ކޮމަންވެލްތާ އަލުން ގުޅެން ލިއުންތައް ހުށަހަޅައިފި

ރާއްޖެ ކޮމަންވެލްތާ އަލުން ގުޅެން އެދުމުން ރާއްޖެއާ ބެހޭ ބައެއް ކަންތައްތައް އޮޅުން ފިލުވުމަށްޓަކައި އެ ޖަމާއަތުން އެދުނު ލިޔެކިއުންތައް ހުށަހަޅައިފި އެވެ.


ކޮމަންވެލްތުން އެދުނު ލިޔެކިއުންތައް އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީސިއާ ސްކޮޓްލޭންޑާ ހަވާލުކޮށްދެއްވީ އިނގިރޭސިވިލާތަށް މިހާރު ވަޑައިގެން ހުންނެވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ލިޔެކިޔުންތައް އޭނާއާ ހަވާލުކޮށްދެއްވީ އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި މިއަދު އެވެ.

ކޮމަންވެލްތާ ގުޅުނުތާ 34 އަހަރު ފަހުން ރާއްޖެ އެ ޖަމާއަތުން ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރާ އެ ޖަމާއަތާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގަ އެވެ. ސަރުކާރުން އޭރު ބުނީ ކޮމަންވެލްތުން ރާއްޖޭގެ ދާހިލީ ކަންކަމާ މާބޮޑަށް ބެހެމުންދާ ކަމަށެވެ.

ކޮމަންވެލްތާ އަލުން ގުޅެން ރާއްޖޭން ހުށަހެޅީ ރައީސް އިބްރާހީމް މުހައްްމަދު ސޯލިހުގެ ސަރުކާރުންނެވެ. ރާއްޖެ އެ ޖަމާއަތާ އަލުން ގުޅެންް ހުށަހެޅުމުން ރާއްޖޭގެ ހާލަތު އޮތް ގޮތް ވަަޒަން ކުރުމަަށް ބައެއްް ކަންތައްތައް އޮޅުންފިލުވަން އެ ޖަމާއަތުން އެދުނެވެ.

ފޮރިން މިނިސްޓްރީން ބުނީ ޝާހިދު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރަކީ އެ ލިޔެކިއުންތައް ހުށަހަޅުއްވަން ކުރެއްވި ދަތުރެއް ކަމަށެވެ. ދަތުރުގައި އެ ގައުމުގެ ފޮރިން ސެކްރެޓަރީ ޖެރެމީ ހަންޓާއި އިސް ބައެއް އެހެން ބޭފުޅުންނާ ވެސް ޝާހިދު މިއަދު ބައްދަލުކުރެއްވި އެވެ.