ރާއްޖޭގެ ރަށެއްގައި ދެމަފިރިއަކު އެހެން ރަށަކުން ގަތް ކަމަށް ބުނާ ތުއްތު ކުއްޖަކު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފި އެވެ.
ކުއްޖާ ގަތް ކަމަށް ބުނާ ދެމަފިރިން އުޅޭ ރަށުގެ ކައުންސިލްގެ ނައިބު ރައީސް "މިހާރު" އަށް ވިދާޅުވިގޮތުގައި އިއްޔެ ހަވީރު ޖެންޑާއިން އެ ރަށަށް ގޮސް އެ ކުއްޖާ އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. ފެންނަފެނުމަށް އެއީ އެއް އަހަރުގެ އަންހެން ކުއްޖެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކުއްޖާއަކީ ދަރިން ނުލިބޭ އެ ރަށު ދެމަފިރިއަކު ދެކުނު އަތޮޅެއްގެ ރަށަކުން ގަތް ކަމަށް ބުނާ ކުއްޖެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ މުއާމަލާތުގެ ތަފްސީލެއް އޭނާއަކަށް ވެސް އެނގިވަޑައެއް ނުގެނެ އެވެ.
ކުއްޖާ ގަތް ކަމަށް ބުނާ ދެމަފިރިންގެ ތެރެއިން ފިރިހެން މީހާއަކީ ތަނަވަސް މީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީން ބުނީ އެއްވެސް މައުލޫމާތެއް އަދި ދެވެން ނެތް ކަމަށެވެ.
ފުލުހުން ބުނީ ކުޑަކުއްޖަކު ވިއްކާލި ކަމަށް ބުނާ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ވެސް ނުދެ އެވެ.