ކޮމިޓީގައި ޖޭއެސްސީގެ ކަންކަމުގައި ހިސާނަށް ބައިވެރިނުވެވޭ ގޮތް ހަދައިފި

ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތުގައި މަޖިލީހުން ޖޭއެސްސީ އަށް ކަނޑައަޅާފައިވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އަށް ބައިވެރިނުވެވޭ ގޮތަށް ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.


ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ނިންމީ ކޮމިޓީއަށް ޖޭއެސްސީގެ މެމްބަރުން ހާޒިރު ކުރާ އިރު، އެ ކޮމިޝަންގެ ފަރާތުންނާއި ކޮމިޓީގެ ފަރާތުން ވެސް ހިސާނަށް ބައިވެރި ނުވެވޭނެ ކަމަށެވެ. އެ ގޮތަށް ބަދަލުކުރަން ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސެއިނެވެ.

ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ ޖޭއެސްސީގައި ހުރި ކަންކަން ބެލުމުގެ ބާރު ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމަނާފައިވާތީ އެ މަސައްކަތުގައި ހިސާން ބައިވެރިވެވަޑައިގަންނަވާ ނަމަ، "ކޮންފްލިކްޓް އޮފް އިންޓްރަސްޓެއް" އަންނާނެ ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި ޖޭއެސްސީއާ ގުޅުން ހުރި ކަންކަން ބެލުން ފިޔަވައި ދެން ކޮމިޓީން ކުރާ ހުރިހާ މަސައްކަތެއްގައި ހިސާނަށް ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު އޮންނާނެ އެވެ.

ބައްދަލުވުމުގައި ހިސާން ވިދާޅުވީ ކޮމިޓީގެ މެމްބަރުން ނިންމަވާ ގޮތަކަށް އިހްތިރާމް ކުރައްވާނެ ކަމަށެވެ. ހިސާންއާ ގުޅޭ ގޮތުން ކޮމިޓީގައި މަޝްވަރާ ކުރާތީ އޭނާ ވަކި ހިސާބަކުން ވަނީ ކޮމިޓީ ދޫކުރައްވައި ވަޑައިގެންފަ އެވެ.

އަލީ ހުސެއިން ވިދާޅުވީ ކޮމިޓީގައި ކުރިއަށްދާ ޖޭއެސްސީއާ ގުޅޭ އެއްވެސް ކަމެއްގައި ހިސާން ބައިވެރިވެވަޑައި ނުގަތުމަކީ ކުރަން ރަނގަޅު ކަމެއް ކަމަށެވެ. އަދި މަސްލަހަތު ފުށުއަރާ މައްސަލަތަކުގައި އަމަލު ކުރަން ޖެހޭ ގޮތަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖޭއެސްސީގެ މެންޑޭޓްތެރޭގެ އެއްވެސް ކަމެއް ހިމެނޭ ކަމަށްވާ ނަމަ، ހިސާން ކޮމިޓީގައި ބައިވެރިނުވުމަކީ އަޅުގަނޑު ހަމަ ތާއީދު ކުރާ ކަމެއް،" އަލީ ހުސެއިން ވިދާޅުވި އެވެ.

ކޮމިޓީގައި ޖޭއެސްސީގެ ކަންކަމުގައި ހިސާނަށް ބައިވެރިނުވެވޭ ގޮތް ހެދީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ހިސާން އިންނެވުމުން މަސްލަހަތު ފުށުއަރާނެ ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައިވަނިކޮށެވެ.

މި މަހު ހުވާކުރި 19 ވަނަ މަޖިލީހަށް އަލަށް އުފެއްދި ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖޭއެސްސީގެ އިތުރުން އެޓާނީ ޖެނެރަލާއި ޕްރޮސެކިއުޓާ ޖެނެރަލާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ލޭބާ ޓްރައިބިއުނަލް އަދި މޯލްޑިވްސް އާބިޓްރޭޝަން ސެންޓަރުގެ އިސްބޭފުޅުން ޖަވާބުދާރީ ކުރުވުން ހިމެނެ އެވެ. ޖޭއެސްސީ ފިޔަވައި ދެން ކޮމިޓީގެ މެންޑޭޓްގައި ހިމެނޭ ކަންކަމުގައި ބައިވެރިވުމަށް ހިސާނަށް އެއްވެސް ހުރަހެއް ނެތެވެ.

އެކަމަކު އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ހިސާނަކީ ކުރިން އެއް ލޯ ފާމެއް ހިންގެވި ދެ ބޭފުޅުންނަށް ވުމުން، އެޓާނީ ޖެނެރަލް ޖަވާބުދާރީ ކުރުވާ ކޮމިޓީއެއްގައި ހިސާން އިންނެވުމަކީ ވެސް މަސްލަހަތު ފުށުއަރާ ކަމެއްގެ ގޮތުގައި ބައެއް މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.

އާ މަޖިލިހަށް އަލަށް އުފެއްދި ހިއުމަން ރައިޓްސް ކޮމިޓީގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު އިންނެވުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް މެމްބަރުން މައްސަލަ ޖެއްސުމުން އޭނާގެ ނަން ވަކި ހިސާބަކުން އަނބުރާ ގެނެސް އެހެން ކޮމިޓީ އަކަށް ލި ކަމަށް ވެ އެވެ. ހުސައިން މުހައްމަދު ލަތީފުގެ އަނބިކަނބަލުންނަކީ އެ ކޮމިޓީ އަށް ޖަވާބުދާރީވާން ޖެހޭ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެމްބަރެކެވެ.

އެމްޑީޕީގެ އަށް މެމްބަރަކު ހިމެނިވަޑައިގަންނަވާ ޖުޑިޝަރީ ކޮމިޓީ އަށް ހިސާންގެ ނަން ހުށަހެޅީ އެ ޕާޓީންނެވެ. ޖުޑިޝަރީ ކޮމިޓީގައި ތިއްބަވަނީ ހިސާނާއި ހަސަން ލަތީފާއި އަލީ ހުސެއިންގެ އިތުރުން ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ނައިބު މުގައްރިރު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއްޒު އާއި ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމާއި ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދާއި ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ ރިޒާ އާއި މަތިވެރި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޒަރީރާއި ވިލިނގިލި ދާއިރާގެ އަމިއްލަ މެމްބަރު ސައުދު ހުސެއިން އެވެ.