ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅު ޕޯސްޓަރެއް: ކުޑަކުއްޖަކަށް ބަރަހަނާ މަންޒަރުތަކެއް ދެއްކި މީހެއްގެ ޖަލު ހުކުމް ހައި ކޯޓުން ވަނީ ދަމަހައްޓާފައި -- ފޮޓޯ/މިހާރު
22 ޖުލައި 2019 - 18:38
ކުޑަކުއްޖަކަށް އައިޕެޑަކުން ބަރަހަނާ މަންޒަރުތަކެއް ދެއްކި މީހަކު ހަތް އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
މެއި، 2014 ގައި ނ. އަތޮޅު ރަށެއްގެ މީހަކު އައިޕެޑަކުން ކުޑަކުއްޖަކަށް ބަރަހަނާ މަންޒަރުތަކެއް ދެއްކި މައްސަލާގައި ދައުލަތުން އެ މީހާއަށް ދައުވާކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ މީހާ ހަތް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2016 ގަ އެވެ.
އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް މިއަދު ނިންމީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ފިރިހެނުން ހަޑި ކަންތައްތައް ކުރާ މަންޒަރު އައިޕެޑުން އެ މީހާ ދެއްކި ކަމަށް ކުޑަކުއްޖާގެ ބަޔާނުގައި ބުނެފައިވާ ކަމަށާއި އަދި އޭގެ މާނައަކީ ފިރިހެނުން ޖިންސީ އަމަލު ހިންގާ މަންޒަރު ދެއްކުން ކަން އެ ކުއްޖާގެ މުޅި ބަޔާނަށް ބެލުމުން އެނގޭ ކަމަށެވެ. އަދި ކުޑަކުދިންގެ ބަހުރުވައިގައި "އޮރިޔާން މަންޒަރު" އެގޮތަށް އަކުރުން އަކުރަށް ބުނެފައި ނެތަސް، އެ ކުއްޖަކު ސިފަކޮށް ދެނީ ކޮން އެއްޗެއް ކަން އެނގެން އޮތް ނަމަ އަދި ސިފަކޮށް ދެނީ ޖިންސީ އަމަލެއް ކަން އެނގޭ ނަމަ އެ ސިފަކޮށް ދިނުން ގާނޫނުގެ ބޭނުމަށްޓަކައި ފުދޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލާގައި އެ ކުއްޖާއަށް ދެއްކި މަންޒަރުތަކަކީ ދައުވާ ލިބުނު މީހާ ކުޅުނު މަންޒަރުތަކެއްތޯ ސާބިތުކޮށްދޭން ނުޖެހޭ ކަމަށާއި އެ މައްސަލާގައި ސާބިތުކޮށްދޭން ޖެހޭނީ ބަރަހަނާ މަންޒަރެއް ދެއްކި ކަން އެކަނި ކަމަށް އެ ހުކުމުގައިވެ އެވެ. އެ މައްސަލާގައި ހިމެނޭ އައިޕެޑްގެ ފޮރެންސިކް ތަހުލީލު ރިޕޯޓުގައި، އޭނާގެ ޓެބްލެޓާއި ލެޕްޓޮޕުން ބަރަހަނާ މަންޒަރު ދައްކުވައިދޭ ގިނަ އަދަދެއްގެ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާ ކަމަށް ބުނެފައި އޮތުމުން އެ ކުއްޖާ ކިޔައިދޭ ކިޔައިދިނުމާއި އެ ކުއްޖާގެ މަންމަ ދީފައިވާ ބަޔާނާ ދިމާވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ ފޮޓޯ އާއި ވީޑިއޯތަކަކީ ދައުވާ ލިބޭ މީހާ ޑައުންލޯޑްކުރި އެއްޗެއް ކަން ދައުލަތުން ކޮންމެހެން ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެ ހުކުމުގައިވާ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނުގެ ދަށުން ކުށް ސާބިތުވުމަށް ބޭނުންވާ މިންވަރަށް އެ މައްސަލާގައި ހެކި ލިބިފައިވެ އެވެ.
އެކަންކަން ފާހަގަކޮށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ނިޔާޒެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާސްމީން
22 July 2019
ހަމަ ރަނގަޅު ހުކުމެއް. އެކަމަކު މައްސަލައަކީ ބައެއް މީހުން ކުޑަކުދިންނާ ބެހުނީމަވެސް އެމީހުން ކޮންމެވެސްގޮތަކުން ޝަރީއަތުން ދޫކޮއްލާތީ. ހަމަހަމަ ވާން ޖެހޭ.
ތަމީމް
22 July 2019
ދެއްކީ ބަރަހަނާ މަންޒަރުތަކެއް ހިމެނޭ ވޯޑިއޯ ކަމަށްވާ ނަމަ، އެ ކުށް ކުރި މީހާގެ މައްޗަށް ކުރަން ޖެހޭނީ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން ކުޑަ ކުއްޖަކަށް އޮރިޔާން ކާޑު ދެއްކުމުގެ ކުށުގެ ދައުވާ. އެއީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ އަމަލަކަށް ނުވާނެ! ވާނީ ކުޑަ ކުއްޖަކަށް އެފަދަ އަމަލެއް ދެއްކުމުގެ އަމަލަކަށް!
ރެޑްމޭން
22 July 2019
ކުޑަކުއްޖަަކަށް އެފަދަ މަންޒަރު ދެއްކުމަކީ ޖިންސީ ގޯނާއެކެވެ. ކޮންމެހެން ގަޔަށް އަތްނުލިއަސް އެވާނީ ހަމަ ގޯނާއަށެވެ.
ރިރި
22 July 2019
އުމުރު ނުފުރޭ ކުދިންނަށް މި ދައްކާ މީހުން ނަށް ވެސް ހުކުމެއް އަނަންޖެހޭ...ނުބައި ނިޔަތެއް އޮތީމަ މި ކަހަލަ ކަން ކަން ކުރާނީ.
ތަމީމް
23 July 2019
ނުބައި ނިޔަތެއް އޮތުމަކީ، ހުކުމެއް އަންނަން ޖެހޭ ސަބަބެއް ނޫން!!