ސޮފްވާނާއި ޒައިނާ ވަކިކުރަން ހުށަހަޅައިފި

ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާނާއި މިހާރުގެ ނައިބު ރައީސް ފާތިމަތު ޒައިނާ މަގާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ހުށަހަޅައިފި އެވެ.


އެ ކޮމިޓީގެ ނައިބު މުގައްރިރު މީކާއީލް ނަސީމް އެގޮތަށް މިއަދު ހުށަހެޅުއްވީ ބްރޮޑްކާސްޓިން ކޮމިޝަންގެ މެމްބަރުން އެ ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށްފަހުގަ އެވެ. ޒައިނާ ވަޑައިގެން ނަމަވެސް ސޮފްވާން ކޮމެޓީއަށް ވަޑައެއް ނުގަންނަވަ އެވެ.

މީކާއިލް އެގޮތަށް ހުށަހެޅުއްވި ނަމަވެސް މިއަދު އެކަމާ ގުޅެގޮތުން ވަކި ގޮތެއް ނުނިންމަ އެވެ.

ސޮފްވާނާ ގުޅޭ ގޮތުން އެކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވީ ސޮފްވާން އޮފީހަށް ވަޑައިނުގަންނަވާތާ އަށެއްކަ މަސް ވެއްޖެ ކަމަށެވެ. އަދި އޭނާ އުޅޭތަނެއް މިހާރު އެކޮމިޝަނަށް ނޭނގޭ ކަމަށް ވެސް ވިދާޅުވި އެވެ.

ސޮފްވާން އޮފީހަށް ވަޑައިނުގަތަސް މުސާރަ ދެއްވަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ޝަހީބް ވިދާޅުވީ އެ މައްސަލަ ރައީސް އޮފީހަށާއި މަޖިލީހަށް މިދިޔަ ނޮވެމްބަރު މަހު ހުށަހަޅާފައިވާ ކަމަށެވެ. އެ ކޮމިޝަންގެ މެމްބަރަކު މަގާމުން ވަކިކުރެވޭނީ މަޖިލީހަށް ކަމަށްވާއިރު މުސާރަ ދެނީ މަޖިލީހުން ވަކިގޮތެއް ނުނިންމާތީ ކަމަށް ޝަހީބް ވިދާޅުވި އެވެ.

ބްރޮޑްކާސްޓިން ކޮމިޝަންގެ މެމްބަރުން ކޮމިޓީގައި: ގޯސްތަކެއް ހެދުނު ކަމަށް އެއްބަސްވި-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިދިޔަ ސެޕްޓެމްބަރު 17 ވަނަ ދުވަހު އޭނާގެ އޮފީހުގެ ކޮޓަރީގައި "ރަހީނުކޮށް"، އިސްތިއުފާ ދެއްވުމަށް ސޮފްވާން މަޖުބޫރުކުރެއްވި ކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން ވެސް ޝަހީބް މިއަދު ކޮމިޓީގައި ވަނީ ވާހަކަ ދައްކަވާފަ އެވެ. ސޮފްވާން ކުރީ ޓެރަރިޒަމްގެ އަމަލަކަށް ވާއިރު ފުލުހުން އޭނާގެ ބަޔާން ނެގުމުގެ އިތުރުން ފިޔަވަޅެއް އަޅާފައި ނުވާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ޝަހީބް ވިދާޅުވި އެވެ.

ބްރޮޑްކާސްޓިން ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ސޮފްވާން ނުފޫޒު ފޯރުވާ ކަމަށް ވެސް ޝަހީބު ތުހުމަތު ކުރެއްވި އެވެ. ޝަހީބު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ފެބްރުއަރީ މަހު އިއްވި ކުއްލި ނުރައްކަލުގެ ހާލަތާއެކު ރާއްޖެ ޓީވީ ބަންދުކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން އެންގެވި ކަމަށް ސޮފްވާން އޭނާ ގާތު ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދުވަސްވަރު ރާއްޖެ ޓީވީ ބަންދުކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން، ޑިފެންސް މިނިސްޓްރީ އަށް ރަސްމީ ސިޓީއެއް ފޮނުވި އެވެ. އެ ސިޓީގައި ސޮއިކުރައްވާފައި އޮތީ ޕީޕީއެމްގެ އެކްޓިވިސްޓެއްގެ ގޮތުގައި އުޅުއްވި ސޮފްވާނެވެ.

މިހާރު އެ ކޮމިޝަންގެ ނައިބު ރައީސަކަށް ހުންނެވި ޒައިނާ ޕީޕީއެމްގެ ހަރަކާތްތަކުގައި ކުރިން ބައިވެރިވެފައިވާތީ މެމްބަރުން ވަނީ އޭނާއާ ސުވާލުކޮށްފަ އެވެ. ޖަވާބުގައި ޒައިނާ ވިދާޅުވީ އޭނާ އަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ނޫން ކަމަށެވެ. ޕީޕީއެމް މަހާސިންތާގައި އޭނާ ބައިވެރިވީ އެ ހަރަކާތް ހުށަހަޅަން ފުރުސަތު ލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕީޕީއެމުން ބޭއްވި އެހެން ހަރަކާތެއްގައި ބައިވެރިވީ އެއީ ދުވަސްވީ މީހުންނަށް ބޭއްވި ހަރަކާތަކަށްވާތީ ކަމަށް ވިދާޅުވި އެވެ.

މަޖިލިސް މެމްބަރުން ވަނީ ބްރޮޑްކާސްޓިން ކޮމިޝަންގެ މެމްބަރުންނަށް ސިޔާސީ ނުފޫޒު ފޯރާފައިވޭތޯ ވަކިވަކިން ސުވާލު ކުރައްވައިފަ އެވެ. އެ މެމްބަރުން ވިދާޅުވީ އެފަދަ ނުފޫޒެއް ނުފޯރާ ކަމަށެވެ. ނަމަވެސް ނިމިދިޔަ މަޖިލީހުގެ ބައެއް މެމްބަރުން ގުޅައި ވަކިގޮތަކަށް ކަން ކުރުމަށް އަންގާކަމަށާއި ނަމަވެސް އެގޮތަށް އަމަލު ނުކުރާ ކަމަށް ކޮމިޝަންގެ މެމްބަރުން ވިދާޅުވި އެވެ.

އަބުރު ގާނޫނުގެ ދަށުން ރާއްޖެ ޓީވީ އާއި ބައެއް އެހެން ޓީވީތައް ބޮޑެތި އަދަދުތަކަކުން ޖޫރިމަނާކޮށްފައިވާއިރު އެކަން ކޮށްފައިވަނީ އިންސާފުން ނޫން ކަމަށް ޝަހީބް މިއަދު ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ ވަކި ޗެނަލްތަކަކަށް އަމާޒުކޮށްގެން އެ ކޮމިޝަންގެ ބައެއް މެމްބަރުން މައްސަލަތައް ހުށަހަޅައި ބަލާފައިވާ ކަމަށެވެ. އަދި އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް ކޮމެޓީގެ މެމްބަރުން ވަނީ ބްރޮޑްކާސްޓިން ކޮމިޝަންގެ މެމްބަރުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެފަ އެވެ.