މީޑިއާގެ މިނިވަންކަމުގެ އަހުދުނާމާގައި ރާއްޖެއިން ސޮއިކޮށްފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިންނަށް ކުރިމަތިވަމުންދާ ނުރައްކަލުން ސަލާމަތްކޮށް ނޫސްވެރިންނަށް ރައްކާތެރިކަން ދިނުމަށް ގައުމުތައް ގުޅިގެން މަސަައްކަތް ކުރުމުގެ އަހުދުގައި ރާއްޖެއިން ސޮއިކޮށްފި އެވެ.


މީޑިއާގެ މިނިވަންކަމުގެ އަހުދުގައި ރާއްޖެއިން ސޮއިކުރީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި އިއްޔެ ފެށި، މީޑިއާގެ މިނިވަންކަމުގެ ބައިނަލް އަގުވާމީ މަހާސިންތާގެ ހަވާސާގަ އެވެ. އެ އަހުދުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ފަރަހަނާޒް ފައިސަލް އެވެ.

މީޑިއާގެ މިނިވަންކަމުގެ އަހުދުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ނޫސްވެރިންނާއި މީޑިއާތަކަށް ނުރައްކާ ކުރިމަތިވާ ހާލަތްތަކުގައި މައުލޫމާތު ހިއްސާކުރުމާއި ފިޔަވަޅު އެޅުމުގައި ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުން ހިމެނެ އެވެ. އޭގެ އިތުރުން މީޑިއާގެ މިނިވަން ކަމަށް އެއްވެސް ބަޔަކު ހުރަސް އަޅާ ނަމަ އެކަން އާއްމުންގެ ސަމާލުކަމަށް ގެނައުމާއި އެފަދަ އަމަލުތައް ހިންގާ މީހުންނަށް ފިޔަވަޅު އެޅުމަކީ ވެސް އަހުދުގައި ސޮއިކުރި ގައުުމުތަކުން ކުރަން އެއްބަސްވި ކަމެކެވެ.

މީޑިއާގެ މިނިވަންކަމާ ގުޅޭ ހައްގުތައް ވެސް ހިމެނޭ ގޮތުން އިންސާނީ ހައްގުތަކަށް އަރައިގަތުން ހުއްޓުވުމަށް ޓަކައި އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ވެސް އެ ގައުމުތަކުން ވައުދުވި އެވެ. މީގެ އިތުރުން ވެސް މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމަށް ކުރާނެ ގިނަ ކަންތައްތަކެއް ގައުމުތަކުން ސޮއިކުރި އެ އަހުދުގައި ހިމެނެ އެވެ.

މީޑިއާގެ މިނިވަންކަމުގެ ބައިނަލްއަގުވާމީ މަހާސިންތާގައި އެކި ގައުމުތަކުގެ ސަރުކާރުތަކުގެ މަންދޫބުންނާއި ގިނަ އަދަދެއްގެ ނޫސްވެރިން ބައިވެރިވި އެވެ. އިއްޔެ ފެށި އެ މަހާސިންތާ ނިންމާލީ މިއަދު އެވެ.