ސައިކަލް ކަހާލައިގެން ވެއްޓި، ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އަށް ރޭ ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އުފެދުނީއްސުރެ އިސް އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވި ހަސަންޓޭގެ ގާތް މީހަކު "މިހާރު" އަށް ބުނީ އެކްސިޑެންޓު ހިނގަން މެދުވެރިވީ، ހިނގާފައި ދިޔަ މީހެއްގެ ގައިން ސައިކަލް ނައްޓުވާލަން އުޅެނިކޮށް ސައިކަލް ކަހާލައިގެން ކަމަށެވެ. ހަސަންޓޭ އެކްސިޑެންޓުވުމާ ގުޅިގެން ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ.
އޭނާ ހޮސްޕިޓަލަށް ގެންގޮސްދިނީ އެ ވަގުތު އޮފް ޑިއުޓީގައި ހުރި ފުލުހެކެވެ.
ފުލުހުން ބުނިގޮތުގައި، އެކްސިޑެންޓު ހިނގާފައި ވަނީ އަމީރު އަހުމަދު މަގުން ވެލާނާގެެއާ ހިސާބުން ކަފިހި ހުރަސް ކައިރިންނެވެ.
ހަސަންޓެގެ ނިއްކުރި ވަރަށް ބޮޑަށް ފަޅައިގެން ގޮސް ވައަތު ފައި ވެސް ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ. އެކަމަކު، ފަރުވާ ދިނުމަށް ފަހު، ހޮސްޕިޓަލުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
"އެކްސްރޭ އިން ފެނނަ ގޮތުން ފައި ބިންދައިގެނެއް ނުދޭ. އެކަމަކު ސާޖަރީއަކަށް ދާން ޖެހޭ ކަމަށް ޑޮކްޓަރުން އަންގާފައި އޮތީ،" ހަސަންޓޭގެ ގާތް މީހަކު ކިޔައިދިނެވެ.
"ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ވަނީ. އަޅުގަނޑު ވެސް ގޭގައި ހުރެފައި އެ ހަބަރު ލިބުނީމަ، ހޮސްޕިޓަލަށް ދިޔަ އިރު ހަސަންޓޭ ރޭ ވަނީ ގެއަށް ދޫކޮށްލާފައި،" އޭނާ ބުންޏެވެ.
ފުލުހުން ބުނީ، އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ހަސަންޓޭ ބޭނުން ނުވާ ކަމަށެވެ.
އެމްޑީޕީގެ އިނގުރައިދޫ ދާއިރާގެ ރައީސްކަން ކުރައްވާ ހަސަންޓޭ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ބޭއްވި މުޒާހަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. މުޒާހަރާތަކާ ގުޅިގެން އޭނާ ވަނީ އެތައް ފަހަރެއްގެ މަތިން ޖަލަށް ވެސް ގެންގޮސްފަ އެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ހުރިހާ ރަށަކަށް ވަޑައިގެންނެވި އެއް ބޭފުޅަކީ ވެސް ހަސަންޓޭ އެވެ.