މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ތަންފީޒު ކުރާތާ ފަސް އަހަރު ފަހުން ފުރަތަމަ ފަހަރަށް އާންމު އަޑު އެހުމެއް މާދަމާ ބާއްވަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމައިފި އެވެ.
އެ އަޑު އެހުންތައް ބާއްވަނީ މާދަމާ އާއި ބުދަ ދުވަހުގެ އިތުރުން ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖަހާއިރު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގަ އެވެ.
އީސީން ނުދީގެން އުޅެނީ ލ. މުންޑޫ ކައުންސިލް އިދާރާއިން ބޭނުންވާ މައުލޫމާތުތަކެކެވެ. އެކަމަކު އެއީ ކޮން ކަމަކާ ގުޅޭ މައުލޫމާތެއް ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ވާ ގޮތުން ހޯދަން އެދޭ މައުލޫމާތެއް ނުލިބިއްޖެ ނަމަ، އާންމު އަޑުއެހުމަކަށް ދާން ޖެހެ އެވެ. އެކަމަކު މިއީ އެ ގާނޫނަށް އަމަލްކުރަން ފެށި ފަހުން ރާއްޖޭގައި އެގޮތަށް ބާއްވާ އާންމު ފުރަތަމަ އަޑުއެހުމެވެ.
އާއްމު އަޑު އެހުމުގައި މައުލޫމާތު ހޯދަން ބޭނުންވާ ފަރާތުން މައުލޫމާތު ބޭނުންވާ ސަބަބު ބުނެދޭން ޖެހެ އެވެ. އަދި އެ މައުލޫމާތު ނުދެނީ ކީއްވެގެންކަން އިލެކްޝަންސް ކޮމިޝަނުން ބުނެދޭން ޖެހެ އެވެ. ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު އެ ކަމާ މެދު ގޮތެއް ނިންމާނީ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.
ކޮމިޝަނަރުގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ އެ ނިންމުން ކޯޓުގައި އިިސްތިއުނާފު ކުރެވެ އެވެ.
ކޮމިޝަނާ އަޒީޒް "މިހާރު" އަށް ވިދާޅުވީ އާންމު އަޑު އެހުމެއް ބާއްވަން ޖެހުނީ އެކި ގޮތްގޮތުން މަސައްކަތް ކުރައްވައިގެން ވެސް އެ މައްސަލައަށް ހައްލެއް ނައުމުން ކަމަށެވެ. މީގެ ކުރިން އެފަދަ މައްސަލަތައް ހައްލުކޮށްފައިވަނީ ވާހަކަ ދައްކައިގެން ކަމަށާއި މިއީ ވާހަކަ ދައްކައިގެން ހައްލު ނުވި ފުރަތަމަ ފަހަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް އެ މައުލޫމާތު ފޮނުވުމަށް އެންގުމުން ވެސް އެކަމާ ވެސް އިންކާރުކުރީ [އިލެކްޝަންސް އިން]. އެހެންވީމަ ޑިޕްލޮމެޓިކްކޮށް ވާހަކަ ދައްކައިގެން ހައްލު ނުވީމަ އާންމު އަޑު އެހުމަކަށް ދާން ޖެހުނީ،" އަޒީޒް ވިދާޅުވި އެވެ.
މި މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ ލަފައެއް ވެސް ހޯދައިފަ އެވެ. އެގޮތުން މުންޑޫ ކައުންސިލުން ހޯދަން އެދިފައިވަނީ ތިން ވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ މައުލޫމާތުތަކެއް ކަމަށް ވާތީ އެކޮމެޓީން ލަފާ ދިނީ އެ މައުލޫމާތު ނުދިނުމަށެވެ.
މީގެ ފަސް އަހަރު ކުރިން ފާސްކޮށްފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމަށް ބާރުއަޅާ ގާނޫނެކެވެ.