ނިޔާޒާއެކު އޭސީސީ އަށް ކުރިމަތިލި މީހުންގެ ނަންތައް ކޮމިޓީ އަށް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުންގެ ދައުރު ހަމަވާތީ، މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމާ އެކު، ގިނަ ބަޔަކު ކުރިމަތިލާފައި ވާއިރު އެ ނަންތައް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.


އޭސީސީގައި މިހާރު ތިއްބެވި ފަސް މެމްބަރުންނަކީ ސެޕްޓެމްބަރު، 2014 ގައި އެ މަގާމަށް އައްޔަން ކުރެއްވި ބޭފުޅުންނެވެ. އެ ބޭފުޅުންގެ މެމްބަރުކަމުގެ ދައުރު އަންނަ ސެޕްޓެމްބަރު މަހު ހަމަވާނެ އެވެ. އޭސީސީގައި ތިއްބަވާނީ ރައީސް އާއި ނައިބު ހިމެނޭ ގޮތަށް ފަސް މެމްބަރުންނެވެ.

މެމްބަރުކަމަށް ކުރިމަތިލި އެންމެންގެ ނަންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލިހަށް ފޮނުއްވި އެވެ. ރައީސް މަޖިލިހަށް ފޮނުއްވި ސިޓީގައި ވަނީ ނަންތައް ދިރާސާ ކުރުމަށް ފަހު، ކޮމިޝަނަށް މެމްބަރަކު އައްޔަންކޮށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެކަމަކު، ރައީސްގެ ސިޓީފުޅުގައި ކޮމިޝަނަށް އައްޔަން ކުރަން ފެންނަ 12 ނަމެއް ރައީސް ފާހަގަކުރެއްވި އެވެ.

އޭސީސީގެ މެމްބަރު ކަމަށް ޖުމްލަ 68 މީހަކު ކުރިމަތިލި އެވެ.

ރައީސް ފާހަގަ ކުރެއްވި ނަންތަކުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޮޑިޓަ ޖެނެރަލް ކަން ކުރެއްވި ނިޔާޒް ވެސް ހިމެނިވަޑައިގަންނަވަ އެވެ. އޭސީސީ އަށް ކުރިމަތިލި މީހުންގެ ތެރޭގައި ދެން ހިމެނެނީ އޭސީސީގެ މިހާރުގެ މުވައްޒަފުންނާއި ކުރީގެ މުވައްޒަފުންނެވެ.

އެގޮތުން އޭސީސީގެ ސެކްރެޓަރީ ޖެނެރަލަކަށް ކުރިން ހުންނެވި މުޖުތަބާ ހަމީދާއި އޭސީސީގެ މިހާރުގެ ބައެއް މުވައްޒަފުން ކަމަށްވާ އާރިފް ރަޝީދާއި ޒީނިޔާ އަބްދުﷲ އާއި އަބްދުﷲ މިޒްއާނާއި އާދަމް ޝާމިލް ވެސް ކުރިމަތިލެއްވި އެވެ. އޭގެތެރެއިން ޒީނިޔާ އަކީ ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ.

ރައީސް ފާހަގަކުރެއްވި 12 ނަން:

1- ފާތުމަތު އަނޫލާ، ގ. ވަޑިނޮޅުގެ

2- އާރިފް ރަޝީދު، ބާޑްވިލާ، ބ. ތުޅާދޫ

3- ޒީނިޔާ އަބްދުﷲ، މަދޮށިމާގެ، ހއ. ބާރަށް

4- އިބްރާހިމް ޝަކީލް، ދަފްތަރު ނަންބަރު 3654

5- އައިޝަތު އަބްދުﷲ، ރޯލްގޯލްގެ، ޅ. ހިންނަވަރު

6- މަރިޔަމް ޝިއުނާ، ނެދުންގެ، ސ. ހިތަދޫ

7- މުޖުތަބާ ހަމީދު، ދީފްރަމްގެ، ރ. ކަނދޮޅުދޫ

8- އަލީ އަޝްރަފް، ދަފްތަރު ނަންބަރު 3366

9- މަރިޔަމް އަހުމަދު، ގ. ޓްރަސްޓްހޯމް

10- ނިޔާޒް އިބްރާހިމް، ގްރޫމް، ގދ. ތިނަދޫ

11- އަބްދުﷲ މިޒްއާން، ރަތްވިލާގެ، ފ. މަގޫދޫ

12- އާދަމް ޝާމިލް، ރަތްވިލާގެ ތ. ވިލުފުށި

އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި މިހާރުގެ މެމްބަރުން ހިމެނިވަޑައެއް ނުގަންނަވަ އެވެ. މުޅިން ވެސް ތިއްބެވީ އެ ކޮމިޝަނަށް އަލަށް ކުރިމަތިލި މީހުންނެވެ.

އޭސީސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ އެ ކޮމިޝަންގެ ރައީސް މުއައްވިޒް ރަޝީދާއި ނައިބު ރައީސް އައިމިނަތު މިންނާ އާއި މެމްބަރު ސަފްވަތު މުހައްމަދާއި ޔަޒްމީދު އަހުމަދެވެ. އޭސީސީގެ ރައީސް ކަމުގައި ކުރިން ހުންނެވި ހަސަން ލުތުފީ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭސީސީގެ ގާނޫނު ބުނާ ގޮތުން ކޮމިޝަންގައި އެންމެ ގިނަވެގެން ހުރެވޭނީ ދެ ދައުރުގެ މުއްދަތަށެވެ.

އޭސީސީއަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމުގެ ގާނޫނީ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ ގާނޫނީ މިނިވަން ޝަހްސެވެ.

އޭސީސީގެ އިތުރުން ވެސް މިނިވަން މުއައްސަސާތައް މިދިޔަ ފަސް އަހަރުގެ ތެރޭގައި އެކަށީގެންވާ ގޮތުގައި ގާނޫނީ ޒިންމާ އަދާ ނުކުރާ ކަމުގެ ޝަކުވާ ވަރަށް ބޮޑެވެ. ނަތީޖާއަކަށް ވީ މުޅި ނިޒާމަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ލިބުމެވެ. މުޅި ނިޒާމް ރަނގަޅުކޮށް، މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަކީ މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދެކެވެ.