ހައްޖު ކޯޓާތައް ބާތިލްކޮށް، އަލުން ބީލަމަށް ހުޅުވާލަން ސިސިލްފަރުން އެދިއްޖެ

ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދިން ކުންފުނިތަކަށް ދިން ހައްޖު ކޯޓާތައް ބާތިލްކޮށް، އަލުން ބީލަން ހުޅުވާލަން ސިސިލްފަރު ކުންފުނިން އިސްލާމިކް މިނިސްޓްރީގައި އެދިއްޖެ އެވެ.


ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ހަ ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ދޭން ނިންމައިފަ އެވެ. ނަވެސް، އެކަމުގައި މިނިސްޓްރީން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ސިސިލްފަރު ކުންފުނިން އެ މައްސަލަ ކޯޓަށް ހުށަހެޅިޔަސް، ކޯޓުން ނިންމީ ކޯޓަށް އައުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖްރާއާތުތައް އެ މައްސަލާގައި ފުރިހަމަ ނުކުރާތީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެހެންވެ، މާލިއްޔަތު ގަވާއިދުގެ ދަށުން ކޯޓަށް ދިއުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖުރާއާތު ފުރިހަމަ ކުރުމުގެ ގޮތުން، ސިސިލްފަރުން އިސްލާމިކް މިނިސްޓްރީ އަށް އިއްޔެ ހުށަހެޅި ޝަކުވާގައި ވަނީ އެކަމަށް ކުރިމަތިލި ކުންފުނިތަކަށް ޕޮއިންޓް ދިނުމުގައި މިނިސްޓްރީން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހޭ ގިނަ މައްސަލަތަކެއް ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ވެސް އެކަމުގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ކަމަށް ބުނެފައިވާ ކަމަށާއި އެހެންވެ ކުންފުނިތަކަށް ދިން ހައްޖު ކޯޓާތައް ބާތިލްކޮށް، ބީލަން އަލުން ހުޅުވާލަން ސިސިލްފަރުން އެ ޝަކުވާގައި އެދިފައިވެ އެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ އޭސީސީން މިހާރު ގެންދަނީ އެ މައްސަލަ ބަލަމުންނެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އެކަމުގައި އޭސީސީން އަންގާ ގޮތަކަށް އަމަލު ކުރާނެ ކަމަށެވެ.