ރާ ވިއްކުމުގެ މައްސަލައިގައި އަލީ ވަހީދާ ޒުވާބުކޮށް، ޖާބިރު ކޮމިޓީން ނުކުންނަވައިފި!

ރާއްޖޭގެ ރިސޯޓުތަކުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދީފައިވީ ނަމަވެސް ކެސިނޯ ހިންގުމަށް އެފަދަ ހުއްދައެއް ނެތުމުން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ޒުވާބު ކުރައްވައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ދޫކުރައްވައި މިއަދު ވަޑައިގެންފި އެވެ.


ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ދޫކުރައްވައި ޖާބިރު ނުކުންނެވި އިރު، މަޖިލީހުގެ ޖަލްސާގައި ވެސް މިއަދު ފެނުނީ އޭނާ ވަރަށް ބޮޑަށް ރުޅި އިސްކުރައްވައިގެން އުޅުއްވި ތަނެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މެމްބަރުން އައްޔަން ކުރެއްވުމާ ގުޅޭ ގޮތުން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަނިކޮށް ޖާބިރު ނިޒާމީ މައްސަލައެއް ނަންގަވައި އެއްސެވީ "ދައުލަތުގެ ޚަޒާނާގެ ތަޅުދަނޑި" މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅުގައި އޮތްތޯ އެވެ.

އެއީ ނިޒާމީ މައްސަލައެއް ކަމަށް ބަލައިގަނެވެން ނެތް ކަމަށް ރިޔާސަތުން ނަޝީދު ވިދާޅުވުމުން ވެސް ދޫ ނުދެއްވައި ސުވާލާ ގުޅުވައި އިތުރު ޝަކުވާތަކެއް ޖާބިރު ކުރެއްވި އެވެ. ޖާބިރުގެ ނަން ރިޔާސަތުން އިއްވުމާ އެކު، ޖާބިރު އަމިއްލަ އަށް ޖަލްސާ އިން ނުކުމެވަޑައިގަތީ އެވެ.

އޭގެ އިރުކޮޅެއް ފަހުން ބޭއްވި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވެސް ފެނުނީ ޖާބިރަށް ރުޅި ކޮންޓްރޯލް ނުކުރެއްވިގެން އުޅުއްވި މަންޒަރެވެ.

ކޮމިޓީގައި ޖާބިރު ޒުވާބުކުރައްވާ ވީޑިއޯ

ޖާބިރު ފުރަތަމަ ކުރެއްވި ސުވާލަށް މިނިސްޓަރު އަލީ ވަހީދު ޖަވާބު ދެއްވުމުން ދެ ވަނަ ފުރުސަތެއް ހޯއްދަވައި ވަރަށް ހަމަޖެހިވަޑައިގެން އިންނަވައި ވިދާޅުވީ ކުރުކޮށް ތިން ހަތަރު ސުވާލެއް ކުރައްވަން ބޭނުންވާ ކަމަށެވެ. އެ ސުވާލުތަކަށް ޖާބިރު އެދިވަޑައިގަތީ މިނިސްޓަރު ވެސް "ވަރަށް ކުރުކުރުކޮށް" ޖަވާބު ދެއްވުމަށެވެ.

އެއާ އެކު، ފުރަތަމަ ވެސް ޖާބިރު އެއްސެވީ ރާއްޖޭގައި ކެސިނޯ އަޅަން މިނިސްޓަރަށް ހުރަސް އެބައޮތްތޯ އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ކުރިއަށް ދަނީ. --ފޮޓޯ/މަޖިލީސް

އިތުރު ސުވާލެއް ކުރައްވަން ޖާބިރަށް ފުރުސަތު ނުދެއްވައި މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ނިޒާމީ މައްސަލައެއް ނަންގަވައި އެދިވަޑައިގަތީ ކެސިނޯ އެޅުމުގެ ވާހަކަ ކޮމިޓީގައި ނުދެއްކެވުމަށެވެ.

ރައްދުގައި ޖާބިރު ވިދާޅުވީ އާދަމް ޝަރީފަކީ ކެތްތެރިކަން ކުޑަ މެމްބަރެއް ކަމަށާއި ކޮމިޓީގައި "ލަމްބާ ޗޯޅާ" ވާހަކަ ދެއްކެވި އިރު ވެސް އަޑުއެއްސެވި ކަމަށެވެ. ކޮމިޓީގައި އޭނާ ކުރައްވާ މަސައްކަތަށް ވެސް ހުރަސް ނޭޅުއްވުމަށް ޖާބިރު އެދިވަޑައިގަތެވެ.

މިނިސްޓަރަށް ޖާބިރުގެ ސުވާލު ތަކުރާރު ކުރައްވައި އެއްސެވީ ރާއްޖޭގައި ކެސިނޯ އެޅުން މަނާކުރަނީ ކޮން ގާނޫނަކުންތޯ ކަމަށެވެ. ސުންނީ މުސްލިމު ގައުމެއްގައި ބަނގުރަލާއި އޫރު މަސް ވިއްކަން ހުއްދަ ދެނީ ކާކުތޯ ވެސް އޮޅުންފިލުއްވައި ދެއްވަން އެދިވަޑައިގަތެވެ.

ތިން ވަނަ ސުވާލު ކުރެއްވީ ދައުލަތަށް އާމްދަނީ ނުލިބޭ ގޮތަށް ވިއްކާ ރަށްތަކުގެ އަދަދާ ގުޅޭ ގޮތުންނެވެ. އެ ސުވާލުތަކުގެ ބޭނުމަކީ "މިވަގުތުން ވަގުތަށް ރަލާއި ބަނގުރާ ވިއްކުން ރާއްޖޭގައި ހުއްޓުވާލުން" ކަމަށް ވިދާޅުވި އެވެ.

ޖާބިރުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގައި ކެސިނޯ އަޅަން މި ސަރުކާރުން ހުއްދައެއް ނުދޭނެ ކަމަށެވެ. ޓޫރިޒަމްގެ ސިނާއަތު ކުރިއަށް ގެންދާނީ އިސްލާމްދީނުގެ ރުކުންތަކާއި ސިފަތައް ހިމާޔަތްވާ ގޮތަށް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ޖާބިރު ކުރެއްވި ސުވާލުގެ ޖަވާބަކީ ނޫނެކޭ އަލީ ވަހީދު ވިދާޅުވުމާ އެކު، ޖާބިރު އަޑުގަދަ ކުރައްވަން ފެއްޓެވި އެވެ. ބަނގުރާ ވިއްކަނީ ކޮން ގާނޫނަކުންތޯ ސާފުކޮށްދެއްވަން ގޮވާލައްވަމުން ގެންދެވި އެވެ. ގާނޫނު ނަމްބަރު ވެސް ވިދާޅުވެ ދެއްވުމަށް އެދިވަޑައިގަތެވެ.

މިނިސްޓަރު އަލީ ވަހީދު ޖަވާބު ދެއްވުމުން ވެސް ޖާބިރު ތަކުރާރު ކުރައްވަނީ އެއް ސުވާލެއް ކަމަށް ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވި އެވެ. ޖާބިރަށް ޖަވާބު ސާފުކޮށްދެއްވޭތޯ ބައްލަވާނެ ކަމަށް ވިދާޅުވެ، އަލީ ވަހީދު ވާހަކަ ފެއްޓެވުމުން ވެސް ޖާބިރު އަޑުގަދަކުރައްވަމުން ގެންދެވީ ބަނގުރާ ވިއްކަނީ ކޮން ގާނޫނަކުންތޯ ސާފުކޮށްދެއްވަން އެދިވަޑައިގެންނެވެ.

ޖާބިރަށް ނިސްބަތް ކުރައްވައި "މަނިކުފާނަކީ ވެސް ރިސޯޓް ހިންގަވާ ބަނގުރާ ވިއްކެވި ބޭފުޅެކޭ" އަލީ ވަހީދު ވިދާޅުވުމުން ޖާބިރު އެކަން ދޮގު ކުރެއްވި އެވެ. އެއާ އެކު، އެހެން މެމްބަރަކަށް ފުރުސަތު ދެއްވުމުން ވެސް ޖާބިރު ގެންދެވީ ހިތްހަމަނުޖެހުން ފާޅުކުރައްވަމުންނެވެ.

"ސުންނީ މުސްލިމު ގައުމެއްގައި ބަނގުރާ ވިއްކަނީ ކަލޭމެން، ބަންދުކުރޭ" ކަމަށް ޖާބިރު ވިދާޅުވި އެވެ. އެއާއެކު ގޮނޑިން ތެދުވެވަޑައިގެން ވެސް މިނިސްޓަރާ މެދު ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.

މައްސަލަ ހޫނުވުމުން، ކޮމިޓީެގ މުގައްރިރު ފަލާހް އެދިވަޑައިގަތީ ކޮމިޓީ ދޫކުރައްވައި ޖާބިރު ވަޑައިގަތުމަށެވެ. ކޮމިޓީން ނުކުމެވަޑައިގަތީ ވެސް "މީ ބަނގުރާ ވިއްކާ މީހުން ކަމަށް" ވިދާޅުވަމުންނެވެ.