ބްރިޖް ހެދި އިރު މޫދަށް ކުނި އެޅުމުން 900،000ރ. އިން ޕްލޭނިން މިނިސްޓްރީ ޖޫރިމަނާކޮށްފި

ސިނަމާލެ ބްރިޖް ހެދިއިރު އެ ސަރަހައްދުގެ ކަނޑަށް ގިނަ އަދަދެއްގެ ދަގަނޑު ކުނި އެޅި މައްސަލައިގައި ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ ޖޫރިމަނާކޮށްފި އެވެ.


އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިއްޔެ ބުނީ 2016 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން މިިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބްރިޖް މަސައްކަތް ކުރިއިރު އެތަނުގެ ކަނޑަށް ގިނަ އަދަދެއްގެ ކުނި އެޅިކަމުގެ ހެކި ލިބުނު ކަމަށެވެ. އެހެންވެ ސިފައިން މެދުވެރިކޮށް އޭރު ހެދި އިންސްޕެކްޝަނަކުން، އެ ސަރަހައްދުގެ އަޑީގައި ވަރަށް ގިނަ އަދަދެއްގެ ދަގަނޑު ކުނި ހުރި ކަމަށް ބުންޏެވެ.

އީޕީއޭ އިން ބުނީ ކުނި އެޅި މައްސަލަ ބަލައި، 892,500ރ. އިން މިނިސްޓްރީ ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ބްރިޖު ހަދާފައިވަނީ ޗައިނާގެ ސީސީސީސީ ކުންފުނިންނެވެ. އެ ކުންފުންޏަށް ދީފައިވާ އީއައިއޭ ޑިސިޝަން ސްޓޭޓްމަންޓުގައިވާ ގޮތާ ހިލާފަށް ކަމެއް ހިނގައިފި ނަމަ އެކަން އީޕީއޭއަށް ރިޕޯޓުކުރަންޖެހެ އެވެ. ނަމަވެސް އީޕީއޭ އިން ބުނީ އެކަމާ ގުޅޭގޮތުން ރިޕޯޓުކޮށްފައިނުވާ ކަމަށެވެ.

"ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނާ ހިލާފަށް މަސައްކަތް ކޮށްފައިވާތީވެ، "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ "ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދަށް ރިއާޔަތްކޮށް، ޖުމްލަ 892,500ރ. އިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ ވަނީ ޖޫރިމަނާކުރެވިފަ އެވެ،" އީޕީއޭއިން ބުންޏެވެ.

ޖޫރިމަނާ ފައިސާ ދައްކަން ދީފައިވަނީ 30 ދުވަހުގެ މުއްދަތެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބްރިޖްގެ މަޝްރޫއު ގެންދިޔައީ ތަރައްގީގެ ބޮޑެތި މަސައްކަތްތައް ހިންގި އޭރުގެ ހައުސިން މިނިސްޓްރީންނެވެ.

ބްރިޖްގެ މަސައްކަތްކުރި އިރު މޫދަށް އަޅާފައި ހުރި ދަގަނޑު ހޮޅި ފަދަ ތަކެތި ނެގުމުގެ މަސައްކަތް، އެ ސަރަހައްދުގައި ރާޅާއަޅާ މީހުން އަމިއްލަ އަށް ވެސް ވަނީ ކޮށްފަ އެވެ.