އެކަކަށް ދޫކޮށްލާ ވަރަށް ވުރެ އެމްއޭސީއެލް ބޮޑު، ބަދަލު ގެންނަނީ

ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް މެނޭޖިން ޑިރެކްޓަރަކު އައްޔަން ނުކުރެވި ގިނަ ދުވަސްތަކެއް ވެފައި ވަނީ އެއީ ބޮޑު ކުންފުންޏަކަށް ވެފައި، އެތަނުގެ ހިންގުމުގެ އޮނިގަނޑަށް ބަދަަލުތަކެއް ގެންނަންޖެހޭތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.


މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވި މި ސަރުކާރުން ހުރިހާ ކުންފުނިތަކަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރި އިރު ވެސް، ރާއްޖޭގެ މައި އެއާޕޯޓު ހިންގާ ކުންފުނީގެ އެ މަގާމަށް މީހަކު އައްޔަން ނުކުރެ އެވެ. ކޮންމެ އަހަރަކު ވެސް އެންމެ ބޮޑު ފައިދާވާ އެއް ކުންފުނީގެ ގޮތުގައި އެމްއޭސީލްގެ ހިންގުން ވޭތުވެދިޔަ އަށް މަހު ދޯދިޔާވެފައިވާ ކަމުގެ ތުހުމަތުތަކެއް ކުރެ އެވެ.

އެންމެ ފަހުން އެތަނުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ އާދިލް މޫސާ އެވެ. އެތަނުގައި 26 އަހަރު ޚިދުމަތް ކުރައްވައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރިޓަޔަމެންޓް ޕެކޭޖަކާ އެކު އޭނާ އިސްތިއުފާ ދެއްވީ އެވެ. އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވުމާ އެކު، އާދިލް އިސްތިއުފާ ދެއްވުމުން، އޭގެ ފަހުން އެމްއޭސީއެލް ހިންގަވަނީ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރު މޫސާ ސޯލިހެވެ. އޭނާ އަކީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ބޮޑުބޭބޭފުޅެވެ.

ސަރުކާރުގެ މަސައްކަތްތަކުގެ ތަފްސީލް އާއްމުކުރައްވަން މިދިޔަ ބުރާސްފަތި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ބައްދަލުކުރެއްވުމުން، އެމްއޭސީއެލަށް މެނޭޖިން ޑިރެކްޓަރަކު އައްޔަން ކުރުން ލަސްވަނީ ކީއްވެތޯ "މިހާރު" ން ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ ފުރަތަމަ ކަމަކީ އެ ކުންފުނި ރީސްޓްރަކްޗާ ކުރުން ކަމަށެވެ. މެނޭޖިން ޑިރެކްޓަރަކު ވެސް އައްޔަން ކުރައްވާނީ އޭގެ ފަހުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"އެމްއޭސީއެލް އަކީ މިހާރު ވަރަށް ބޮޑު ތަނެއް. އެއާޕޯޓުގެ ޓެކްނިކަލް އެތައް މަސައްކަތެއް ކުރޭ. ވިޔަފާރި ކުރާ ބައެއް. އެއަށް ބަދަލުތަކެއް ގެނެސް ސީއީއޯ އަކާއި ސީއޯ އަކާއި އެމްޑީންނާއި މިހެން ގޮސް އެތައް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،" ރައީސް ވިދާޅުވި އެވެ.

މި ބަދަލުތައް ގެންނަން، އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިހާރު އަންނަނީ ދިރާސާ ކުރަމުންނެވެ.

"އެމްއޭސީއެލް އަކީ އެކެއްގެ ދަށުގައި ހިންގާ ވަރަށް ވުރެން ބޮޑު ތަނެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ،" ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ވެސް އެންމެ އިސްކަންދޭ އެއް މަޝްރޫއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމެވެ. އެއާޕޯޓުގައި މިހާތަނަށް ހިންގާ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއުގައި ހިމެނޭ ޓާމިނަލްގެ މަސައްކަތް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހަވާލުކުރީ ސައުދީ ބިންލާދިން ގްރޫޕާ އެވެ.

ޔާމީންގެ ސަރުކާރުގެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނުނު އެ މަސައްކަތް ވަކި ހިސާބަކުން އޮތީ ހުއްޓިފަ އެވެ. އަލުން އެކަން ފެށުމަށް މި ސަރުކާރުން ވަނީ ސައޫދީ ފަންޑާ އެކު މަޝްވަރާތަކެއް ކޮށްފަ އެެވެ. ޑިޒައިނަށް ބަދަލު ގެނެސް އާ ޓާމިނަލްގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

އާ ޓާމިނަލް ނިމި، ބޭނުން ކުރަން ފެށުމުން، މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލް ބަދަލުކުރާނީ ޑޮމެސްޓިކް ޓާމިނަލަށެވެ. އެމްއޭސީއެލް އިން ކުރިން ބުނެފައިވާ ގޮތުގައި ޓާމިނަލްގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ 2022 ގަ އެވެ.