މި އަހަރު ވެސް އިތުރު 1،000 ހައްޖު ކޯޓާ

ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް 1،000 ކޯޓާ ސައުދީ އަރަބިއްޔާ އިން އިތުރުކޮށްދީފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.


އާއްމު ގޮތެއްގައި ހައްޖު ކޯޓާގެ ގޮތުގައި ކޮންމެ އަހަރަކު ރާއްޖެއަށް 1،000 ކޯޓާ ކަނޑައަޅާފައިވީ ނަމަވެސް ކޮންމެ އަހަރަކު ވެސް އިތުރު 1،000 ކޯޓާ ސައުދީން އިތުރުކޮށްދެ އެވެ.

އިސްލާމިކް މިނިސްޓަރު ޒާހިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިތުރު ކޯޓާ ލިބުނުކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ އިއުލާން ކުރެއްވުމާ އެކު އެ ކޯޓާތައް ހައްޖު ޖަމާއަތްތަކާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހައްޖު ކޯޓާއާ ގުޅޭގޮތުން މިނިސްޓަރު ކުރެއްވި ޓްވީޓް--

ޖަމާއަތްތަކަށް ކޯޓާ ދޭ ގޮތުގެ ތަފްސީލެއް މިނިސްޓަރު އަދި ނުދެއްވަ އެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން މިފަހަރު ދީފައި ވަނީ ފަސް ގްރޫޕަކަށެވެ.

މިދިޔަ އަހަރު ވެސް ސައުދީން ރާއްޖެ އަށް 1000 ކޯޓާ އިތުރުކޮށްދިނެވެ. ނަމަވެސް ހައްޖަށް މީހުން ފުރަންފެށި ފަހުން ކޯޓާ އިތުރުކޮށްދިނުމުން ބައެއް ކޯޓާތަކުގައި މީހުން ހައްޖަށް ފޮނުވިފައެއް ނުވެ އެވެ.