލަ އިސްތިއުނާފް ކުރުމަށް މިދިޔަ ހޯމަ ދުވަހު ވަނީ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން ދަށު ކޯޓަށް އެންގިއިރު އެ މައްސަލައާ ގުޅިގެން އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ވެސް އެ ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. ބެލެވޭ ގޮތުގައި އަދީބު ވަރަށް އަވަހަށް މިނިވަން ވާނެ އެވެ.