ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމުކުރަން މަސައްކަތްކުރާ ގާނޫނީ އެހީތެރިކަން ދިނުމުގެ އެއްބަސްވުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އާއްމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ރައްޔިތުންގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި އެ އެއްބަސްވުމާ މެދު އިއްޔެ ކުރި މަޝްވަރާގައި، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ނަމަވެސް އެ އެއްބަސްވުމުގައި ސޮއިކުރަން ފެންނަ ކަމަށް ކޮމިޓީން އިއްޔެ ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވި އެވެ.
އެއްބަސްވުމާ މެދު ކަންބޮޑުވުން ފާޅުކުރާ ގިނަ މީހުން ފާހަގަކުރާ އެއް މާއްދާ އަކީ އެއްބަސްވުމުގެ 12 ވަނަ މާއްދާ އެވެ. ކަންބޮޑުވުން ފާޅުކުރާ މީހުން ދެކޭ ގޮތުގައި އިންޑިއާ އިން ކުރަން ބޭނުންވާ ތަހުގީގަކަށް ރާއްޖޭން މީހަކު ހައްޔަރުކޮށްގެން އެ ގައުމަށް ގެންދިއުމުގެ ފުރުސަތު އެއްބަސްވުމުން ލިބެ އެވެ.
އެކަަމަކު އެ މާއްދާގައި ބުނެފައިވާ ގޮތުން ތަހުގީގަށް މައުލޫމާތު ހޯދަން އެއް ގައުމުން އަނެއް ގައުމަށް ގެންދަން އެދެވޭނީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒުކުރާ މީހެކެވެ. އަދި އެގޮތަށް ގެންދެވޭނީ ވެސް އެ މީހެއްގެ ރުހުމުގައި ކަމަށް ބުނެފައިވެ އެވެ.
"ހުކުމެއް ތަންފީޒުކުރަމުންދާ މީހެއްގެ ފަރާތުން ތަހުގީގަކަށް އެހީތެރިކަން ބޭނުންވެއްޖެ ނަމަ ނުވަތަ އެ މީހެއްގެ ފަރާތުން ހެކިބަސް ބޭނުން ވެއްޖެ ނަމަ، އެ މީހެއްގެ ރުހުން ލިބޭ ހާލަތުގައި، އެކަމަށް އެދޭ ގައުމަކާ ވަގުތީ ގޮތުން ހަވާލުކުރެވޭނެ އެވެ." އެއްބަސްވުމުގެ 12 ވަނަ މާއްދާގެ 1 ގައި ބުނެފައިވެ އެވެ.
އެ މާއްދާގައި ދެން ހުރި މާއްދާތަކުގައި ބުނާ ގޮތުން، ހަވާލުކުރާ މީހަކީ، އެ މީހަކު އެ ހަވާލުކުރެވޭ ގައުމުގެ ގާނޫނުތަކުގެ ދަށުން ބަންދުގައި ބަހައްޓަންޖެހޭ މީހެއް ނަމަ އެ މީހަކު ބަންދުގައި ބެހެއްޓޭނެ އެވެ. އަދި އެ މީހަކު އެ ގެންދިޔަ ބޭނުމެއް ފުރިހަމަވުމާ އެކު އެ މީހެއްގެ ގައުމާ ހަވާލުކުރަން ޖެހޭނެ އެވެ. މީގެ އިތުރުން، ހުކުމެއް ތަންފީޒުކުރަމުންދާ މީހާ އެ ހަވާލުކުރާ ގައުމުގައި ހުއްޓާ ހުކުމުގެ މުއްދަތު ހަމަވެއްޖެ ނަމަ އެ މީހަކު މިނިވަންކުރަންޖެހޭނެ އެވެ.
އެއްބަސްވުމުގެ 14 ވަނަ މާއްދާގައި ބުނަނީ ހަވާލުކުރެވޭ މީހާއާ ދެކޮޅަށް އެ ގައުމެއްގައި ދައުވާކޮށް ހައްޔަރުކޮށް އަދި މިނިވަންކަމަށް އިތުރު ހުރަހެއް ކުރިމަތިވާނެ ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. އަދި އެ މީހަކު އެ ހަވާލުކުރެވުނު މައްސަލައަކާ ގުޅޭ ކަމެއްގައި ނޫން އެހެން ކަމަކާ ގުޅޭ ގޮތުން ސުވާލުކޮށް އޭނާގެ ހެކިބަސް ހޯދަން ލާޒިމު ނުކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ހުކުމެއް ތަންފީޒުކުރަމުންދާ މީހެއްގެ ފަރާތުން ތަހުގީގަކަށް އެހީތެރިކަން ބޭނުންވެއްޖެ ނަމަ ނުވަތަ އެ މީހެއްގެ ފަރާތުން ހެކިބަސް ބޭނުން ވެއްޖެ ނަމަ، އެ މީހެއްގެ ރުހުން ލިބޭ ހާލަތުގައި، އެކަމަށް އެދޭ ގައުމަކާ ވަގުތީ ގޮތުން ހަވާލުކުރެވޭނެ އެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި ބަދަލުކުރާ މައުލޫމާތުން ރާއްޖޭގެ ސިޔާދަތަށް ނުވަތަ ބައެއްގެ ވިޔަފާރި އަށް ގެއްލުން ވެދާނެ ކަމަށް ބުނެ ވެސް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެ އެވެ. އެގޮތުން، ރާއްޖޭގައި އިންވެސްޓްކޮށްފައިވާ މީސްމީހުންގެ މައުލޫމާތު އެހެން ގައުމަކާ ހިއްސާކުރަން ޖެހޭ ނަމަ އެއީ ބޮޑު މައްސަލައަކަށް ވާނެ ކަމަށް، ކޮމިޓީގެ ބަހުސްގައި ވެސް ބައެއް ބޭފުޅުން ފާހަގަކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މައުލޫމާތު ހިއްސާކުރުމުގެ ދާއިރާއިން އެ އެއްބަސްވުން ދެގައުމަށް ހަމަ ހަމަ ނޫން ކަމަށެވެ. އެގޮތުން އިންޑިއާ އަކީ ވަރުގަދަ އިގުތިސާދެއް އޮންނަ ގައުމަކަށް ވާއިރު ރާއްޖެ ފަދަ ހަނި އިގުތިސާދެއް އޮންނަ ގައުމެއްގެ މަސްލަހަތު އެއްބަސްވުމުން ހިމާޔަތް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ ދުނިޔޭގެ ކޮންމެ ގައުމަކުން އަޔަސް ފޮރިން އިންވެސްޓަރުންނަށް މަރުހަބާ ކިޔާ ގައުމެއް. އެކަމަކު އެ އެއްބަސްވުމުގެ ސަބަބުން އަޅުގަނޑުމެންގެ އިންވެސްޓްމެންޓްތަކުގެ ސިއްރު ތަކާއި، ބޭންކިން ސިއްރުތައް ހިއްސާކުރަން ޖެހުމަކީ ބޮޑު ކަންބޮޑުވުމެއް،" އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި އޭނާ އެދިވަޑައިގެންނެވީ ރާއްޖޭގެ މަރުކަޒީ ބޭންކުން އެ އެއްބަސްވުން ރަނގަޅަށް ދިރާސާކޮށް، އެއަށް ރައުޔެއް ދިނުމަށެވެ. އެކަަމަކު އެކަމުގައި އެމްއެމްއޭ އަށް ލިބުނު ވަގުތުގެ މަދުކަމުން ރަނގަޅަށް މުރާޖައާ ނުކުރެވި ވާކަމަށް ބުނެފައި ވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ސައީދު ވިދާޅުވި އެވެ.
މައުލޫމާތު ބަދަލުކުރުމާ ބެހޭ ގޮތުން އެއްބަސްވުމުގެ މާއްދާ 8 ގައި ބުނެފައި ވަނީ އާއްްމުކޮށްފައި ނުވާ މައުލޫމާތެއް ނުވަތަ ލިޔެކިއުމެއްގެ ކޮޕީއެއް ހިއްސާކުރާ ނަމަ، އެކަން ކުރާނީ ލިޔެކިއުން ނުވަތަ މައުލޫމާތު ފޯރުކޮށްދޭ ގައުމުގައި އެކަމަށް އޮންނަ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ.
"ހުށަހެޅުން ރައްދުވާ ގައުމުގައި އާއްމުކޮށް ލިބޭ ގޮތަށް ހަމަޖައްސާފައި ނުވާ އެހެން ނަަމަވެސް އެގައުމުގެ ސަރުކާރުގެ ޑިޕާޓްމަންޓެއްގައި ނުވަތަ އެެޖެންސީއެއްގައި ހުރި މައުލޫމާތެއް، ލިޔެކިޔުމެއް ނުވަތަ އެއްޗެއް ލިބިދެވޭނީ ހުށަހަޅާގައުމަށް[ރިކްއެސްޓިން ސްޓޭޓަށް] ފޯރުކޮށް ދެވޭނީ ހުށަހެޅުން ރައްދުވާ ގައުމުގެ ގާނޫނު ހިންގާ ފަރާތްތަކަށާއި ގާނޫނީ އިދާރާތަކަށް ވެސް [ގާނޫނީ ގޮތުން] ލިބިދެވޭނެ މިންވަރަށެވެ،" އެއްބަސްވުމުގެ އަށް ވަނަ މާއްދާގެ އެކެއްގައިވެ އެވެ.
އިންޑިއާ އާއި ރާއްޖޭން ޖިނާއީ ކުށްތައް ތަހުގީގުކުރުމުގައި އެއްބާރުލުން އިތުރުކުރަން އަމާޒު ހިފާފައިވާ އެއްބަސްވުމާ މެދު ކޮމިޓީގައި ވެސް ބަހުސް ހޫނުވި އެވެ. އެއީ އެއްބަސްވުމާ ބެހޭ ގޮތުން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ސަރުކާރުގެ ފަރާތުން ހާޒިރުވި ބޭފުޅުންނާ ސުވާލުކުރުމަށް ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ފުރުސަތު ނުދެއްވައި ކުރިއަށް ގެންދެވުމުންނެވެ.