އެއް އަހަރުވުމުން ޕްރީސްކޫލަށް ކުދިން ގެންދަން މަޖިލިހަށް އިސްލާހެއް ހުށަހަޅައިފި

އުމުރުން އެއް އަހަރުން ފެށިގެން ހަ އަހަރާ ދެމެދުގެ ކުދިންނަށް ޕްރީ ސްކޫލްގެ ޕްރޮގްރާމްތައް ހިންގުމަށް ޕްރީ ސްކޫލް ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފި އެވެ.


ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން އޭގެ ބޭނުމަކީ، ކުޑަކުދިންނަށް އެންމެ ކުޑައިރުގައި އެ ކުއްޖެއްގެ އުގެނުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ، އެކަމަށް ހައްލު ހޯދުމުގެ ފުރުސަތު ލިބުމާއި އުނގެނުމުގެ މާހައުލު ހަރުދަނާ ކުރުމަށާއި ތައުލީމަށް ލޯ ހުޅުވުމުގެ ފުރުސަތު ފަހިކޮށް ދިނުމެވެ.

"ބޭބީ ނާސަރީ" ގެ ބިލުން މަޝްހޫރުވި އިސްލާހުގައި ޕްރީސްކޫލް ތަކުގައި ޕްރޮގްރާމްތައް ހިންގާނީ ފަސް އުމުރުފުރައަކަށް ބަހާލައިގެން ކަމަށް ވަނީ ހިމަނައިފަ އެވެ. ޕްރީސްކޫލް ހިންގުމުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން އެ ޕްރޮގްރާމްތައް ހިންގާނީ ހަތަރު އަހަރާއި ހަ އަހަރުގެ ކުދިންނަށެވެ.

ފަޒުލް ހުށަހެޅުއްވި އިސްލާހުގައި ވަނީ:

- އުމުރުން އެއް އަހަރާއި ދެ އަހަރާ ދެމެދުގެ ކުދިންނަށް ޕްލޭ ސްކޫލް މަރުހަލާ.

- އުމުރުން ދެ އަހަރާއި ތިން އަހަރާ ދެމެދުގެ ކުދިންނަށް ބޭނީ ނާސަރީގެ މަރުހަލާ.

- އުމުރުން ތިން އަހަރާއި ހަތަރު އަހަރާ ދެމެދުގެ ކުދިންނަށް ނާސަރީގެ މަރުހަލާ.

- އުމުރުން ފަސް އަހަރާއި ހަ އަހަރާ ދެމެދުގެ ކުދިންނަށް ޔޫކޭޖީގެ މަރުހަލާ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް (ކ) ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: މަޖިލިސް

އެ އިސްލާހުގައި ވަނީ ދައުލަތުގެ ފުރިހަމަ ބައިވެރިވުމާ އެކު، ދައުލަތުން މަގުފަހިކޮށްދީގެން ކައުންސިލްތަކުން ނުވަތަ އަމިއްލަ ފަރާތްތަކުން ނުވަތަ މުޖުތަމައުން ހިންގާ ޕްރީސްކޫލްތަކެއް ހުރުމުގެ އިތުރުން ދައުލަތުން ހިންގާ ޕްރީސްކޫލްތަކެއް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމުކޮށް، ދައުލަތުން އެ ތަންތަން ހިންގުން ލާޒިމް ކުރަން ވާނެ ކަމަށް ބުނެފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަން ކުރެއްވި ފަޒުލް ވަނީ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ކުދިންނަށް ޕްރޮގްރާމް ހިންގަން ވާން ކަމަށް ބުނާ މާއްދާ އުވާލަން ހުށަހަޅުއްވައިފަ އެވެ.

އެހެންކަމުން ބިލް ފާސްވެ، ރައީސް ތަސްދީގު ކުރައްވައިފި ނަމަ، އެއް އަހަރުން ފެށިގެން ހަ އަހަރާ ދެމެދުގެ ކުދިންނަށް ޕްރީސްކޫލްތަކުން ތައުލީމް ފޯރުކޮށްދޭން ޖެހެ އެވެ.