ލުތުފީ ރާއްޖެ ގެނެސް، ކުށަށް އަދަބު ދޭން ޖެހޭ: އަސްލަމް

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލައިގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ވީހާވެސް އަވަހަކަށް ރާއްޖެ ގެނެސް، އޭނާ ކުރި ކުށަށް އަދަބު ދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ގޮވާލައްވައިފި އެވެ.


ފިލައިގެން އުޅުނު ބާޣީ ލުތުފީ ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް އަމާން ދިނުމުން އޭނާ އަށް ހިމާޔަތް ދީ ގެންގުޅޭތާ ދެ މަސް ވީ އިރު، ވެސް ރާއްޖެ ނުގެންނާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސް ގައި އަސްލަމް ވިދާޅުވީ، އުދުވާނީ ހަމަލާ ދިންތާ 31 އަހަރުވީ އިރު، އެކަމުން ދިވެހިންނަށް ދުރަށް ދެވިފައި ނުވާ ކަމަށެވެ.

ކުށެއް ނެތް 19 ދިވެހިންގެ ލޭ އޮހޮރުވައިލުމުގައި އިސްކޮށް އުޅުނު ބާޣީ ލުތުފީ އެމްބަސީ އަށް ގޮސް އަމާން ދިނީ ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ މޭ 1 ގަ އެވެ. ފުލުހުން އެހެން ހާމަކުރުމުން ބޮޑަށް ބެލެވުނީ ލުތުފީ އަމާން ދިނީ ލަންކާގައި ދިން ބޮމުގެ ހަމަލައާ ގުޅިގެން އެ ގައުމުގައި އުޅުމުގައި ދަތިތަކެއް ދިމާވުމުންނެވެ. ނަމަވެސް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައި ވަނީ ލުތުފީ އެމްބަސީ އަށް ގޮސް އެތަނުގެ ބެލުމުގެ ދަށަށް ދިޔައީ ލަންކާ ގައި ބޮން ގޮއްވުމުގެ އެއް ދުވަސް ކުރިން އޭޕްރީލް 20 ގައި ކަމަށެވެ.

ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ. އޭނާ ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވުމުން ފިލައިގެން ސްރީ ލަންކާ އަށް ގޮސްފައި.

އުމުރު ދުވަހުގެ ޖަލު ހުކުމަށް ފިލައިގެން އުޅުނު ބާޣީ ލުތުފީ ފިލީ ނަޝީދުގެ ވެރިކަމުގަ އެވެ. އެގޮތުން ބޭސްފަރުވާ އަށް ލުތުފީ އިންޑިއާ އަށް ފޮނުވުމުން ފިލައިގެން ވަނީ ލަންކާ އަށް ގޮސްފަ އެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި ގޮތުގައި، ލުތުފީ ފިލުވީ ނަޝީދުގެ ސަރުކާރުންނެވެ.

ލުތުފީ ރާއްޖެ ނުގެނެވި ލަސްވާ މައްސަލާގައި، އިިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް ގައި އަސްލަމް ވިދާޅުވީ، 25 އަހަރުގެ ޖަލު ހުކުމް ލުތުފީ އަށް ހަމަ ނުވެ ވަނީ ފިލައިގެން ދިއުމުގެ ސަބަބުން ކަމަށެވެ. ދައުލަތުގެ ބަންދެއްގައި ހުއްޓައި ފިލައިގެން ދިއުމަކީ ލުތުފީ ކުރި ކުށެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ލުތުފީ އަނބުރާ ގެނެސް އެ ކުށަށް އަދަބު ދޭން ޖެހޭނެ ކަމަށް ދެކެނީ. އަދި ލުތުފީގެ ބާކީ އޮތް މުއްދަތު ހަމަވުމުން އެހެން ގޮތެއް ހަދާނީތޯ އެއީ ސަރުކާރުން ނިންމަން ޖެހޭ ނިންމުމެއް،" އަސްލަމް ވިދާޅުވި އެވެ.

ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ލުތުފީ ގެނައުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ކުއްލި މައްސަލަ މަޖިލިހަށް ވެއްދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ލުތުފީ ގެންނާނެ ކަން ކަށަވަރުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ލަންކާއަކީ އދ. ކޮންވެންޝަންގެ ދަށުން އެކި މީހުންނަށް ހިމާޔަތް ދީފައި، އޮންނަ ގައުމެއް. ލަންކާ އަކީ ޔޫއެން ރެފިއުޖީ ކޮންވެންޝަންގައި ސޮއިކޮށްފައިވާ ގައުމެއް. ދުނިޔޭގެ އެކި ގައުމުތަކުގެ މީހުންނަށް ލަންކާގައި ހިމާޔަތް ދޭ. ލަންކާ އަދި އދ. އިން ގަބޫލު ކުރޭ ރާއްޖެ އަކީ އަދުލު އިންސާފުގެ ކަންފުޅެއް ވެސް އޮތް ގައުމެއް ނޫން ކަން. ރާއްޖެ އިން އިންސާފު ނުލިބޭނެ ކަމަށް ދެކިގެން އެ މީހަކަށް ހިމާޔަތަށް އެދިއްޖެ ނަމަ، ދޭން ޖެހޭނެ ކަމަށް އެ ގައުމުތަކުން ގަބޫލު ކުރޭ،" އިލްޔާސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

ލަންކާގެ އެޓާނީ ޖެނެރަލްގެ ލިޔުމެއް ލިބޭ އިރަށް ލުތުފީ މާލެ ގެނެވޭ ގޮތަށް ދިވެހި ފުލުހުންނާއި ސަރުކާރުގެ އެކިއެކި ފަރާތްތަކުން ތިބީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ދުވާފަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވި ގޮތުގައި އެމްޑީޕީ ސަރުކާރުން ލުތުފީ ނުގެންނަން މަސައްކަތް ނުކުރެ އެވެ. ލުތުފީ ރާއްޖެ ގެނެސް، ކުރީގެ ސަރުކާރުތަކުގައި މިކަމުގައި ވި އިހުމާލު ވެސް ބަލާނެ ކަމަށް އިސްމާއިލް އަހުމަދު ވިދާޅުވި އެވެ.

ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ރާއްޖެ އަށް ދިން އުދުވާނީ ހަމަލައަކީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށެވެ. ލުތުފީ ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދަނިކޮށް، މަޖިލިހަށް ކުއްލި މައްސަލަ ހުށަހެޅީ ސަރުކާރު ބަދުނާމް ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

އަފީފް ވިދާޅުވި ގޮތުގައި ކުށްވެރިއަކު އެމްބަސީއަކަށް ގޮސްފި ނަމަ، އޭނަ ބަލައިގަންނަން ޖެހެ އެވެ. އަދި ލުތުފީ ހުރީ ދިވެހި ފުލުހުންގެ ހިމާޔަތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، މަޖިލިހަށް ކުއްލި މައްސަލަ ހުށަހެޅީ ސިޔާސީ ބޭނުމެއްގައި ކަމަށް އަފީފް ވިދާޅުވި އެވެ.

ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޮޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އިރު، އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.