ހޮޓާ ވިއްކެން ނެތުމުން އެސްޓީއޯ-ރެޑިސަން އެއްބަސްވުން އުވާލަނީ

އެމެރިކާގެ ވަރުގަދަ ކުންފުންޏެއް ކަމަށް ވާ ކާލްސަން ގްރޫޕްގެ ރެޑިސަން ހޮޓެލްސްއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެސްޓީއޯ އިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "ރެޑިސަން ބްލޫ ހޮޓެލް" ވިއްކާލެވޭ ގޮތް ނުވުމުން އެ އެއްބަސްވުން އުވާލުމާ ގުޅޭ ކަންކަން ކުރަން ފަށައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ) އަށް އެސްޓީއޯގެ ޗެެއާމަން ހާމިދު ނަޝީދު މުހައްމަދާއި މެނޭޖިން ޑައިރެކްޓަރު ހުސައިން އަމްރު މިއަދު ހާޒިރުކޮށް، ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމްރު ވިދާޅުވީ، ރެޑިސަންއާ އެކު 2008 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ހޮޓާ ގަންނަން އެއްވެސް ބަޔަކު ބޭނުން ނުވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ އެއްބަސްވުމުގެ ދަށުން އެސްޓީއޯ އަށް ލިބޭނީ ހޮޓާ ހިންގައިގެން ލިބޭ ފައިދާގެ އެންމެ 12 ޕަސެންޓެވެ.

އެސްޓީއޯ އިން ހޮޓާ ވިއްކާލަން އިއުލާން ކުރުމުން ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރޭގައި ބައިނަލްއަގްވާމީ މަޝްހޫރު ހޮޓެލް ޗެއިންތައް ހިމެނެ އެވެ. އެފަދަ ހޮޓެލް ޗެއިންތައް ހިމެނޭ ގޮތުން 10 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި އެވެ. އެކަމަކު، ހޮޓާ ވިއްކާލުމުގެ ތަފުސީލީ މަޝްވަރާތަކަށް ދިއުމުން، އެ ފަރާތްތަކަށް ރެޑިސަން އެއްބަސްވުމުގެ މައުލޫމާތު ލިބި، ހޮޓާ ގަންނަން ބޭނުން ނުވީ އެވެ.

"ދެން އެ އެގްރިމެންޓުގައި އޮންމަ ގޮތުން ވެއްޖިއްޔާ އެސްޓީއޯ އަށް އެއްޗެއް ލިބެނީ ރެޑިސަން އިން ހޮޓާ ހިންގައިގެން ފައިދާއެއް ވިއްޔާ. ފައިދާއެއް ނުވިއްޔާ [އެސްޓީއޯ އަށް] ނުލިބޭ އެއްޗެއް. އެހެންވީމާ އެއްވެސް ބަޔަކު ބޭނުމެއް ނުވޭ އެގޮތަށް އޮތް އެގްރިމެންޓަކާ އެކީގައި ކުރިއަށް ދާކަށް،" ހޮޓާ ނުވިއްކުނު މައިގަނޑު ސަބަބަކީ ރެޑިސަން އެއްބަސްވުން ކަން ފާހަގަކުރައްވަމުން އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުން ރެޑިސަންއާ އެކު އެސްޓީއޯ އިން ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވެ އެވެ. އެއީ ހޮޓާ އިމާރާތް ކުރުމުގައި އެ ކުންފުނިން ދޭ ލަފަޔަށް ފީ ދެއްކުމުގެ އެއްބަސްވުމަކާއި ހޮޓާ ހިންގަން ހަވާލު ކުރުމުގެ އެއްބަސްވުމެކެވެ. އެނގިފައިވާ ގޮތުގައި، އިމާރާތް ކުރުމުގައި ދޭ ކޮންސަލްޓެންސީ އަކީ ރެޑިސަންގެ މަޝްހޫރު ޑިޒައިނަށް ހޮޓާ ތަރައްގީ ކުރުމަށް ދޭ ކޮންސަލްޓެންސީ އެވެ.

އަމްރު ވިދާޅުވީ ހޮޓާ ވިއްކުމުގެ ކަންތައް ކުރިއަށް ނުގެންދެވުމުން ދެން އެޑްރެސް ކުރަން ބޭންވީ ރެޑިސަންއާ އެކު އޮތް އެއްބަސްވުމަށް ކަމަށެވެ. އަދި ވިދާޅުވީ، އެކަމަށް ހައްލެއް ހޯދިއްޖެ ކަަމަަށެވެ. އޭގެ މާނަ އަކީ އެ އެއްބަސްވުން އުވާލުން ކަމަށް ބެލެވެ އެވެ. އެކަމަކު އޭނާ ސީދާ އެހެން ވިދާޅެއް ނުވެ އެވެ.

އެއްބަސްވުން އުވާލުމާ މެދު އެޓާނީ ޖެނެރަލްގެ ލަފާ ހޯދާފައި ވޭތޯ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު ދެންނެވުމުން އަމްރު ވިދާޅުވީ، އެ މަރުހަލާ އަށް ދިއުމަށްޓަކައި ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓުގައި ވަކާލާތު ކުރައްްވާ ތަޖުރިބާކާރު ވަކީލަކު ހޯދާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ކޮމިޓީ ބައްދަލުވުމެއްގައި.

"އަޅުގަނޑުމެން ސިންގަޕޫރުގެ ލޯޔަރެއް، އަޅުގަނޑުމެން ބޭނުން މިކުރީ ގާނޫނީ ހުރިހާ ކަންކަމަަކަށް އިރުޝާދު ދޭން. އެ ވަކީލަކީ އެއީ ސިންގަޕޫރު އާބިޓްރޭޝަން ކޯޓުގައި ވެސް ވަކާލާތު ކުރައްވާ ސިންގަޕޫރުގައި އެންމެ މަތީ ފަންތީގައި ހިމެނޭ ލޯޔަރެއް،" އިބްރާހިމް ރަޝީދު ތަކުރާރުކޮށް ސުވާލު ދެންނެވުމުން އަމްރު ވިދާޅުވި އެވެ.

މެމްބަރު އިބްރާހީމް ރަޝީދުގެ ކަންބޮޑުވުމަކަށް ވީ، ރެޑިސަންއާ އެކު ވެފައިވާ އެއްބަސްވުން އުވާލާ އިރު، އެއީ ބައިނަލްއަގްވާމީ ބޮޑު ހޮޓެލް ޗެއިނަކަށް ވުމުން، ދިވެހި ސަރުކާރަށް ބޮޑު ޖޫރިމަނާއެއް އައުމުގެ ބިރު އޮވެދާނެތީ އެވެ. ޖަވާބުގައި އަމްރު ވިދާޅުވީ ސިންގަޕޫރު ވަކީލެއް އައްޔަން ކުރީ ވެސް އެ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.

އެސްޓީއޯ ހޮޓާ ނުވިއްކޭ މައިގަނޑު ސަބަބަކީ އެ ކުންފުންނާއި ރެޑިސަންއާ އެކު ވެފައިވާ އެއްބަސްވުން ކަމަށް ދެކެވަޑައިގަންނަވާ.---ފޮޓޯ: މިހާރު

"އަޅުގަނޑުމެން އޭނާ ހަޔާ ކޮށްގެން އެކަން ކުރީ ވެސް ތި ވިދާޅުވި ކަހަލަ ކަންކަން އަޅުގަނޑުމެންނަށް ކުރިމަތި ވެދާނެތީވެ،" އޭނާ ވިދާޅުވި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ފަހު "މިހާރު" އާ ވާހަކަ ދައްކަވަމުން މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވީ، ރެޑިސަން އެއްބަސްވުން އުވާލުމުން 35-70 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއްގެ ޖޫރިމަނާއެއް ދައްކަން ޖެހިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތް ރައްޔިތުންގެ ފައިސާ އިން މިހާ ބޮޑެތި ޖޫރިމަނާތައް ދައްކަން ޖެހިދާނެތީ. އަނެއްކާ ރާއްޖޭގެ އަގު އިންވެސްޓަރުންގެ ކުރިމަތީގައި ވެއްޓޭނެ މި ކަހަލަ ކަންތައްތައް ހިނގާ ނަމަ،" އޭނާ ވިދާޅުވި އެވެ.

ރެޑިސަން ބްލޫ އަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި 158 ހޮޓާ ހިންގާ މަޝްހޫރު ހޮޓެލް ޗެއިނެކެވެ. އެ ޗެއިނުން މިހާރު ވެސް 42 މަޝްރޫއެއް ކުރިއަށް ގެންދެ އެވެ. އިބްރާހިމް ރަޝީދު ވިދާޅުވި ގޮތުގައި، އެވަރުގެ ބްރޭންޑް ނަމެއްގައި ހޮޓާ ހިންގަން އެސްޓީއޯ އަށް ނުފެށި އެންމެ ފަހުން އެއްބަސްވުން އުވާލަން ޖެހުނީ ކީއްވެކަން ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.

އެސްޓީއޯ އިން 2012 ވަނަ އަހަރު ހުޅުމާލޭގައި އިމާރާތް ކުރަން ފެށި 250 އެނދުގެ ހޮޓާ އަދިވެސް ހުރީ ނުނިމި އެވެ.