ޖުޑީޝަރީގެ ބާރުތައް ބީވެގެން ދިއުމަކީ އެއްގޮތަކަށް ވެސް ހިތްހަމަޖައްސައިގެން ތިބެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަން ގެއްލުނު ފަހުން ސަރުކާރާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީން ބޭއްވި ފުރަތަމަ ޖަލްސާގައި ޔަމީން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރު ކޯލިޝަންގެ ބޮޑު ޕާޓީ އަށް މަޖިލީހުގެ މެޖޯރިޓީ ދީފައިވާ ކަމަށެވެ. އެކަމަކު އޭގެ މާނައަކީ ހިތުހުރި ގޮތަކަށް ކަންތައްތައް ކުރުމެއް ނޫންކަމަށް ވިދާޅުވި އެވެ.
ދިމާވާ ބޮޑެތި މައްސަލަތައް ބެލުމަށްޓަކައި ކޮމިޝަންތައް ހެދުމުގެ ބާރު ރައީސަށް އޮންނަ ކަމަށާއި ނަމަވެސް ގާނޫނު އަސާސީން ރައީސަށް ވެސް ހުރިހާ ބާރެއް ނުދެނީ ކީއްވެގެންތޯ އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.
މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ އެ ފަރިތަކުރެވެނީ ބަރުލަމާނީ ނިޒާމުކަމަށް ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ ގަދައަށް ބަރުލަމާނީ ހިނގާ ގައުމުތަކުގައި ވެސް ސުޕްރީމް ކޯޓުގެ އަމުރު ހިނގާ ކަމަށާއި ސުޕްރީމް ކޯޓުގެ ބާރުތަކަށް އަރައިގަތުމަކީ ނޫނީ ޖުޑީޝަރީގެ ބާރުތަކަށް އަރައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކިތަންމެ މިނިވަން ކޮމިޝަނެއް އުފެއްދިއަސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އެ ކޮމިޝަންތަކަށް ޖުޑީޝަރީގެ ބާރުތައް ދެއްވީމަ އެއީ މުއައްސަސާއެއް ހަލާކުކޮށްލެވެނީ. އެއީ ގާނޫނު އަސާސީ އަށް ކަމޭ ނުހިތަނީ. ޖުޑީޝަރީގެ ބާރުތައް ވެސް މި ކުރަނީ ކީއްތޯ، ކޮން ލަފްޒެއްތޯ ތި ބޭރުކޮށްލައްވަނީ. ޖުޑީޝަރީގެ ބާރުތައް ވެސް ފޭރެނީ،" ދެ ޕާޓީގެ ސަޕޯޓަރުންނާ އެކު ކާނިވާ ސަރަހައްދުގައި "ފޭރުމާ ދެކޮޅަށް" ނަމުގައި ބޭއްވި އެއްވުމުގައި ޔާމީން ވިދާޅުވި އެވެ.
މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ އިތުރުން ކުރީގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ދެ ކޮމިޝަން އުފައްދަވައިފަ އެވެ. އެ ކޮމިޝަންތަކަށް ގާނޫނީ ބާރު ދިނުމަށް އާ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ފްލެޓުތައް ލިބިފައި ހުރި މީހުންގެ އަތުން ފްލެޓުތައް އަތުލެވިގެން ނުވާނެ ކަމަށާއި ފްލެޓުތައް ސަބްސިޑައިޒް ކުރުމުގެ ކުރިން ކޮށްދޭންވީ ކަމަކީ ކަރަންޓާއި ފެން ސަބްސިޑައިޒްކުރުން ކަމަށް ޔާމީން ވިދާޅުވި އެވެ.
ހަމަހަމަކަން އޮންނަންވީ ހަމައެކަނި އަދުލު އިންސާފުގައި ނޫން ކަމަށާއި ސަރުކާރުން ފޯރުކޮށްދޭ ހުރިހާ ކަމެއްގައި ހަމަހަމަވާންޖެހޭނެ ކަމަށް އެމަނިކުފާން ވިދާޅުވި އެވެ. އެގޮތުން އެއް ތަނަކަށް ސަބްސިޑައިޒް ކޮށްފި ކަމަށްވާ ނަމަ ދެން ހުރި ތަންތަން ސަބްސިޑައިޒް ކޮށްދޭންޖެހޭނެ ކަމަށް ވިދާޅުވި އެވެ.