ސަޖުނާ ތައްޔާރުކުރި ކޮލާޖު: އެ މަސައްކަތް ފުރިހަމަކުރީ ނުވަ ދުވަހުން.-- ފޮޓޯ: އާސިމާ ނިޒާރު/ މިހާރު
21 ޖޫން 2019 - 22:38
ރާއްޖޭގެ ތައުލީމީ ދާއިރާގައި އެންމެ މުހިއްމު އެއް ބައިވެރިޔާ، އަމީނިއްޔާ ސްކޫލުގެ އަލިމަސްޔޫބީލާ ގުޅިގެން އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން އެ ސްކޫލުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިންގެ އިތުރުން ކުރީގެ ދަރިވަރުންނަށް ހުޅުވާލައިގެން މިއަދު ފެށި މައުރަޒުގައި ގިނަ އަދަދެއްގެ ކުރެހުމާއި އަތްތެރި މަސައްކަތް ފުރިހަމައަށް ދައްކުވައިދޭ އެއްޗެހި ފެންނަން އެބަހުުއްޓެވެ.
އެ ތަކެތީގެ ތެރެއިން ގިނަ ބައެއްގެ ލޯ އަމާޒުވީ ކުރީގެ ރައީސް އަމީން ދީދީ އާއި އެ ސްކޫލުގެ ލޯގޯ ބޭނުންކޮށްގެން ތައްޔާރުކުރި ކޮލާޖަށެވެ. އަމީނިއްޔާގެ ބެލެނިވެރިއެއްގެ އިތުރުން މުސްކުޅި ދަރިވަރެއްގެ ގޮތުގައި އައިޝަތު ސަޖުނާ ހެދި ކޮލާޖަށް ވަނީ ކެޓަގަރީން އެއް ވަނަ ލިބިފަ އެވެ. އަދި ގަދަ ފަސް ވަނައިގައި ވެސް އޭނާ ތައްޔާރުކުރި އެތި ވަނީ ހިމެނިފަ އެވެ.
އަމީނިއްޔާ ސްކޫލުގެ މައުރަޒަށް ހުށަހަޅާފައިވާ ބައެއް ތަކެތި-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ސަޖުނާ "މިހާރު" އަށް ބުނީ އޭނާ ކޮލާޖު ހެދީ ނުވަ ދުވަހުން ކަމަށެވެ. އެ ހަދާފައިވަނީ މިހާރު ނޫހާއި، އަމީނިއްޔާގެ ފައުންޑަރު އަމީންގެ އޯކިޑް މެގަޒިން އަދި އެހެން މެގަޒިންތަކުން ރީތި އެކި ބަސްތައް ކަފައި ނަގައިގެންނެވެ.
ފަންސޫރުން ސަޖުނާ އެންމެ ފުރަތަމަ ކުރެހީ އަމީން އަދި އަމީނިއްޔާގެ ލޯގޯގައި ހިމެނޭ ތަރި އެވެ. އެއަށްފަހު އަމީންގެ ސިފަ ގެނައުމަށް އޭނާ ބޭނުންކުރަނީ ނޫސް ކަރުދާހެވެ.
"މެގަޒިންގައި ހުރި ހިތްގައިމު ބަސްތައް، އެއީ ސްކޫލާ ގުޅޭ ބަސްތައް، އެ އެއްޗެހި ނަގައިގެން އެ ކޮލާޖުގެ އެކި ދިމާލުގައި ތަތްކުރީ. ނުލިބުނު ބަސްތައް އަމިއްލަ އަށް ޕްރިންޓްކޮށްގެން ތަތްކުރީ،" ސަޖުނާ، 28، ބުންޏެވެ.
އޭނާގެ ކޮލާޖު، މާދަމާ ރޭ 11:00 ވަންދެން ބާއްވާ މައުރަޒުގައި 1500ރ. އަށް ވިއްކަން ހުންނާނެ އެވެ.
ތަފާތު މަންޒަރު ދައްކުވައިދޭ ކުރެހުންތައް ހުރިއިރު، ޕްލާސްޓިކް ފުޅި އާއި ފިލާ ބޭނުންކޮށްގެން ވެސް ދަރިވަރުންގެ ހުނަރު ދައްކާލާފައި ވެ އެވެ. އެގޮތުން ގެއާއި މާ ވައްޓާއި ގޭތެރެ ޒިނާތަތްތެރިކުރުމަށް ބެހެއްޓޭނެ އެކި ކަހަލަ އެއްޗެހި ހުއްޓެވެ. އެ އެއްޗެހި ގަތުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.
އަމީނިއްޔާ ސްކޫލުގެ މައުރަޒުގައި ހުރި އެއްޗެއް- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މައުރަޒު ހުޅުވައިދިނުމަށް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އާޓްސް، ކަލްޗާ އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ ފަންނުވެރިކަމުގެ ސަބަބުން ވިސްނުން ހުޅުވިގެންދާ ކަމަށެވެ. އެހެންވެ ދަރިވަރުންނަށް ސްކޫލު މާހައުލުގައި އެކި ފަންނުތައް ދަސްކޮށްދޭންޖެހޭ ކަމަށް ވިދާޅުވިި އެވެ.
އަމީނިއްޔާ ސްކޫލުގެ މައުރަޒުން ވަނަ ހޯދި ބައިވެރިންނާއެކު އާޓްސް މިނިސްޓަރު ޔުމްނާ (މ) ފޮޓޯއަކަށް ހުއްޓިވަޑައިގެން-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭނާ ވިދާޅުވީ ތަފާތު ފަންނުގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި އެހެން ކުދިންނާ ގުޅިގެން އުޅުމާއި ކެތްތެރިކަން ވަރަށް ރަނގަޅަށް ދަސްވާކަން ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަ
22 June 2019
ސަޅި އާރޓް ވޯކްއެއް! ވަރަށް މަސައްކަތް...
އ މ
22 June 2019
އަސްލު މިއީ ކޮލާޖެއް ނޫން. އާޓިސްޓުންނަށް އެނގޭނެ ކޮލާޖު އަސްލު ހުންނަ ގޮތް. والسّلام
ކޮބާ..ކޮބާ
22 June 2019
"ފެންނަ ތަސްވީރު ފުޅަކީ މިގައުމުގެ އަމީން... އެންމެހާ ހިތްތަކުގެ ލޯބި މިލްކުވި އަމީން..."
ޟަަްައި
22 June 2019
ޥިލިމާޅެ ޕްރީ ސްކޫލް ގެ މައުރަޒު ގަވެސް ހަދާފަައިން ކޮލާޖް މާ ސަޅި.....އެ ސުކޫލް ގެ ޕްރިންސިޕަލްގެ ކޮލާޖެއް ވ ސަޅި