އާންމު އަޑު އެހުމެއް ބޭއްވުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމާފައިވަނީ ބަޔަކު ހުށަހަޅާފައިވާ ސިއްރު ޕެޓިޝަންއެއްގެ މައުލޫމާތު ނުދިނުމުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ތަންފީޒު ކުރާތާ ފަސް އަހަރު ފަހުން ފުރަތަމަ ފަހަރަށް އާންމު އަޑު އެހުމެއް މާދަމާ ބާއްވަން އިންފޮމޭޝަން ކޮމިޝަނުން ނިންމާފައި ވަނީ ލ. މުންޑޫ ކައުންސިލް އިދާރާ އިން ބޭނުންވާ މައުލޫމާތެއް އީސީން ނުދިން ކަމަށް ބުނާ މައްސަލައިގަ އެވެ.
އީސީގެ މެމްބަރު އަދި ތަރުޖަމާން އަހުމަދު އަކްރަމް މިއަދު ވިދާޅުވި ގޮތުގައި، މުންޑޫ ކައުންސިލުން ހޯދަން އެދިފައިވަނީ އެ ކޮމިޝަނަށް އެ ރަށު ބަޔަކު ހުށަހެޅި ސިއްރު ޕެޓިޝަނެއްގެ މައުލޫމާތެވެ. އެއީ ރައްޔިތުން މަޖިލީހުގައި މުންޑޫ ނިސްބަތްވާ ދާއިރާ، އިސްދޫ ދާއިރާ އަށް ބަދަލު ކޮށްދިނުމަށް މުންޑޫ ކައުންސިލުން އެދިފައިވަނިކޮށް، އެކަމާ ދެކޮޅަށް އެ ރަށު ބަޔަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުށަހެޅި ޕެޓިޝަނެކެވެ.
އަކްރަމް ވިދާޅުވި ގޮތުގައި، މުންޑޫ ކައުންސިލުން އެދިފައިވަނީ ޕެޓިޝަންގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ދިނުމަށެވެ. އެއީ ސިއްރު ޕެޓިޝަނަކަށް ވާތީ އެ މައުލޫމާތު ދެވެން ނެތްކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށާއި މުންޑޫ ކައުންސިލަށް އަންގާފައިވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
މި މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ލަފައެއް ވެސް ހޯދައިފަ އެވެ. އެގޮތުން، މުންޑޫ ކައުންސިލުން ހޯދަން އެދިފައިވަނީ ތިން ވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ މައުލޫމާތުތަކެއް ކަމަށް ވާތީ އެ ކޮމިޓީން ލަފާ ދިނީ އެ މައުލޫމާތު ނުދިނުމަށެވެ.
އަކްރަމް ވިދާޅުވީ އެއީ ހާމަކޮށްގެން ވާނެ މައުލޫމާތެއް ނޫން ކަމަށް މަޖިލީހުގެ ކޮމިޓީއަކުން ނިންމާފައިވަނިކޮށް، އެ މައުލޫމާތު ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މަސައްކަތް ކުރާތީ ކަންބޮޑުވާ ކަމަށެވެ. އެއީ އެތައް ބައެއްގެ މަސްލަހަތާ ގުޅުން ހުރި މައުލޫމާތަކަށް ވާތީ އެ މައުލޫމާތުތައް ހާމަ ކުރެވެން ނެތް ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.
"މިގޮތަށް މިކަން ހިނގާފައި ވަނިކޮށް ކުއްލިއަކަށް އޯޕަން ހިޔަރިންއެއް ބޭއްވުމަކީ ކޮމިޝަންގެ އަގުވައްޓާލަން ކުރާ ކަމެއް. މިއީ ހިނގާފައިވާ ކަންކަން އޮޅުވާލަން ކުރާކަމެއް،" އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އަޑުއެހުމަށް އީސީގެ ފަރާތުން ހާޒިރުވެ، އެ މައުލޫމާތު ނުދިން ސަބަބު އަނެއްކާވެސް ބުނެދޭނެ ކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރު އަޒީޒް މިއަދު ވިދާޅުވީ، އާންމު އަޑުއެހުމެއް ބާއްވަން ޖެހުނީ އެކި ގޮތްގޮތުން މަސައްކަތް ކުރައްވައިގެން ވެސް އެ މައްސަލައަށް ހައްލެއް ނައުމުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މީގެ ކުރިން އެފަދަ މައްސަލަތައް ހައްލުކޮށްފައި ވަނީ ވާހަކަ ދައްކައިގެންނެވެ. އަދި މިއީ ވާހަކަ ދައްކައިގެން ހައްލު ނުވި ފުރަތަމަ ފަހަރު ކަމަށް ވެސް އަޒީޒް ވިދާޅުވި އެވެ.
މީގެ ފަސް އަހަރު ކުރިން ފާސްކޮށްފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމަށް ބާރުއަޅާ ގާނޫނެކެވެ.