ލުތުފީއަކީ އެންމެ ބޮޑު ޚާއިނު، މާފެއް ނުދެވޭނެ: ރައީސް

ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއަކީ ރާއްޖޭގެ މި ޒަމާނުގެ ތާރީޚު ދުށް އެންމެ ބޮޑު ޚާއިނު އަދި ކުށްވެރިޔާ ކަމަށާއި އޭނާ އަށް މާފުދިނުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ލުތުފީ ދިޔަ ކަން ފުރަތަމަ ދުވަހު ވެސް އެނގިވަޑައިގެންނެވި ކަމަށެވެ. ލުތުފީ އެމްބަސީ އަށް ވަނީ މެއި 1 ގައި ކަމަށާއި އެ ވަގުތުން ފެށިގެން ލުތުފީ އަށް ފިލުމުގެ ދެ ވަނަ ފުރުސަތެއް ނުލިބޭނެ ކަން ޔަގީން ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ލުތުފީ ހުރީ، ރައީސް ވިދާޅުވި ގޮތުގައި، ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ރަސްމީ އިއްޒަތުގައި އެމްބަސީގައި ލުތުފީ ގެންގުޅޭ ކަމުގެ ތުހުމަތުތައް ރައީސް ދެއްވި ތަފްސީލްތަކުގައި ދޮގުކުރެއްވި އެވެ.

"ލުތުފީ އަކީ އަދިވެސް މި ދައުލަތުގެ މި ގައުމުގެ އެންމެ ބޮޑު ކުށްވެރިޔާ. އެއަކަށް ނާދޭ ބަދަލެއް. އެހެންވީމާ ލުތުފީ އަށް މާފް ދިނުމަކީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫން. --ރައީސް
ނޮވެމްބަރު 3 ގެ ހަމަލާ ރާވައި ހިންގި ލުތުފީ: އޭނާ ވަރަށް އަވަހަށް ރާއްޖެ ގެންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި.

އެމަނިކުފާނު ވިދާޅުވީ ލުތުފީ އެމްބަސީ އަށް ވަނުމާ އެކު ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސެޑަރު އެކަން ފޮރިން މިނިސްޓްރީ އަށާއި ލަންކާގެ އެޓާނީ ޖެނެރަލް އަށް ވެސް އެންގެވި ކަމަށެވެ.

"އެ ހިސާބުން ފެށިގެން އަޅުގަނޑުމެން ލުތުފީ ގެނައުމުގެ މަސައްކަތް ފެށިގެން. އެކަމަކު އެ ދުވަސްވަރަކީ ލަންކާގައި ބޮން ގޮވައިގެން ދިޔަ ދުވަސްވަރު. އޭގެ ފަހުން އެތާނގެ ބަންޑާރަ ނައިބު މަގާމު ބަދަލުވީ. އަޅުގަނޑު ބޭނުމެއް ނުވީ ޕްރޮސެސް ފުރިހަމަނުކޮށް ގެންނަން. އެންމެ ފަހުން މީގެ ދެ ދުވަސް ކުރިން ވެސް އަޅުގަނޑުމެން އެކަމާ ވާހަކަ ދެއްކިން. އަޅުގަނޑުމެންނަކަށް އެ ލިޔުމެއް އަދި ނުލިބޭ،" ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ލުތުފީ ވަރަށް އަވަހަށް ލުތުފީ ގެނެވޭނެ."

ލުތުފީ އާ ރައީސާ އެއްވެސް ވަރަކަށް ގުޅުން އޮތްތޯ ނޫސްވެރިއަކު ދެންނެވުމުން ރައީސް ވިދާޅުވީ ދުވަހަކު ވެސް ލުތުފީއާ ބައްދަލުވެ ވަޑައިގެންފައި ނުވާ ކަމަށެވެ.

"އެއްވެސް އިރެއްގައި އަޅުގަނޑާ ލުތުފީއަކާ ބައްދަލުވެފައެއް ނެތް. އަޅުގަނޑު ދަންނަ ބޭފުޅެއް ނޫން އެއީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ލަންކާ ފުލުހުންގެ ސީއައިޑީ ޑިޕާޓްމެންޓަށް ހާޒިރުކޮށް މިހާރު ވަނީ ބަޔާނެއް ވެސް ނަގައިފަ އެވެ. އޭނާ އަނބުރާ ރާއްޖެ ގެނައުމާ މެދު ލަންކާ ފުލުހުންގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާރު މަޑުކޮށްގެން މިތިބީ ލަންކާގެ އެޓާނީ ޖެނެރަލްގެ ހުއްދަ ލިބެންދެން. ކޮންމެ ވަގުތަކު ވެސް އެ ހުއްދަ ލިބިދާނެ. އެއާ އެކީގައި ލުތުފީ ގެނެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ލުތުފީ އެމްބަސީ އަށް ދިޔަ ކަން ސަރުކާރުން ސިއްރުކުރީ ކީއްވެތޯ "މިހާރު" އިން ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެކަން ހާމަކުރުމަށް ވުރެން އެ ވަގުތަށް މުހިއްމީ ފުލުހުންގެ ބެލުމުގެ ދަށުން ލުތުފީ މާލެ ގެނެސް ޖަލަށް ލުން ކަމަށެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އެތައް އިއުލާނެއްކޮށް ލުތުފީ އަތުލައިނުގަނެވިފައިވާ ކަމަށް ވިދާޅުވި އެވެ.

ލުތުފީ ހައްޔަރު ކުރުމުގެ ފުރުސަތު ލިބުމުން މި ސަރުކާރުގެ އަމާޒަކަށް ވީ ގެނެސް ޖަލަށް ލުން ކަމަށާއި ހުކުމް ތަންފީޒުކުރަން ޖެހޭނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންގެ ސުވާލުތަކަށް މިއަދު ޖަވާބު ދެއްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ލުތުފީ ގެނައުމަށް 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުން ދައްކަން ޖެހިފައިވާ ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ވަނީ ބުނެފަ އެވެ. އެކަމަކު ރައީސް ވިދާޅުވި ގޮތުގައި ވިސާ ނެތި ލަންކާގައި ދިރިއުޅެފައިވާތީ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހެނީ ގާތްގަނޑަކަށް 3،500 ޑޮލަރެވެ. އެ ފައިސާ ދައްކައި ޓިކެޓް ނަގައިގެން ނަމަވެސް ސަރުކާރުން ލުތުފީ ގެންނާނެ ކަމަށް ވިދާޅުވި އެވެ.

ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.