ކުޑަކުދިންގެ ހިޔާގައި ހުއްޓައި ގެއްލުނު ޝައިމް.
06 ޖުލައި 2019 - 12:54
ކުޑަކުދިންގެ ހިޔާ އިން ފިލި ޝައިމް އަބްދުﷲ ފޮރުވައިގެން ގެންގުޅުނު މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރަން ކްރިމިނަލް ކޯޓުން މުއްދަތު ދީފި އެވެ.
ފުލުހުން ބުނީ ޝައިމް ފޮރުވައިގެން އުޅުނު މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 46 އަހަރުގެ ދިވެހި އަންހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެގޮތުން، އަންހެން މީހާ މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރު ކުރި އިރު، ފިރިހެން މީހާ ހައްޔަރު ކުރީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.
ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކޮށްގެން ތަހުގީގު ކުރުމަށްޓަކައި ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އަންހެން މީހާގެ ބަންދަށް ހަ ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފިރިހެން މީހާގެ ބަންދަށް ކޯޓުން ދިނީ 15 ދުވަސް ކަމަށް ފުލުހުން ބުނެ އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ޝައިމް، 14، ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހެވެ. އަދި އެ ކުއްޖާ ހޯދަން ފުލުހުން އާންމުކޮށް އިއުލާންކުރީ މިދިޔަ މަހުގެ 20 ގަ އެވެ. އެ އަށް ފަހުން ތިން ގެއެއް ބަލައި ފާސްކޮށްފައިވެ އެވެ. އޭނާ ހޯދީ މިދިޔަ ބުރާސްފަތި ދުވަހު މާލޭގެ ގެއަކުންނެވެ.
އެ ކުއްޖާ ފިލި މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެފައި ވަނީ ޝައިމް ގެއްލުނީ ބަލަންވާ ވަރަށް ނުބެލުމުންކަން ގަބޫލުކުރައްވާ ކަމަށެވެ. ކުށުގެ ވެށީގައި އުޅެނިކޮށް އެ ކުއްޖާ މިދިޔަަ މަހުގެ ކުރީކޮޅު ދައުލަތުގެ ބެލުމުގެ ދަށަށް ނެގީ ހަވާލުވާނެ ބަޔަކު ނެތުމުން ކަމަށެވެ. އާއިލާ އިން ވެސް ޝައިމްއާ ހަވާލުވާން ދެކޮޅު ހެދިއިރު، ބެލެނިވެރިން ވެސް އޭނާ ގޭގައި ބަހައްޓަން އެއްބަސް ނުވި ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެ އެވެ.
ޝައިމް ފިލީ ކުޑަކުދިންގެ ހިޔާގައި ހުއްޓާ ކަމަށް ޖެންޑާ މިނިސްޓްރީން ފުރަތަމަ އެއްބަހެއް ނުވި އެވެ. އެކަމަކު މީޑިއާގެ ފިއްތުންތަކާ ހެދި ފަހުން ބުނީ އެ ކުއްޖާ ގެއްލުނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ "އަމާން"ގެ ކޮމްޕައުންޑުގެ ތެރެއިން ކަމަށެވެ. އެއީ ކުށުގެ ވެށިން ގެނައި ކުއްޖަކަށް ވާތީ، ކުޑަކުދިންގެ ހިޔާ އަށް ގެންދިޔައީ އެސެސްމަންޓުތައް ހަދަން ކަމަށާއި އެއީ ހިޔާގެ ދަފްތަރުގައި އޮތް ކުއްޖެއް ނޫން ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
07 July 2019
ހައްޔަރު ކުރެވިދާނެ. ދެން "ހެކިނެތިގެން" ކޯޓުން ދޫކޮށްލާނެ 24 ގަޑިއިރު ފަހުން.. އެހިސާބުން މައްސަލަ ނިމުނީ
މާވަޑިބެ
07 July 2019
ނުވާނެ އެއްކަމެއްވެސް
ބޮޑުމީހާ
07 July 2019
ރަގަޅު. މިހާރު ފިޔަވަޅުއަޅާހެން ހީވޭ
ދިވެހިއަޑު
06 July 2019
ލުތުފީ ފޮރުވީމަ އެއްވެސް މީހަކު ހައްޔަރެއް ނުކުރޭބާ.
ޔުއާ
06 July 2019
ކުއްޖާގެ މައްސަލާގައި ސަރުކާރުން ސިދާތާ ދޮގު ހެދި މިންވަރުގެ ކުޑަ ތަފްސީލެއް ލިޔެލިނަމަ
މަރޭމިތުރު
06 July 2019
ފޮރުވަން ނުވާނެޔޭ ބަލަ ކުޑަކުދިން! ފޮރުވައި ސަރުކާރު ބަދުނާމުކުރަން!...................... ހިޔާއިން ފޮރުވުކުއްޖާ ފޮރުވީ ބަޔަކުވެގެން ސަރުކާރު ބަދުނާމުކުރަންކަމަށް ބެލެވޭ! އަދި ކުރީސަރުކާރުން ގެއްލުވާލައިފައިވާ މީހުންގެ ޝަރީއަތަށް ހުރަސްއެޅުމަށްޓަކައި ބަޔަކު ހިންގި ޖަރީމާއެއްކަމަށް ފެނޭ!
ޔެސް
06 July 2019
ފޮޓޯ ޕުލީސް.
ނޯ..
06 July 2019
އެއްބައެއްގެ ފޮޓޯއާ ނަމާ އެއްޗެހި އެއީ ނޫހާ ހަމައަށް ނާދެވޭ އެއްޗެހި. ނޫނީ އަޔަސް ނުޖެހޭ އެއްޗެހި،
ކަރީމުއްދީން ބާޝާ
06 July 2019
ދިވެހިރާއްޖޭގާ ބަންދު މުއްދަތަކީ ޝަރީއަތްނިމުނު މުއްދަތުފަދަ. މާނައަކީ މުއްދަތުޖެހީމާ އެހާހިސާބުން އެކަން އެ ނިމުނީއޭ.⛹