ބޭނުން ނުވާ ބޭސްތަކެއް އުސޫލާ ހިލާފަށް އެސްޓީއޯ އިން އެތެކުރި މައްސަަލަ ބަލަނީ

ރާއްޖެ އަށް ބޭނުން ނުވާ ބޭސްތަކެއް، ބޭސް އެތެރެކުރުމުގެ އުސޫލާ ހިލާފަށް އެސްޓީއޯ އިން އެތެރެކޮށްފައިވާ މައްސަލަ ބަލަމުން އަންނަ ކަަމަށް އެ ކުންފުނިން ބުނެފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ) އަށް އެސްޓީއޯގެ ޗެެއާމަން ހާމިދު ނަޝީދު މުހައްމަދާއި މެނޭޖިން ޑައިރެކްޓަރު ހުސައިން އަމްރު މިއަދު ހާޒިރުކޮށް، ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމްރު ވިދާޅުވީ ރާއްޖެ އަށް ބޭނުން ނުވާ ބޭސްތައް އެތެރެކުރި މައްސަލަ ވަަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބޭސްތައް އެސްޓީއޯގެ ހިސާބުތައް ބެލެހެއްޓުމުގެ ސިސްޓަމުން ފެންނާކަށް ވެސް ނެތެވެ.

"ރާއްޖެއަށް ބޭނުން ނުވާ ބޭސްތަކެއް އެތެރެކުރެވިފައި ވަނީ. އޭތި އެތެރެކުރެވިފައި ވަނީ ސިސްޓަމުން ބޭރުން. އޭތި އަޅުގަނޑުމެންނަށް ސިސްޓަމަކުން ވެސް ނެތް ފެންނާކަށް. ދެން އަޅުގަނޑުމެންގެ އިންޓާނަލް އޮޑިޓެއް މިިހާރު ކުރަމުން އަންނަނީ. އެ މައްސަލަ ވަރަށް ސީރިއަސް ގޮތެއްގައި އެބަ ބަލާ،" އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ މިހާރު ފާހަގަކުރެވިފައިވާ މައްސަލައިގެ އިތުރުން ވެސް އެފަަދަ ކަންތައްތައް ހިނގާފައިވާ ކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެ އެވެ.

ރާއްޖޭގައި ބޭނުންކުރާ ބޭހުގެ ބޮޑު ބައެއް އެތެރެކުރަނީ އެސްޓީއޯއިންނެވެ. އަދި އެ ކުންފުންޏަކީ ރާއްޖޭގެ ކަންކޮޅުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭސްފިހާރަތައް ހިންގާ ކުންފުންޏެވެ. މިއަދުގެ ބައްދަލުވުމުގައި އަމްރު ވިދާޅުވީ އެސްޓީއޯ އިން ހިންގާ ގިނަ ބޭސްފިހާރަތަކަކީ ގެއްލުމުގައި ހިންގާ ބޭސްފިހާރަތަކެއް ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ބޭސް ފިހާރަތަކަށް ހިނގާ ހަރަދު ކުޑަކުރެވޭނެ ގޮތްތަކެއް ހޯދަން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެސްއޯއީ ކޮމިޓީގެ މެމްބަރުން އަމްރަށް މިއަދު ގިނަ ސުވާލުތަކެއް ކުރިމަތި ކުރެއްވި އިރު އެ ހުރިހާ ސުވާލަކަށް ވެސް އޭނާ ޖަވާބު ދެއްވި އެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުން ދެ ގަޑި އިރަށް ދެމިގެން ދިޔަ އެވެ.