13 ޖޫން 2019 - 19:34
ރާއްޖޭގެ ތިމާވެއްޓާ ބެހޭ ވަޒީރުކަން ކުރެއްވި ގިނަ އަދަދެއްގެ ބޭފުޅުން، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މިއަދު މަޝްވަރާކުރައްވައިފި އެވެ.
"ތާރީހުގެ ތެރެއިން ތިމާވެށީގެ ވަޒީރުން" ނަމުގައި އާޓް ގެލެރީގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ކުރީގެ ތިމާވެށީގެ ވަޒީރުންގެ ތެރެއިން ބައިވެރިވެ ވަޑައި ނުގަންނަވަނީ އިސްމާއިލް ޝަފީއު އާއި ޑރ. މުހައްމަދު މުއިއްޒެވެ. އެހެން ބޭފުޅުން ބައިވެރިވެ ވަޑައިގެން، ތިމާވެށި ހިމާޔަތްކުރުމާ ގުޅޭ ގޮތުން ހިޔާލުތައް ދެއްވި އެވެ.
މިހާރުގެ ވަޒީރު ޑރ. ހުސައިން ރަޝީދު ހަސަން ވަނީ މިސަރުކާރުން ތިމާވެށި ހިމާޔަތަށް ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެކި ރަށްރަށުގެ ކަނޑޫފާތަކާއި ފަޅުތަކުގެ އިތުރުން ފަރުތައް ހިމާޔަތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭގެ ތެރެއިން މިފަހުން ހިމާޔަތް ކޮށްފައިވާ ތަންތަން މެނޭޖުކުރާނެ ގޮތުގެ ޕްލޭންތައް މިހާރު ހަދަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިކަންކަން ކުރުމަށްޓަކައި ހުރިހާ އަތޮޅެއްގައި ކުރަން ޖެހޭ ކަންކަމުގެ ދިރާސާތައް ވަނީ ކޮށް ނިމިފައި. އެ ދިރާސާތައް އަލުން ރިވައިޒް ކުރުމުގެ މަސައްކަތް މިހާރު ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު: ތިމާވެށި ހިމާޔަތުގައި ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ވިދާޅުވި-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
ގްރީން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ އަކީ ހަމައެކަނި ތިމާވެށި ހިމާޔަތް ކުރުމަށް ބޭނުން ކުރާ ފައިސާ ކަމަށް މިސަރުކާރުން ނިންމާފައި ވާތީ ޕްރޮޖެކްޓްތައް ހިންގުމަށް ފައިސާގެ ދަތިކަން ކުރިމަތި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެ ބައްދަލުވުމުގައި ވިދާޅުވީ މިނިސްޓްރީގެ މުވައްޒަފުންނަށް ތަމްރީނު ދިނުމަށް އިސްކަން ދޭންޖެހޭ ކަމަށެވެ. އަދި މިނިސްޓްރީގައި ތިއްބެވި ގާބިލް ބޭފުޅުން ވަޒީފާގައި ބޭތިއްބުން މުހިންމު ކަމަށް ތޯރިގް ވިދާޅުވި އެވެ.
"ހާއްސަކޮށް ވޭސްޓް މެނޭޖްމަންޓް ދާއިރާގައި ވަރަށް މަދު އެ ދާއިރާ އިން ކިޔަވައިގެން ތިބި، އެއީ މުހިންމު ދާއިރާއެއް ވީމަ އެ ދާއިރާ އިން މީހުން ތަމްރީނު ކުރުން ވަރަށް މުހިންމު،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތިމާވެއްޓާ ބެހޭ ވަޒީރުކަން ކުރެއްވި ތޯރިގް ވިދާޅުވި އެވެ.
ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާއިރު ބައެއް މިނިސްޓްރީތަކުގެ އެއްބާރުލުން ނުލިބޭ ކަމަށް ތޯރިގް ވިދާޅުވި އެވެ. އެގޮތުން މިދިޔަ ސަރުކާރުގައި ބަޔޮސްފިޔާ ރިޒާވްގެ ޕްރޮޖެކްޓް ހިންގުމަށް ފިޝަރީޒް މިނިސްޓްރީގެ އެއްބާރުލުން ނުލިބުމުން އެ ޕްރޮޖެކްޓް ކުރިއަށް ނުގެންދެވުނު ކަމަށް ތޯރިގް ވިދާޅުވި އެވެ.
މިއަދުގެ ބައްދަލު ކުރެއްވުމުގައި ބައެއް ވަޒީރުން ބައިވެރިވެ ވަޑައިގެން-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ބަޔޮސްފިޔާ ޕްރޮޖެކްޓް ފެއްޓެވި އޭރުގެ ވަޒީރު ޑރ. މަރިޔަމް ޝަކީލާ މިއަދު ވިދާޅުވީ މިނިސްޓްރީތަކުގެ މެންޑޭޓްތަކުގައި ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ. އެއް މިނިސްޓްރީން އަނެއް މިނިސްޓްރީއަށް ދޫދިނުމެއް ނެތި ކުރާ ކަންކަމުގެ ސަބަބުން ޕްރޮޖެކްޓްތައް ނުހިންގޭ ކަމަށް ވިދާޅުވި އެވެ.
ބަޔޮސްފިޔާ ރިޒާވަކަށް މުޅި ރާއްޖެ ބަދަލު ކުރެވިއްޖެ ނަމަ ރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ ގިނަ މައްސަލަތަކެއް ހައްލު ވެގެން ދާނެ ކަމަށްވެސް ޝަކީލާ ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތިމާވެށީގެ ވަޒީރުކަން ކުރެއްވި އަދި މިސަރުކާރުގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ތިމާވެށީގެ ކަންކަމަކީ ސިޔާސީ ކަންކަމުގައި އެއް މިސްރާބަކަށް މަސައްކަތް ކުރެވޭ ހަމައެކަނި ކަންތައް ކަމަށެވެ. ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގައި ވެސް ތިމާވެއްޓާ ގުޅުން ހުރި ކަންކަމުގެ ސިޔާސަތުތައް ވަރަށް އެއްގޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެނަށް އެއް ކަމަކަށް އެއްބަސް ވެވޭ ކަމެއް ތިމާވެށީގެ ކަންކަމަކީ. ކުދިކުދި ބަދަލުތައް އައި ނަމަވެސް،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ތިމާވެށީގެ ކަންކަމުގައި ކަންބޮޑުވުންތައް އޮތްއިރު އުއްމީދުވެސް އެބަ އޮތް ކަމަށް އަސްލަމް ވިދާޅުވި އެވެ. ރާއްޖެ ދޫކޮށް ދިއުމުގެ ބަދަލުގައި ތިމާވެށި ހިމާޔަތްކުރުމުގެ ވާހަކަ ދައްކަނީ އެހެންވެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކުނީގެ މައްސަލަ އަކީ ދިވެހިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ދިރިއުޅުމުގެ ވައްޓަފާޅި އަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
މިއަދުގެ ބައްދަލު ކުރެއްވުމުގައި މިނިސްޓަރު އަސްލަމް ބައިވެރިވެ ވަޑައިގެން-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދައުރުގައި ވަޒީރުކަން ކުރެއްވި އަދި މިހާރު ސިންގަޕޫރުގެ ސަފީރަކަށް ހުންނެވި ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނަކީ ތިމާވެއްޓަކީ ހަޒާނާއެއްގެ ގޮތުގައި ދެކޭނެ ދުވަހެއް ކަމަށެވެ. މި ސަރުކާރުން "ނޫ އިގްތިސާދު"ގެ ސިޔާސަތު ކަނޑައަޅާފައި ވާއިރު އެއީ ރަނގަޅު ނިންމުމެއް ކަމަށް ވިދާޅުވި އެވެ.
"ތިމާވެށި ހަޒާނާއެއް ކަމަށް ދެކިގެން އޭގެން ވާހާ ބޮޑު ފައިދާއެއް ނަގަންވީ. އެކަން ކުރަން ވާނީ އަންނަން އޮތް ޖީލުތަކަށް ރާއްޖެ ލިބޭގޮތަށް،" މައުސޫމް ވިދާޅުވި އެވެ.
މައުމޫން ސަރުކާރުގައި ވަޒީރުކަން ކުރެއްވި އަބްދުއް ރަޝީދު ހުސައިން ވިދާޅުވިގޮތުގައި 1970ގެ ކުރީކޮޅުން ފެށިގެން ތިމާވެއްޓަށް އަންނަ ބަދަލުތައް ދިވެހިންނަށް ވަނީ ފާހަގަކުރެވެން ފަށައިފަ އެވެ. އޭނާގެ ވަޒީރުކަމުގައި، ދުނިޔެ ހޫނުވުން ކޮންޓްރޯލްކުރުމާ ބެހޭ ކިއޯޓޯ ޕްރޮޓޮކޯލްގައި ރާއްޖޭން ވަނީ ސޮއިކޮށްފަ އެވެ.
މައުމޫން ވެރިކަމުގައި ވަޒީރުކަން ކުރެއްވި އަހުމަދު އަބްދުﷲގެ ވާހަކަފުޅުގައި މިސަރުކާރުން ތިމާވެށި ހިމާޔަތް ކުރަން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަ ކުރެއްވި އެވެ. އަދި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރަން އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭއިރު އެކަމުގައި ސްކޫލު ކުދިން ބައިވެރި ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެކުދިންގެ ތެރެއިން އެމްބެސެޑަރުން ކަނޑައެޅުން މުހިންމު ކަމަށް ވިދާޅުވި އެވެ.
މުހައްމަދު ޒާހިރާއި ކުރީގެ ވަޒީރު އުމަރު ޒާހިރު-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
ވެއަތުވެ ދިޔަ ތަނުގައި ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ކަންކަން ކޮށްފައިވާކަން ފާހަގަކުރައްވައި އަހުމަދު އަބްދުﷲ ވިދާޅުވީ ތަރައްގީ އާއި ވަސީލަތްތައް ބޭނުންވިޔަސް ތިމާވެށި ގުރުބާންކުރަން ވާނީ ވަކިވަރަކަށް ކަމަށެވެ.
ކުރީގެ ވަޒީރު އުމަރު ޒާހިރުގެ ވާހަކަފުޅު ހަމަ އެކަނި އަމާޒު ކުރެއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) އަށް ޝުކުރު ދެންނެވުމަށެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް ރާއްޖޭގެ ސަރުކާރެއްގައި އުފެއްދެވި ފުރަތަމަ މަގާމު ދެއްވީ މީމު ޒަވިޔަންޏަށެވެ. އެއީ 1978 ވަނަ އަހަރު އޭރުގެ ހޯމް މިނިސްޓްރީގެ އޮފިސަރެއްގެ ވަޒީފާ އެވެ. އޭރު ވަޒީރަކަށް ހުންނެވީ އުމަރު ޒާހިރެވެ. އެ ދުވަހުން ފެށިގެން އަދިވެސް އޭނާ ހުންނެވީ ތިމާވެށި ހިމާޔަތް ކުރުމުގައި ވަޒީފާގަ އެވެ.
މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން މީމު ޒަވިޔަނި ވިދާޅުވީ ރާއްޖޭގައި މީހުން އުޅެންފެށީންސުރެ ތިމާވެށީގެ ކަންކަމަށް ސަމާލުކަން ދީފައިވާ ކަމަށެވެ. ޒަމާނުންސުރެ ތިމާވެށީގެ ހިމާޔަތުގައި ދިވެހިން އެކިއެކި އުސޫލުތަކަށް އަމަލު ކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާތީ އެކަމާ އުފާ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުށި
14 June 2019
މިއީ އިބޫ ސަރުކާރުގެ ތަފާތަކީ. ނަތީޖާ ވެސް ނެރޭނެ.
ހަންސަން
14 June 2019
ތިމާވެށި ހިމާޔަތްކުރެވޭނީ އިޤްތުސާދު ކޮށްގެން. ތިމާވެއްޓާ އިޤްތިސާދު ގުޅޭހިސާބަކީއެއީ. ތިމާވެއްޓަކީ ހަމައެކަނި މާއްދީއެއްޗެއްނޫން. ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތް ފަށަންޖެހެނީ ޕްރައިމެރީ ސްކޫލްތަކުން. ފަރުތަކާއި، ޗަސްބިންތަކާއި، ގޮނޑުދޮށްތައް އަންނަންވީ އެއަށްފަހުގައި.
އިންސާފުދޮހޮއްކޮ
14 June 2019
ކޮންމެ ވަޒީރަކު މިކަހަލަ ބައްދަލުވުންތައް ބާއްވައި އަހަރު މިނިމެނީ ، ހެލްތު މިނިސްޓަރ ވެސް މިކަހަލަ ސަކަރާތެއްޖަހައިފި ދެން ޔޫތު މިނިސްޓްރީން އެއްކުރަންވީ ނޫންތޯ ކުރިން ބޫޓަށް ނާރައި ފުޓްބޯޅަ ކުޅުނު ކުޅުންތެރިންނާ މުންޑުގައި ގޯލްކީޕަރ ކަންކުރި އެންމެން ، ދުލުހިފައި ދަމަންޏާ އެއްޗެއް ބުނެވިދާނެދޯ.
ގިއުޅު
14 June 2019
ހުރިހާ އެންމެންވެސް އިއްތިފާގުވަނީ ތިމާވެއްޓަކީ އެއީ ރާއްޖެތެރެކަމަށް. ތިމާވެށި ހިމާޔަތްކުރުން އެއީ އިނގިރޭސި ފިލްމު ބަލާފަ މާލޭގެ ބޮޑުގޮނޑީގައި ތިބެގެން ރާއްޖެތެރެ ހިމާޔަތްކުރުން. މާލޭގައި އުފެދޭހާ ކުނި އަޅަނީ ޖެހިގެންއޮތް ފަޅުތެރެއަށް. މާލޭގައިހުރި ހުރިހާ ރުއްގަސް ކަނޑައިފި. މާލޭގެ ފަޅާއި ފަރު ނައްތާލައިފި. ލޮނުފެނުން ފެންކޮޅުދަމާލީިމަ ހުންނަ ބްރައިން ދޫކުރަނީ ކަނޑަށް. ހުރިހާ ނަޖިހެއް ދޫކުރަނީ ކަނޑަށް.
ސަކީނާއްތަ
13 June 2019
މިސަރުކާރުން ކުރާ ރަގަޅުކަންތައްތަ ތެރޭ ހިމެނޭ، އެވުޒާރާއެއްގައި ކުރާ މަސައްކަތާއި ގުޅިގެން ކުރިން އެތަނެއްގައި މަސައްކަތް ކުރި މިނިސްޓަރުންގެ މަޝްވަރާ ެ ބޭނުންކުރުން. ކުރީ ފަހަރު ފެނުނީ ހެލްތް މިނިސްޓަރީ. ތޭންކް ޔޫ އިބޫ.