އާ މަޖިލިހަށް ފުރަތަމަ ޕެޓިޝަން: ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށްދީ!

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް ދިނުމަށް އެދި، 19 ވަނަ ރައްޔިތުންގެ މަޖިލިހަށް އިއްޔެ ޕެޓިޝަނެއް ހުށަހަޅައިފި އެވެ. މިއީ، އާ މަޖިލިހުގެ މަސައްކަތްތައް ފެށި ފަހުން، އެ މަޖިލިހަށް ހުށަހެޅި ފުރަތަމަ ޕެޓިޝަނެވެ.


އެކަމަކު، އެ ޕެޓިޝަންގައި ހުންނަން ޖެހޭ ޝަރުތުތަކެއް ފުރިހަމަ ނުވާ ކަމަށް ބުނެ، އެ ކަންކަން ފުރިހަމަ ކުރުމަށް ފަހު، އަލުން ފޮނުވަން ޕެޓިޝަން ކޮމިޓީން ވަނީ ހުށަހެޅި ފަރާތަށް އަންގައިފަ އެވެ.

ގިނަ ބަޔަކު ސޮއިކޮށްފައިވާ ޕެޓިޝަންގައި ވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަކީ ގައުމީ ސަލާމަތަށް ނުރައްކަލަކަށް ވެފައިވާ މައްސަލައެއް ކަމަށާއި އެ މައްސަލަ ހައްލުކޮށް ދިވެހިންނަށް ވަޒީފާގެ ބާޒާރުގައި ފުރުސަތުތައް އިތުރުކޮށް ދިނުމަށް އެދިފަ އެވެ.

އެގޮތުން މިކަމަށް ވުޒާރާއެއް އުފައްދަން ވެސް ޕެޓިޝަންގައި އެދިފައިވެ އެވެ.

ޕެޓިޝަން ކޮމިޓީގެ މުގައްރިރު، އަދި ރައްޔިތުންގެ މަޖިލިހުގެ މުލަކު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނަސީރު "މިހާރު" އަށް މިއަދު ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް ދިނުމަށް އެދި މަޖިލިހަށް ޕެޓިޝަން ފޮނުވީ ބައެއް ކަންކަން ފުރިހަމަ ނުކޮށް ކަމަށެވެ.

އެހެންވެ، ޕެޓިޝަނެއްގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަކޮށް ހުށަހަޅަން ސިޓީއަކުން އަންގާފައިވާނެ ކަމަށް ވެސް އިބްރާހިމް ނަސީރު ވިދާޅުވި އެވެ. އެކަމަކު އޭގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ނަސީރު ވިދާޅުވި ގޮތުގައި، ޕެޓިޝަން ހުށަހެޅި ކަމަށް ބުނަނީ 2،000 މީހުން ސޮޔާ އެކުގަ އެވެ.

މަޖިލިހުގެ ގަވައިދުގައި ޕެޓިޝަން ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕެޓިޝަންގައި ހިމެނޭ ކަންކަން ބަލައި ދިރާސާ ކުރުމާއި ކަމާ ގުޅޭ ގޮތުން ބަޔާންތަކާއި ހެކިތައް ހޯދުމާއި ޕެޓިޝަންގައި ބުނާ ކަންކަން އިސްލާހު ކުރުމަށް ކުރެވިދާނެ ކަންކަން ބަޔާން ކުރުމާއި ޕެޓިޝަންގައިވާ ކަންކަން މުސްތަގުބަލުގައި ވިޔަ ނުދިނުމަށް އެޅިދާނެ ފިޔަވަޅުތައް ކޮމިޓީ އަށް ފާހަގަކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.

އެމްޑީޕީގެ މެމްބަރުން މުޅިން ތިއްބަވާ ކޮމިޓީގެ ނައިބު މުގައްރިރު އަދި ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްމުޣްނީ ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަން ކޮމިޓީގައި ތިއްބެވި ހުރިހާ މެމްބަރުން ވެސް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ނުބަލައި ދޫކޮށްލުމުގެ ވިސްނުމެއް މެމްބަރުންގެ ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕެޓިޝަންގައި ހުރި ކަންކަމުގައި ކުރިއަށް ދާން މެމްބަރުން ޝައުގުވެރިކަން ހުރީ. އެކަމަކު، ޕެޓިޝަން ހުށަހެޅުމުގައި ޝަރުތުތަކެއް ހުންނާތީ އަނގަ ބަހުންނާއި ލިޔުމުން އަންގާފައި ވަނީ ޕެޓިޝަން ފުރިހަމަ ކުރަން. އެއީ އެކަމަކު، އެ މައްސަލަ ނުބަލާ ދޫކޮށްލީކީ ނޫން،" މުޣްނީ ވިދާޅުވި އެވެ.

ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ އަދަދު ދޮޅު ލައްކަ އަށް ވުރެ ގިނަ ކަމަށް ލަފާ ކުރެވެ އެވެ. އަދި އޭގެތެރެއިން ބޮޑު ބައެއް އެއީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީން ކުރިން ބުނި ގޮތުގައި ރާއްޖޭގައި ބިދޭސީ މަސައްކަތު މީހުންގެ ރަސްމީ އަދަދު ނުވެސް އެނގެ އެވެ. އެތަނަށް އެނގޭހާ ވެސް އެއްޗަކީ އެތައް ހާސް ބިދޭސީންނެއް ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ކަމެވެ.

ގަވައިދާ ހިލާފު ބިދޭސީން ހޯދުމަށް ދޭތެރެ ދޭތެރެއިން އިމިގްރޭޝަނުން އޮޕަރޭޝަންތައް ހިންގަ އެވެ. އޮޕަރޭޝަންގެ ދަށުން ގަވައިދާ ހިލާފަށް އުޅޭ ގިނަ ބިދޭސީންތަކެއް އަތުލައިގަނެ އެވެ.